ތައިރޮއިޑް ސާޖަރީއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މާލެ ވަޑައިގެންފި އެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން ރައީސް ސޯލިހު ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު, މިދިޔަ މަހުގެ 25 ވަނަ ދުވަހު ތިން ގަޑިއިރުގެ ތައިރޮއިޑް ސާޖަރީއެއް ކުރެއްވި އެވެ. އެ ވަގުތު ރައީސް ކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ސާޖަރީއަށްފަހު އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ނަމަވެސް, އެމަނިކުފާނު އޮންނެވީ ހާލުކޮޅު ރަނގަޅުވަންދެން ހޮސްޕިޓަލުގަ އެވެ. އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖުކުރީ ސާޖަރީއަށް ހަތަރު ދުވަސް ފަހުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީހާލުކޮޅު ރަނގަޅު ކަމަށެވެ. ކުޑަ ދުވަސްކޮޅެއް ތެރޭ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވަނީ އެމަނިކުފާނު ސާޖަރީއަށް ވަޑައިގަތުމުން އެމަނިކުފާނަށްޓަކައި ހެޔޮ ދުއާ ކުރެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.












