އިންޑިއާގެ ނާގަލޭންޑްގައި މި މަހު 26 ގައި އޮންނަ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމު އެކުލަވާލައިފި އެވެ.
ސާފްގެ ގައުމުތަކުން ހާހެއްހާ އެތުލީޓުން ވާދަކުރާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ތިން ފިރިހެން އެތުލީޓުންނާއި ތިން އަންހެން އެތުލީޓުންނެވެ.
މުބާރާތަށް ހޮވާފައިވާ ފިރިހެން އެތުލީޓުންނަކީ ނަސީރު ސްޕޯޓްސް ކްލަބްގެ ހުސައިން ފަޒީލް ހާރޫންގެ އިތުރުން މެރަތަން ރަނާސްގެ ދެ ދުވުންތެރިން ކަމަށްވާ އިރުފާން މުހައްމަދު އާއި ޔޫސުފް އިބްރާހިމް އެވެ.
އަންހެން ތިން އެތުލީޓުންގެ ތެރޭގައި ވެސް މެރަތަން ރަނާސްގެ ދެ ދުވުންތެރިން ހިމެނެ އެވެ. އެއީ އާއިޝަތު ރާނިޔާ އާއި އާއިޝަތު ރިޝްމީ އެވެ. މި ދެ ދުވުންތެރިންގެ އިތުރުން ދެން ޓީމުގައި ހިމެނެނީ ކުޑަހުސައިން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ޢަބްދުލް ކަރީމް އެވެ.
މި ޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ، ނަސްރުﷲ އަހުމަދު (ނަސްރު) އެވެ. ނަސްރު އަކީ މެރަތަން ރަނާސްގެ ކޯޗެވެ. ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުގައި ނަސްރު އެކެޑަމީގެ ހަތަރު އެތުލީޓުން ހިމެނެ އެވެ.
ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް ކުރިން ބާއްވަން ތާވަލްކޮށްފައި އޮތީ މި އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ނަމަވެސް ކޮވިޑްގެ އެންމެ ފަހުގެ ވޭރިއަންޓް އޮމިކްރޯންއާ ހެދި ސާކްގެ ގައުމުތަކަށް ދަތުރުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު މުބާރާތް މާޗު މަހަށް ފަސްކުރީ އެވެ.
މި މުބާރާތަކީ އިންޑިއާގެ އެންމެ އިރުމަތީގައި އޮންނަ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ނާގަލެންޑްގައި ބައްވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕާއިއެކު އިންޑިއާގެ 56 ވަނަ ނެޝަނަލް ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްވެސް ކުރިއަށްދާނެ އެވެ.











