ކިޔެވް، ޔޫކްރެއިން (މާޗް 1) - ޔޫކްރެއިންގެ ވެރިރަށް ކިޔެވްގެ މެދުގައި ހުންނަ މައި ޓީވީ ޓަވަރަށް ރަޝިއާއިން ހަމަލާ ދީ، ބައެއް ޗެނަލްތައް ބްރޯޑްކާސްޓް ކުރުން ހުއްޓުވައިފި އެވެ.
އިންޓީރިއާ މިނިސްޓްރީން ބުނީ ޓީވީ ޓަވަރަށް ދިން ހަމަލާގައި ލިބުނު ގެއްލުމުގެ ސަަބަބުން ބައެއް ޗެނަލްތައް މެދުކެނޑޭނެ ކަމަށެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ ހަމަލާގައި ފަސް މީހުން މަރުވި އެވެ.
އެމެޖެންސީ ހިދުމަތްތަކުން ބުނީ ފަސް މީހުން މަރުވި އިރު، އިތުރު ފަސް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ޓަވަރަށް ބޮޑު ހަމަލާއެއް ދިން ނަމަވެސް، ޓަވަރު ވެއްޓިފައެއް ނުވެ އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނީ ބެކްއަޕް ސިސްޓަމްތަކުގެ އެހީގައި ޗެނަލްތައް އަލުން ދައްކަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަންގާރަ ދުވަހު ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ މައުލޫމާތުގެ އެހީގައި ރަޝިއާއަށް ދޭ ހަމަލާތައް ހުއްޓުވަން ކިޔެވްގެ ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗާއަށް ހަމަލާތައް އަމާޒު ކުރާނެ ކަމަށެވެ.
އެގޮތުން އޭރު އިއުލާނު ކުރި ޓާގެޓުތަކަކީ އެސްބީޔޫ ސެކިއުރިޓީ ސާވިސް އާއި ސިފައިންގެ ސައިކޮލޮޖިކަލް އޮޕަރޭޝަންސް ޔުނިޓެވެ. ނަމަވެސް ޓީވީ ޓަވަރުގެ ނަން ފާހަގަކޮށްފައެއް ނުވެ އެވެ.










