ރިޕޯޓުއދ. ގެ ކެތަރިން، ހުރިހާ ދިވެހިންގެ ހިދުމަތުގައި

އދ. ގެ ކެތަރިން، ހުރިހާ ދިވެހިންގެ ހިދުމަތުގައި

"އެކަކުވެސް ބާކީވެގެން ނުވާނެ. އަހަރެންގެ ޒިންމާ އެއް އެކަން ހާސިލުވަމުން ދާވަރު ބަލައި އެކަންކަން ހާސިލު ކުރުމަށް ބާރު އެޅުމަކީ،" މީހުންނާއި ބައްދަލުކޮށް ކަންކަން އޮޅުން ފިލުވާ ސަބަބާ ބެހޭ ގޮތުން ކެތަރިން ވިދާޅުވި އެވެ. "ހާތަލު އެންމެ ރަނގަޅަށް އެނގޭނީ މީހުންނާ ބައްދަލުކޮށްގެން"

 އދ. އޮމަދޫ އަތިރިމަތީގަ ކުޅެން ތިބި ކުދިން ތަކެއް ކައިރީ ކެތަރިން ހެޒްވެލް މަޑުކޮށްލައްވައިގެން: -- ފޮޓޯ/ ޝާލިނީ
އދ. އޮމަދޫ އަތިރިމަތީގަ ކުޅެން ތިބި ކުދިން ތަކެއް ކައިރީ ކެތަރިން ހެޒްވެލް މަޑުކޮށްލައްވައިގެން: -- ފޮޓޯ/ ޝާލިނީ

އދ. އޮމަދޫގަ, ތިރި ފާރު ބުރިއެއް ރާނާފައި ހުރި ގެއެއްގަ, އެކަނިމައިއެކަނި، ޖޯލިއެއްގައި އޮތް އުމުރުން 84 އަހަރުގެ މާމައެއް ފެނުމުން، އޭނާއާ ވާހަކަ ދައްކާލަން ކެތަރިން ހެޒްވެލް ބޭނުންވި އެވެ. މާމަގެ ހާލުއަހުވާލު އަހައި، އެކި ވާހަކަ ދެެއްކެވުމުގައި ވިއްސަކަށް މިނިޓު އުނދޯލީގަ މަޑުކުރެއްވި އެވެ.

"އެ މާމަ ނިދަނީ ދެ ހޮޅިބުރި ދިއްލައިގެން، މަގުމަތި އަނދިރި ވީމަ މާމަ އަށް ވަރަށް އުނދަގޫވޭ، އެ ގޭ ކައިރީގަ މަގު ބައްތިއެއް ހަރުކޮށް ދެެއްވާ،" އެ ގެއިން ނުކުންނެވިތަކުން، ދިމާވި އެ ރަށުގެ ކައުންސިލް ރައީސް އަރިހު، ކެތަރިން ދެންނެވި އެވެ.

އދ. އިން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ރާއްޖެ އަށް ކަނޑައެޅުއްވި ރެސިޑެންޓް ކޯޑިނޭޓަ ކެތަރިންއަކީ، ޔޫއެންގެ ނޫ ކުލައިގެ ދިދަ ނަގާފައި ހުންނަ ހުދު ކާރުގަ އުޅުއްވާ ޑިޕްލޮމެޓެއް ކަމެއް، އޭނާގެ އާންމު ދިރިއުޅުމުން ފާހަގައެއް ނުކުރެވެ އެވެ. ހާއްސަކޮށް ރަށް ރަށަށް ގޮސް އުޅުއްވާތަން ފެންނަނީ ވަރަށް އާދައިގެ ހެދުން އަޅުއްވައިގެން އެހެން މީހުންނާއި ތަފާތެއް ނުވާ ގޮތަށެވެ. ރީތިކޮށް ވެލި ލައިފަ އޮންނަ މަގުތަކުގަ ހިންގަވަނީ ފައިވާން އަތަށް ނަންގަވައިގެންނެވެ.

ސސސސ
ސސސސ

މަސް ކަކްކާ ގެއެއްގަ ކައްކާފަ އޮތް މަހެއް ކެތަރިން ބައްލަވާލައްވަނީ

ރަށަކަށް ވަޑައިގެންފިނަމަ، ރަސްމީ ކަމެއް ނެތިއްޔާ ލިބޭ ހުރިހާ ވަގުތެެއް ކެތަރިން ހޭދަ ކުރައްވަނީ އާންމުންނާ ބައްދަލު ކުރެއްވުމުގަ އެވެ. މީހުންނާ ބައްދަލުކުރެއްވުމަށް ހެނދުނު މައިރާ، ގެއިން ނުކުންނަވަ އެވެ. ހޮޅުއަށިތަކާއި މައިޒާންތަކާއި ގޭގެ އަށް ޒިޔާރަތް ކުރައްވަ އެވެ.

މީހުން ކައިރިން އޮޅުން ފިލުވައިގެން، ކެތަރިން ހޯއްދަވަނީ، އެ ރަށެއްގެ އާންމު ހާލަތުގެ މައުލޫމާތެވެ. އާންމު ދިރިއުޅުމުގައި މީހުން ކުރާ މަސައްކަތް ބައްލަވަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ ގޭގެ އަަށް ވަންނަވަ އެވެ. މަސް ކައްކާ، ރިހާކުރު ކައްކާ ގޭގެ އަށް ވަންނަވަ އެވެ. އެ ރަށެއްގައި ތައްޔާރުކުރާ ހާއްސަ ކެއުންތަކަށް ލޯބި ކުރައްވަ އެވެ. ތަފާތު މަސައްކަތެއް ކުރާ ބަޔަކާ ބެހޭ މައުލޫމާތު ލިބިވަޑައިގެންފި ނަމަ، އެ މައުލޫމާތެއް ހޯއްދަވަ އެވެ. ކުޑަކުދިންނާ ސަމާސާ ކުރެއްވުމަކީ އާދައެކެވެެ. ރަސްމީ މަސައްކަތުން ބޭރުންގައި ކެތަރިން ތަފާތެވެ.

"ހިޔެއް ނުކުރަން، އެއް އާއިލާއެއްގައި ނުކުޅެދުންތެރިކަމުގެ ތަފާތު މައްސަލަތައް ހުރި އެހާ ގިނަ މީހުން ތިބެ ދާނެ ކަމަކަށް. މިރަށުން މިފެނު މަންޒަރު ގަބޫލުކުރަން ވެސް ދަތި،" އޮމަދޫގައި ހުރި ގެއަކުން ނުކުންނަވާފައި ކެތަރިން ވިދާޅުވި އެވެ.

އެ ގެއަކީ އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމު ވެފައިވާ ނުވަ މީހުން ދިއިރުޅޭ ގެ އެވެ. އާދައިގެ ފެންވަރަކަށް ހަދާފައިވާ އެ ގެއަށް ހަވީރު ވަގުތު ވަޑައިގެން، އުދާސް ވާގޮތަށް ހުރި ކާގޭގަ ދޮޅު ގަޑިއެއް ހާއިރު، ކެތަރިން ހޭދަ ކުރެއްވި އެވެ. އަސަރާއެކު އެ އާއިލާއިން ކިޔައިދިން ވާހަކަތައް، އިތުރަށް އޮޅުން ފިލުއްވުމަށް ސުވާލު ކުރައްވާ ހެއްދެވީ ޝައުގުވެރިކަމާއެކު އެވެ.

އޮސްޓްރޭލިޔާ އަށް އުފަން، ކެތަރިން ވަނީ، މެލްބަން ޔުނިވާސިޓީން އިންޓަނެޝަންލަ އެންޑް ޕަބްލިކް ލޯ އިން މާސްޓާސް ހައްދަވާފަ އެވެ. ތަރައްގީ އާއި އިންސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަސަކަތުގެ 24 އަހަރުގެ ތަޖުރިބާ، އެފްރިކާ، އޭޝިޔާ، ޔޫރަޕް އަދި މެދު އިރުމަތީގެ ގައުމުތަކުގައި މަސައްކަތް ކުރައްވައިގެން ހޯއްދަވާފައިވެ އެވެ.

އދ. ގެ 193 މެންބަރު ގައުމުން 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ތަކެއް ކަނޑައަޅާފަ އެވެ. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ގެ ގޮތުގައި 2030 ގެ ނިޔަލަށް 17 ކަމެއް ހާސިލު ކުރުމަށް މަސައްކަތް ކުރުމަށް މެންބަރު ގައުމުތަކުން އެއްބަސްވެފައިވެ އެވެ. އޭގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނެނީ ފަގީރުކަން ނައްތާލުމާއި އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލުމާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމާއި ހައްގުތަކުން އެއްވެސް މީހަކު ބާކީ ނުކުރުމެވެ. ފުދުންތެެެރިކަން އިތުރުކުރުމާއި ތައުލީމާއި ސިއްހަތާއި އިޖުތިމާއީ ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތް ކުރުން ހަދަ ކަންތައްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ފފފފފ
ފފފފފ

ކެތަރިން ކުޑަ ކުއްޖަކު އުރާލައިގެން: ކުޑަކުދިންނާ ސަމާސާ ކުރެއްވުމަކީ ކެތަރިންގެ އާދައެއް

"އެކަކުވެސް ބާކީވެގެން ނުވާނެ، އަހަރެންގެ ޒިންމާ އެއް އެކަންކަން ހާސިލުވަމުން ދާވަރު ބަލައި އެކަންކަން ހާސިލު ކުރުމަށް ބާރު އެޅުމަކީ،" މީހުންނާއި ބައްދަލުކޮށް ކަންކަން އޮޅުން ފިލުވާ ސަބަބާ ބެހޭ ގޮތުން ކެތަރިން ވިދާޅުވި އެވެ. "ހާތަލު އެންމެ ރަނގަޅަށް އެނގޭނީ މީހުންނާ ބައްދަލުކޮށްގެން."

ކައުންސިލުތަކުގައި ރަސްމީކޮށް ލިޔުމުން އެދިގެން ވެސް، ރަށްރަށުގެ ހާލަތު ވަޒަން ކުރުމުގެ ފުރުސަތު ކެތަރިން އަށް އެބަ އޮތެވެ. އެގޮތަށް މައުލޫމާތު ހޯދުމުގެ ބަދަލުގައި ކެތަރިން އިސްކަން ދެއްވަނީ އެންމެ ނާޒުކު ހާލަތުގަ ތިބި ފަރާތްތަކުން ސިދާ މައުލޫމާތު ސާފުކުރެއްވުމަށެވެ.

ރަށެއްގެ ސްކޫލެއްގެ އިސްވެރިންނާ ބައްދަލުކުރައްވާ ވިހާ 'އިންފޯމަލް' ކޮށް ބައްދަލުވުން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ކެތަރިން ވިދާޅުވި އެވެ.

"މިއީ އަހަރެންނަށް ބޭކާރު ކޮށްލެވޭ 30 މިނިޓް، ތިހެން އަންނަ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދެވެނީކީ ނޫން،" އެ ސްކޫލުގެ ޕްރިންސިޕަލުގެ ފަރާތުން ކެތަރިންނަށް ލިބިވަޑައިގަތް ޖަވާބުން، ހައިރާންވެވަޑައެއް ނުގަންނަވަ އެވެ.

ަަަަސސސ
ަަަަސސސ

މަރުހަބާ ކިޔަން ނުކުމެތިބި ކުދިންތަކެއްގެ ކައިރީ ކެތަރިން މަޑުކޮށްލައިގެން

ޕްރިންސިޕަލްގެ ކަންބޮޑުވުމަށް އިހުތިރާމު ކުރައްވާ، ކެތަރިން ވިދާޅުވީ އެ ބަދަލުކުރުމުގެ ބޭނުމަކީ ވެސް ހަގީގަތުގަ ހުރި މައްސަލަތައް ސާފު ވެގެން ދިއުން ކަމަށެވެ. އެ ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ގެންގޮސް ދެއްވާނެ ކަމުގެ ޔަގީންކަން ކެތަރިން ދެއްވި އެވެ.

"އަހަރެންނަށް އެއްވެސް ކަމެއް ހައްލެއް ނުކޮށްދެވޭނެ، އެކަމަކު ހައްލު ކޮށްދެވޭނެ ފަރާތްތަކާ ހަމައަށް ތިޔަ ވާކަތައް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ދެން،" ކެތަރިން ވިދާޅުވި އެވެ.

ކެތަރިން ބައްދަލުކުރައްވާ ފަރާތްތަކުގެ ލިސްޓު ވަރަށް ދިގެވެ. ރައީސުލް ޖޫމްހޫރިއްޔާ އާ ސަރުކާރުގެ އިސްވެރިންނާ ގަވާއިދުން ބައްދަލު ކުރައްވަ އެވެ. ހުރިހާ ކުލައެއްގެ ސިޔާސީ ބޭފުޅުންނާ ބައްދަލު ކުރައްވަ އެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ އަޑު އައްސަވަ އެވެ.

"ކޮންމެ ސަރުކާރަކާ އެކު ވެސް ކުރިއަށް ދާނަން، ހުރިހާ ފަރާތްތަކެއްގެ ވާހަކަތައް ވެސް އަަޑު އަހަން ޖެހޭ،" ކެތަރިން ވިދާޅުވި އެވެ.

ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި ވެށި ސާފުކޮށް ބޭއްވުމާއި ދެމެހެއްޓެނިވި ޓޫރިޒަމާއި އިންސާނިއްޔަތަށް ހިދުމަތް ކޮށްދިނުމާއި މީނޫން ވެސް ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން ކެތަރިން ޓްވީޓް ކުރައްވަ އެވެ. ނަމަވެސް، ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުތަކަށްފަހު ކުރައްވާފައިވާ ޓްވީޓްތައް ތަފާތެވެ. ދިވެހިންވެ ސަގާފަތާއި އާދަކާދަ އަށް ކެތަރިންގެ ހިިތުގައި އޮތް ލޯބި ބޮޑުކަން އެ ޓްވީޓްތަކުން ހާމަވެގެން ދެ އެވެ. ރަށްފުށުގަ ދިރިއުޅޭ ފަރާތްތަކުގެ އިހުސާސްތައް އެނގެން ބޭނުންވެފައި ހުންނެވި މިންވަރު ސާފުވެ އެވެ.

އަހުމަދު ސައީދު

އެސޯސިއޭޓް އެޑިޓަރ

އަހުމަދު ސައީދަކީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ހަބަރުތައް ކަވަރުކުރުމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ "ހަވީރު" ނޫހުގައި 13 އަހަރު މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox