ރިޕޯޓުއެލޭނާ ބްރެވްކޯ: ދިވެހި ދަރިވަރުންގެ ޔޫކްރެއިން "މަންމަ"

އެލޭނާ ބްރެވްކޯ: ދިވެހި ދަރިވަރުންގެ ޔޫކްރެއިން "މަންމަ"

އިވާނޯގައި ދިރިއުޅުނު އެލޭނާ އަކީ ދިވެހި ދަރިވަރުންނާ ގާތް ގުޅުމެއް އޮންނަ މީހެއް. ހަނގުރާމަ ފެށުމުން ދިވެހި ދަރިވަރުންގެ ކަންކަން އޭނާ ގާތުން ބަލައި ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް އެހީތެރިވި. މިވަގުތު އޭނާ ހުރީ ރާއްޖޭގައި.

އެލޭނާ ބްރެވްކޯ "އަދަދު" އަށް އިންޓަވިއު ދެނީ. ދިވެހި ދަރިވަރުންގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގައި އިސް ދައުރެއް އަދާކުރި. މިވަގުތު އޭނާ ހުރީ ރާއްޖޭގައި -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
އެލޭނާ ބްރެވްކޯ "އަދަދު" އަށް އިންޓަވިއު ދެނީ. ދިވެހި ދަރިވަރުންގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގައި އިސް ދައުރެއް އަދާކުރި. މިވަގުތު އޭނާ ހުރީ ރާއްޖޭގައި -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ރައީސް ވްލެޑިމިއާ ޕުޓިންގެ އަމުރަށް، ޔޫކްރެއިން ހިފުމަށް ރަޝިޔާ އިން ހަމަލާދެމުންދާކަމުގެ ހަބަރު ލިބުމާއެކު އެލޭނާ ބްރެވްކޯ އެންމެ ފުރަތަމަ ވެސް ގުޅީ ހަމްނާ އަހުމަދަށެވެ.

އޭނާ ދިރިއުޅެމުންދިޔަ ގޭގެ މަތިން އުދުހޭ ހަނގުރާމަ މަތީ ޖެޓުތަކުގެ އަޑު އެއިރު އެލޭނާއަށް އިވެ އެވެ. އޭނާ ދިރިއުޅެނީ އިވާނޯގަ އެވެ. އެއީ ހަމްނާ ހިމެނޭ ގޮތަށް ވަރަށް ގިނަ ދިވެހި ދަރިވަރުން ދިރިއުޅޭ ސިޓީއެކެވެ. އެތަނުގައި ޔޫކްރެއިނުގެ މިލިޓަރީ ބޭހެއް ހުރެ އެވެ.

އެލޭނާގެ ބަހުން ނަމަ ހަމްނާއަކީ އެލޭނާގެ "ދެ ވަނަ ދަރި" އެވެ. ހަމްނާ ވެސްް އެލޭނާ، 52، އަށް ގޮވަނީ މަންމަ ކިޔައިފަ އެވެ. ހަނގުރާމަ ފެށުމާއެކު އެލޭނާގެ ފުރަތަމަ އިހްސާސަކަށްވީ ހަމްނާއަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމެވެ.

"އެންމެ ފުރަތަމަ މަސައްކަތްކުރީ [ބޮން] ޝެލްޓަރެއް ހޯދުމަށް. އަހަރެން ބުނިން އޭނަ ކައިރީގައި ދާށޭ. ނުވަތަ، މަސްލަހަތު ރަނގަޅު ނަމަ އަހަރެންނާ ހަމައަށް އައުމަށް ބުނިން. ނޫނީ އަހަރެން އެ މީހުން ކައިރިއަށް ދާން ވެސް އުޅުނިން،" އެލޭނާ މާލޭގައި ހުރެ "އަދަދު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުންޏެވެ.

މުޅި މަންޒަރު ބަދަލުވެ މިއިން ދުވަހުގެ ނުދެކޭ ފަދަ ބިރުވެރިކަމެއްގެ ތެރެއަށް އެލޭނާ އާއި ދިވެހި ދަރިވަރުން ވައްޓާލީ ފަތިހުގެ ހިމޭން ވަގުތު ނިދާފައި ތިއްބަ އެވެ.

"އަހަރުމެންގެ ސިޓީއާ ކައިރީގައި މިލިޓަރީ އެއާޕޯޓެއް އޮވޭ. އަހަރެން އޮތީ ނިދާފައި. [ހޭލެވުނުއިރު] އަޑުއިވުނީ ޖެޓުގެ އަޑާއި ސައިރެންގެ އަޑުތައް، ރައްޓެއްސަކު މެސެޖެއް ކޮށްފައި ބުނީ ހަނގުރާމަ ފަށައިފިއޭ. އެވަގުތު ކުރާނެ ކަމެއް އަހަރެންނަކަށް ނޭނގުނު،" އެެލެނާ ކިޔައިދިނެވެ.

ހެނދުނު ހަތެއް ޖެހިއިރު 15 ދިވެހި ދަރިވަރުން ތިބި އިވާނޯއަށް ރަޝިއާގެ ޖެޓުތަކުން ހަ ބޮން ވައްޓާލި އެވެ. އެ ހަމަލާތައް އަމާޒުވީ ބޮމުގެ "ޝޮކްވޭވް"ތައް އެޕާޓްމަންޓްގެ ބިއްލޫރިގަނޑުގެ ކައިރީގައި ހުންނަ އިރު އިހުސާސްވާހާ ކައިރި ހިސާބުތަކަށެވެ. ހަމަލާގެ ސަބަބުން މިލިޓަރީ އެއާޕޯޓުން އަަރަމުންދިޔަ ދުންގަނޑު ވެސް ރީއްޗަށް ފެނެ އެވެ.

ހަންގޭރީ ދަތުރުގެ ބަސް ހަމަޖެއްސުމުގެ މޭސްތިރި

އޭރު ވެސް ސަރުކާރުން އޮތީ ދިވެހިން ގެނައުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް, ޔޫކްރެއިންގައި މަޑުކުރަން ޖެހުނު ކުދިންނަށް އެންމެ ބޮޑު ގޮންޖެހުމެއް ދިމާވީ ދަތުރުފަތުރު ހަމަޖެއްސުމުގަ އެވެ. އެއީ، ހަމަލާ ބަދަލުކުރަން ފެށުމުން ޔޫކްރެއިންގެ އެތެރޭގެ ދަތުރުފަތުރަށް ބާރުބޮޑުވެ ޓެކްސީ ލިބެން ދަތިވުމުންނެވެ. ހަންގޭރީގެ ބޯޑަރަށް ދިޔުމަށް ސަރުކާރުން އެންގުމުގެ ކުރިން އެ ދަރިވަރުން ބެލީ ޕޮލެންޑަށް ދިޔުމަށެވެ.

އެ ދަތުރުކުރުމަށް ބޭނުންވާ ބަހެއް ހޯދުމަށް އެތައް ތަނަކަށް ގުޅައިގެން ވެސް ކުރިއެރުމެއް ނުލިބުނެވެ. ހަމަލާ އަމާޒުވެދާނެ ވަގުތެއް ނޭނގޭތީ ބިރުވެރިިކަމެއްގައި ތިބި ދިވެހި ދަރިވަރުންގެ އުންމީދުތައް އާކޮށްދިނީ އެލޭނާ އެވެ. އޭނާއަކީ ޔޫކްރެއިނަށް ނިސްބަތްވާ މީހަކަށް ވެފައި އަދި މަސައްކަތްކުރާ ދާއިރާގެ ގޮތުން އޭނާ ބަހެއް ހަމަޖައްސަން މަގުފަހިކޮށްދީ އެކަމުގެ މެދުވެރިޔެއްގެ ރޯލު އަދާކުރި އެވެ.

"އަހަރެން މަސައްކަތްކުރާ ދާއިރާގެ ގޮތުން [ދިވެހި ދަރިވަރުންނަށް] އެހީވާން ފަސޭހަވި. އަހަރެންނަށް އެނގުނު ކޮން ބަޔަކަށް ކަން އެކަމުގައި ގުޅަންވީ،" އެލޭނާ ކިޔައިދިނެވެ.

އެލޭނާގެ އެހީތެރިކަމާ އެކު ދިވެހި ދަރިވަރުން ބަހެއް ހަމަޖައްސައިގެން ދަތުރު ފެށީ ފެބްރުއަރީ 25، ގެ ހެނދުނެވެ. އެ މީހުންނަށް އެ ބަހުގައި ހަންގޭރީގެ ބޯޑަރަށް ވާސިލްވި އިރު ހުރީ އިރުއޮއްސެން ކައިރިވެފަ އެވެ.

ދިގު ދަތުރެއް ކުރުމަށްފަހު އަމިއްލަ ގައުމަށް އަނބުރާ ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމުގެ އިހުސާސް އެމީހުންނަށް ކުރެވުނީ އެ ވަގުތުކޮޅުގަ އެވެ. އެލޭނާގެ އެހީތެރިކަން އެކަމުގައި ނުލިބުނު ނަމަ އެ ދަތުރު ލަސްވީހެވެ.

ހަންގޭރީ ބޯޑަރާ ކައިރީގައި އޮންނަ އުޒްހޯޑުގައި ގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓުން ޑިޕްލޮމެޓިކް ވެހިކަލްތަކުގައި އެ މީހުން ދިޔައީ ބުޑަޕެސްޓަށެވެ. މިހާރު ހުރިހާ ދަރިވަރުން ވެސް ތިބީ ރާއްޖޭގައިކަމުން އެއީ އެލޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

ހާރްކީވްގައި ތާށިވި ދަރިވަރުންނަށް ވެސް އެހީވާން މަސައްކަތްކުރި

އިވާނޯ އަކީ ހުޅަނގު ޔޫކްރެއިންގައި އޮންނަ ސިޓީއަކަށް ވުމުން ހަންގޭރީގެ ބޯޑަރަށް ދިޔުމަށް މާ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ނުޖެހުނެވެ. ނަމަވެސް، ހާރްކީވްގައި ތާށިވި ދިވެހިން ތަޖުރިބާކުރި ދުވަސްތަަކަކީ ހަނގުރާމައިގެ މައިދާނުގައި ބަޔަކު ތަޖުރިބާކުރާނެ އާދަޔާ ހިލާފަށް ބިރުވެރި ނުރައްކާތެރި ދުވަސްތަކެކެވެ.

"އަހަރެންގެ ސިޓީއަށް އެޅީ އެންމެ ހަ ބޮން. އެވަރުން ވެސް އަހަރެން ހުރީ ބިރުން ފިތްކަނޑައިގެން ގޮސްފައި. އަދި، އަހަރެން ހުރީ އަމިއްލަ ގައުމުގައި،" ހާރްކީވްގެ ހާލަތު ހިޔާލަށް ވެސް ގެންނަން ދަތިވާނެ ކަމަށް އަސަރާއެކު އެލޭނާ ބުންޏެވެ.

ހާރްކީވް އަކީ ރަޝިއާގެ ބޯޑަރާ އެންމެ 35 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެއް ކަމުން އެންމެ ފުރަތަމަ ހަމަލާތައް ވެސް އަމާޒުވީ އެ ސިޓީއަށެވެ. އަދި، އެންމެ ބޮޑަށް ހަނގުރާމަކުރަމުން ދަނީ ވެސް އެ ސިޓީގަ އެވެ. ހާރްކީވްގެ ހާލަތު އެލޭނާ ސިފަކުރީ "ނަރަކަ" އެއްގެ ގޮތުގަ އެވެ. އޭރު ފަސް ދިވެއްސަކު ތިބީ ބޮމް ޝެލްޓަރުގަ އެވެ.

"އެއީ (ދިވެހި ދަރިވަރުން) އެހެން ގައުމެއްގައި ތިބި ޒުވާން ކުދިން. އެ މީހުންނަށް ޔޫކްރެއިން މީހުންގެ ވިސްނުމާއި ބަސް ވެސް ރަނގަޅަށް ނޭނގޭނެ. ފެނާއި ކާއެއްޗެހި ނުލިބި އެމީހުން ތިބެން ޖެހުނީ މެޓްރޯގައި. އެއްވެސް އެހީތެރިކަމެއް ނުލިބި އެމީހުން ތިބީ،" ދިވެހި ދަރިވަރުން ތަހައްމަލުކުރި ބިރުވެރި ވަގުތުތައް ސިފަކުރުމަށް މަސައްކަތް ކުރަމުން އެލޭނާ ކިޔައިދިނެވެ.

އެ ދަތި ވަގުތުގައި ވެސް އެ ކުދިންނަށް އެހީވެވޭނެ ގޮތެއް ހޯދުމަށް އެލޭނާ މަސައްކަތްކުރި އެވެ. ހަމައެކަނި ކާއެއްޗެހި ވިޔަސް އެ ކުދިންނާ ހަމަޔަށް ފޯރުކޮށްދޭން އޭނާ މަސައްކަތްކުރި އެވެ. އެހެން ނަމަވެސް، އެކަން ކާމިޔާބު ނުވީ އެވެ.

"އަހަރެންނަށް ނޭނގެ ބުނާކަށް އެ ކުދިންނަށް އެންމެ ފަހުގެ ރޭލުން ޖާގަ ލިބުނު ގޮތެއް ވެސް. އަހަރެން އެ މީހުންގެ ހާލަތާ މެދު ހުރީ ވަރަށް ބިރުން. އެވަގުތު ހާރްކީވް އަކީ ދުނިޔެ މަތީގެ ނަރަކައެއް ގޮތަށް ސިފަކުރެވުނީ،" އެލޭނާ ކިޔައިދިނެވެ.

އެލޭނާގެ ފިރިމީހާއާ އެ ކުދިންނާ ރޭލް ސްޓޭޝަނުން ދިމާވި ކަމަށް އޭނާ ބުންޏެވެ. އަދި އެ ވަގުތަކީ ހާރްކީވްގައި ތާށިވެފައި ތިބި ދިވެހިންނާއި ނީޕްރޯގައި ހުރި ދިވެހި ދަރިވަރު ވެސް އެއްތަންވި ވަގުތެވެ. އެފަދަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެން ބައްދަލުވުން ވެސް އޭނާއަށް ސިފަކުރެވެނީ އަޖައިބުކުރަނިވި ކަމެއްގެ ގޮތުގަ އެވެ.

މިހާރު ޔޫކްރެއިންގައި އެއްވެސް ދިވެއްސަކު ނެތް ނަމަވެސް, އެލޭނާ ދިވެހި ދަރިވަރުންނާ މެދު ފަހުރުވެރިވެ އެވެ. އޭނާގެ އުންމީދަކީ، މި ބިރުވެރި ތަޖުރިބާއަށް ފަހު ހުރިހާ ދަރިވަރުން ވެސް 'ނޯމަލް' ހާލަތަކަށް ދިޔުމެވެ.

އެލެނާ ބްރެވްކޯ، 52 "އަދަދު" އާ ވަހަކަ ދައްކަނީ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
އެލެނާ ބްރެވްކޯ، 52 "އަދަދު" އާ ވަހަކަ ދައްކަނީ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

އެލެނާ ބްރެވްކޯ، 52 "އަދަދު" އާ ވަހަކަ ދައްކަނީ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

އާއިލާ އާއި އުފަން ގައުމު ދޫކޮށް ރާއްޖެއަށް

އުފަން ފަސްގަނޑު ދޫކޮށް މިވަގުތު އެލޭނާ އައިސް ހުރީ ރާއްޖޭގަ އެވެ. އޭނާ ރާއްޖެ އައީ އިވާނޯގައި ތިބި ދަރިވަރުންނާއެކު އެވެ. އޭނާއަށް އަނބުރާ ދެވޭނެ ދުވަހެއް ނޭނގެ އެވެ.

"އަލުން ފެންނާނެ ކަމަށް ދިވެހިން ކައިރި ބުނިން. އަމާން ދަތުރަކަށް އެދުނިން. އަދި، އަލުން އަނބުރާ އަވަސް މުސްތަގުބަލެއްގައި އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުނިން،" އިވާނޯއިން ހަންގޭރީގެ ބޯޑަރަށް ބަހުގައި ދިވެހި ކުދިން ދަތުރުފެށުމުން އޭނާ ދިޔައީ ގެޔަށް ކަމަށް އެލޭނާ ބުންޏެވެ.

އޭނާ ހަވީރު ގޭގައި ހުއްޓައި ހަމްނާގެ ބައްޕަ އަހްމަދު ހަސަން ގުޅާފައި ރާއްޖެ އައުމަށް އެދުނެވެ. އަދި، ޔޫކްރެއިންގައި މަޑުކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެލޭނާ ކައިރި ބުންޏެވެ. އެއާއެކު، އޭނާ ނިންމީ ރައްކާތެރިކަން ހޯދުމަށް ރާއްޖެ އައުމަށެވެ.

"އަހަރެންގެ ފިރިމީހާ ވެސް އަހަރެންނާއެކު އައުމަށް އެދުނިން. އެހެން ނަމަވެސް އޭނާ ދެކޮޅު ހެދީ. އަހަރުމެންގެ ގައުމު ދިފާއު ކުރުމުގައި ދެމިހުންނާނެ ކަމަށް އޭނާ ބުނި،" އޭނާ އާއެކު ރާއްޖެ އައުމަށް އެދުމުން އޭނާގެ ފިރިމީހާ ބުނި ވާހަކަތައް "އަދަދު" އާ ހިއްސާކުރަމުން އެލޭނާ ބުންޏެވެ.

ޔޫކްރެއިންގެ ދިފާއުގައި އެލޭނާގެ ފިރިމީހާ އެ ގައުމުގައި މަޑުކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ މިހާރު ދެކެ އެވެ. އެއީ، ހާރްކީވް އަދި ނީޕްރޯގައި ތިބި ދިވެހިންނަށް އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސް ވީ އޭނާގެ ސަބަބުން ކަމަށް އެލޭނާ ބުންޏެވެ. އެ މީހުންގެ ދަތުރުފަތުރުގެ ކަންކަން ވެސް ހަމަޖެއްސުމުގައި އޭނާގެ އެހީތެރިކަން ލިބިގެންދިޔަ އެވެ.

އެލޭނާގެ ހުރިހާ ވެސް އުންމީދަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިމި، އެނބުރި ލޯބިވާ އުފަން ބިމަށް ވީހާވެސް އަވަހަކަށް ދެވުމެވެ. ޔޫކްރެއިންގެ ރައްޔިތުން "ހަނގުރާމަ ކުރަމުން އެދަނީ ގައުމު ދެކެ ލޯބިވާތީ، ގައުމުގެ ދިފާއުގައި،" އެންމެ ފަހު ވާހަކައަކަށް ވެސް އެލޭނާގެ ހިތުގައި ހުރި ޝުއޫރުތައް ހިއްސާކުރަމުން ބުންޏެވެ.

މިވަގުތު އޭނާއަށް ހިތްހަމަޖެހުން ލިބެނީ ޔޫކްރެއިންގައި ކިޔަވަމުންދިޔަ ހުރިހާ ދިވެހި ދަރިވަރުން ވެސް ރައްކާތެރިކަމާއެކު އެނބުރި ރާއްޖެ އާދެވުނީމަ އެވެ. އިންތިޒާރު ކުރަމުންދަނީ އެ ދަރިވަރުން އެ ކުރަމުންދާ އަމިއްލަ ގައުމުގައި މިނިވަންކަމާއެކު އުޅުމުގެ އުފާވެރި އިހުސާސްތައް އޭނާއަށް ވެސް ކޮށްލަން ލިބޭނެ ދުވަހަކަށެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox