ސުޕާސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި ހާއްސަ ސްކޮލާޝިޕް ސްކީމެއް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ތައާރަފް ކޮށްފި އެވެ.
މިއީ ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުގެ އޮފީސްތަކުގެ ތިން އަހަރު ދުވަހުގެ "ޓްރެއިނިންގް ނީޑްސް" ގައި ފާހަގަކުރެވިފައިވާ، ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކީމެކެވެ.
ހަޔާ އެޑިޔުކޭޝަނުން ބުނީ ސުޕާ ސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލާއި ހަ ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށް ކަމަށެވެ.
ހަ ރީޖަނަލް ހޮސްޕިޓަލަކީ:
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
- ލ. ގަން ރީޖަނަލް ހޮސްޕިޓަލް
- ޑރ. އަބްދުސަމަދް މެމޯރިއަލް ހޮސްޕިޓަލް
- ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- މ. މުލީ ރީޖަނަލް ހޮސްޕިޓަލް
އެ ހޮސްޕިޓަލްތަކުން ސުޕާސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން 10 ދާއިރާއަކުން ތަމްރީނުކުރުމަށް އެދިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެދިފައިވާ ދާއިރާތަކަކީ:
- ނެފްރޮލޮޖީ
- ކާޑިއޯ ވަސްކިއުލާ
- ތޮރޭސިކް ސާޖަރީ
- އެންޑޯކްރައިނޮލިޖީ އެންޑް ޑައިބެޓިކް
- ގޭސްޓްރޯއެންޓިރޯލޮޖީ
- ހެޕަޓޮލޮޖީ
- އިންޓާވެންޝަނަލް ރޭޑިއޮލޮޖީ
- މެޑިކަލް އޮންކޮލޮޖީ
- ޕީޑިއެޓްރިކް ނިއުރޯލޮޖީ
- ރިއުމަޓޮލޮޖީ
- ސަރޖިކަލް އޮންކޮލޮޖީ
މި ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.











