ސިންގަޕޫރުގައި ތައިރޮއިޑްގެ ސާޖަރީއެއް ފުރިހަމަކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯއެއް އާންމުކޮށްފި އެވެ.
މި ފޮޓޯ ޓްވިޓާގައި އާންމުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެވެ.
"ރައީސްގެ ސާޖަރީއަށް ފަހު ހެޔޮ ހާލުކޮޅުގައި ބައްދަލުވެ ހާލު އޮޅުންފިލުވާލެވުނު. އިރާދަކުރެއްވީތީ ރަނގަޅު ކަމާއި ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި،" އެ ފޮޓޯ އާންމު ކުރައްވަމުން މޫސާ މަނިކު ވިދާޅުވެފައިވެ އެވެ.
މި ފޮޓޯ އިން އެމަނިކުފާނުގެ ސާޖަރީ ކުރެއްވި ތަން ފާހަގަވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ރީކޯ މޫސަ އަކީ ރައީސް ސޯލިހުގެ އަރިސް ބޭފުޅެކެވެ. ރައީސް ސޯލިހު މިފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ގިނަ ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ އަރިހުގައި އޭނާ ބައިވެރިވެ އެވެ.

ފެބްރުއަރީ 23، އިން ފެށިގެން އެމަނިކުފާނު ހުންނެވީ ސިންގަޕޫރުގަ އެވެ. އަދި ފެބްރުއަރީ 25، ގައި ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވި އެވެ. އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލީ އޭގެ ހަތަރު ދުވަސް ފަހުންނެވެ.
އެމަނިކުފާނު ސާޖަރީގައި ހޭދަވި ވަގުތުގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ރައީސް ސޯލިހު ވަނީ ސާޖަރީ އަށް ފަހު އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ.
އެމަނިކުފާނު ރާއްޖެ އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.












