ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ލިބެންޖެހޭ ފައިސާ ނުލިބި، އަހަރުން އަހަރަށް ގެއްލުންވަމުންދާތީ، އެ ކުންފުނީގެ މާލީ މުސްތަގުބަލާމެދު އޮޑިޓު އޮފީހުން އަނެއްކާވެސް ސުވާލު އުފައްދައިފި އެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ވެމްކޯގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ވެސް ކުނި އުކައިދިނުމުގެ ހިދުމަތަށް 73.5 މިލިއަން ރުފިޔާ ވަނީ ނުލިބި އެވެ.
އެހެން ހިދުމަތްތަކާ މުދަލާއެކު ވެމްކޯއަަށް އެ އަހަރުގެ ނިޔަލަށް ލިބެންޖެހި ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 97.5 މިލިއަން ރުފިޔާއަށް އަރާކަމަށް ރިޕޯޓުގައި ބުންޏެވެ.
އެއާއެކު މީގެ ކުރީ އަހަރުތަކެކޭ ވެސް އެއް ފަދައިން، 2020 ވަނަ އަހަރު ވެމްކޯއިން ވަނީ 95.1 މިލިއަން ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފަ އެވެ.
މިގޮތުން ބަލާއިރު، މީގެ ކުރީ އަހަރުތަކުގައި ވެފައިވާ ގެއްލުންތަކާއެކު، ވެމްކޯއަށް ލިބިފައިވާ ޖުމްލަ ގެއްލުމުގެ އަގު 2020 ވަނަ އަހަރުގެ ނިޔަލަށް 276.4 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކަ އެވެ.

އިތުރުވަމުންދާ ގެއްލުމާއެކު، ވެމްކޯ ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެކަމާމެދު އޮޑިޓު އޮފީހުން ދެކޭ ދެކުން ބަދަލުނުވާކަމަށް އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވެއެވެ.
ގޭބިސީތަކުން އުކާލާ ކުނީގެ އިތުރުން އާންމު ފަރާތްތަކުން ހިދުމަތަށް އަގު ނުދެއްކުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެމްކޯއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެހެން އިދާރާތަކުގެ މައުލޫމާތުތަކަށް ބަލާއިރު މާލޭގައި 47،000 ގޭބިސީ ހުރި ކަމަށް ދައްކާއިރު، ވެމްކޯ ގައި ރަޖިސްޓްރީ ކޮށްފައިވަނީ އޭގެ ތެރެއިން 16،000 ގޭބިސީ އެވެ.
މީގެ ސަބަބުން، ވެމްކޯގައި ރަޖިސްޓްރީނުކޮށް އަދި ފައިސާ ނުދައްކާ، ގިނަ ފަރާތްތަކުން އެ ކުންފުނި މެދުވެރިކޮށް ކުނި އުކަމުންދާކަމުގެ ޝަކުވާ ބޮޑެވެ.
އެއާއެކު، ވެމްކޯއިން މިހާރު ވަނީ ގަވާއިދަށް ބަދަލު ގެނެސް، ގޭގެ ވެރިފަރާތުން ހިދުމަތަށް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަމަޖައްސައި މަގުމަތިން ކުނި ނެގުން ހުއްޓާލައިފަ އެވެ.
އެ ބަދަލާއެކު ގޭބީސީތަކުން ފައިސާ ނުދައްކާ މައްސަލަ އަށް ފާހަގަ ކުރެވޭ ހެޔޮ ބަދަލެއް އައިސްފައިވާކަމަށް ވެމްކޯއިން ބުނެ އެވެ.











