ރިޕޯޓުނިހާއާއެކު ރާޒުވާގެ ދުނިޔޭގައި 10 މިނެޓު

ނިހާއާއެކު ރާޒުވާގެ ދުނިޔޭގައި 10 މިނެޓު

އޭނާގެ އުމުރުން 14 އަހަރުގައި ގައުމީ އަންހެން ރާޒުވާ މުބާރާތުގެ ތަށި އުފުލައިލި ފަހުން، ނިހާ ނޫން އެހެން މީހަކަށް އެ އެވޯޑުގައި އަތްލެވިފައެއް ނުވޭ. އައިފާ ބަލިކޮށް މިދިޔަ ޑިސެމްބަރު މަހު ބޭއްވި ގައުމީ މުބާރާތުގެ ތަށި ނިހާ ހޯދީ ދެ ފަހަރަށް އެ ތަށި މިލްކު ކުރުމަށްފަހު.

ނިހާ ރާޒުވާ ގަނޑެއްގެ ތެރެއިން: އޭނާ ވަނީ ގައުމީ ރާޒުވާ މުބާރާތް ދެ ފަހަރަށް މިލްކުކޮށްފައި -- ފޮޓޯ: ނިހާ
ނިހާ ރާޒުވާ ގަނޑެއްގެ ތެރެއިން: އޭނާ ވަނީ ގައުމީ ރާޒުވާ މުބާރާތް ދެ ފަހަރަށް މިލްކުކޮށްފައި -- ފޮޓޯ: ނިހާ

ނިހާޔާ "ނިހާ" އަހުމަދުގެ އަސް ކުރިޔަށް ގެންގޮސް ހަމަލާދޭން ތައްޔާރުވުމުން، އައިފާ ޝަރީފް އޭނާގެ މަންތިރި ފަހަތަށް ޖައްސައިލައި، މަނަލައެއްގެ ނިވަލަށް ވައްދައި، އަހުގެ މޮއްގަނޑު ނުޖެހޭ ހިސާބަށް އެ ކުޅި ގެންދިޔަ އެވެ.

ރާޒުވާ ބޯޑުގައި އެއިރު ދެ މީހުންގެ ވެސް ކުޅި ހުރީ އެއްވަރަކަށެވެ. އައިފާގެ ކަޅުގެ ލަޝްކަރުގައި އޮތީ މަންތިރިއަކާއި އަހަކާއި ދެ ރިޔަލާއި ހަ މަނާފުކެވެ. ނިހާގެ ވެސް ހަމަ އެ ކުޅިތައް، އެ މިންވަރަށް ހުއްޓެވެ. އެކަމަކު އައިފާ އޭނާގެ މަންތިރި ފަހަތަށް ޖެއްސި ހިސާބުން ނިހާއަށް މި ގަނޑުގައި ކުރި ލިބިއްޖެކަން އޭނާއަށް ކަށަވަރުވި އެވެ.

އެ ގަނޑުގައި ނިހާޔާ އިތުރަށް ކުޅުނީ އަށް ކުޅި އެވެ. އަހުގެ އެހީއާއެކު ބޮނދު ބުޑަށް ސައި ކިޔައި، ހާސްކޮށްލުމުން، އައިފާއަށް އަމާން ދޭން މަޖުބޫރުވި އެވެ. އައިފާ އިސްތިއުފާ ނުދިން ނަމަ އޭނާގެ ރިޔާ މަރާލައި، ނިހާ އިތުރު ސަޔެއް ކިޔާނެ އެވެ. އެއިރުން ބޮނދަށް، ބޮނދައިގެން ދެވޭނެ އިތުރު ގެއެއް ނޯންނާނެ އެވެ.

"މަންތިރި ކުރިއަށް ޖައްސާލި ނަމަ މަންތިރި ސަލާމަތްވެފަ، އަހަށް ވެސް ހިމާޔަތް ދެވުނީސް. އެކަމަކު މަންތިރި ފަހަތަށް ޖެއްސީމަ، އަހުގެ ދިފާއުގައި އިނީ މަނަލެއް އެކަނި. އެހިސާބުން އަސް ސަލާމަތް ކުރިން އިން މަނާ ނިހާގެ އަހުން ކާލީ. ދެން އިތުރު ކުޅިތަކަށް ވެސް ފުރުސަތު ލިބުނީ،" އެންމެ ފަހުން ބޭއްވި ގައުމީ ރާޒުވާ މުބާރާތުގެ ފައިނަލް މެޗުން މޮޅުވި ގޮތް ޝައުގުވެރިކަމާއެކު ނިހާ، 22، ކިޔައިދިނެވެ.

ސދސދސަދ
ސދސދސަދ

މިއަހަރު ބޭއްވި ރާޒުވާ މުބާރާތުގެ ފައިނަލުގެ ތެރެއިން: މި މެޗުން މޮޅުވާނެކަމުގެ ޔަގީންކަން ނިހާއަށް ލިބުނީ ކުޅުން މިހާ ހިސާބަށް ދިޔަތަނާ -- ފޮޓޯ: ލައިވްޗެސްކްލައުޑް

ނިހާއަކީ ދިވެހިރާއްޖޭގެ ރާޒުވާ ރާނީ އެވެ. އޭނާގެ އުމުރުން 14 އަހަރުގައި ގައުމީ އަންހެން ރާޒުވާ މުބާރާތުގެ ތަށި އުފުލައިލި ފަހުން، ނިހާ ނޫން އެހެން މީހަކަށް އެ އެވޯޑުގައި އަތްލެވިފައެއް ނުވެ އެވެ. އައިފާ ބަލިކޮށް މިދިޔަ ޑިސެމްބަރު މަހު ބޭއްވި ގައުމީ މުބާރާތުގެ ތަށި ނިހާ ހޯދީ ދެ ފަހަރަށް އެ ތަށި މިލްކު ކުރުމަށްފަހެވެ. އެއީ ގައުމީ ރާޒުވާ މުބާރާތް އޭނާ ގެންދިޔަ ހަ ވަނަ ފަހަރެވެ.

ނިހާގެ ފެށުން ގުޅިފައި އޮތީ އިއްތިފާގު އަދި ނަސީބާ

މީގެ 10 އަހަރު ކުރިން، ޖަމާލުއްދީން ސްކޫލުގެ، ކްލާސް ރޫމެއްގެ ތެރޭގައި، ގްރޭޑް ހަތެއްގެ ދިވެހި ފިލާވަޅަކަށް ފޫހި ކަންފަތެއް ދީގެން އިން ނިހާއަކީ، ކުރިމަގުގައި ދިވެހިރާއްޖޭގެ ރާޒުވާގެ މައިދާން އެތައް އަހަރެއްވަންދެން ޑޮމިނޭޓް ކުރާނެ މީހެއް ކަމަށް އެެއިރު މީހަކު ބުނި ނަމަ، ޖާދޫ ގަބޫލު ކުރާ މީހެއް މެނުވީ އެ ވާހަކަ ގަބޫލެއް ނުކުރާނެ އެވެ.

އެފަދަ ވާހަކައެއް ބުނެފި ނަމަ އެކަމާ އެންމެ ބޮޑަށް ހިނި އަންނާނެ މީހަކީ ހުދު ނިހާ އެވެ.

ރާޒުވާ ކުޅެން ނޭނގުމުގެ އިތުރުން، އެ ކުޅިވަރާ ބެހޭ މާ ބޮޑު މައުލޫމާތެއް ވެސް އެއިރު އުމުރުން 13 އަހަރުގެ ނިހާއަކަށް ނޭނގެ އެވެ. އާއިލާ މީހަކު، ދަންނަ މީހަކު ރާޒުވާ ކުޅެއެއް ނޫޅެ އެވެ. އަމުދުން، ރާޒުވާއަކީ ބޮޑު ކުޅިވަރެއް ކަމެއް ނުދަނެ އެވެ.

ރާއްޖެއިން ބޭރުގައި އޮތް ރާޒުވާ މުބާރާތެއްގައި ބައިވެރިވުމަށް ބާއްވާ ސެލެކްޝަނުގައި ރާޒުވާ ކުޅެލާ ހިތްވާ ކުއްޖަކު ހުރިތޯ، ޖަމާލުއްދީން ސްކޫލްގެ ސުޕަވައިޒަރަކު އެހުމުން، ނިހާ އެކަމަށް އާނ ބަސް ބުނި ހަމައެކަނި ސަބަބަކީ، ކުލާހުން ބޭރަށް ނިކުމެލުމެވެ.

ފޫހިވެފައި އިނދެ، ހިނދުކޮޅެއްގެ ތެރޭގައި ނިންމި އެ ނިންމުމުގެ ސަބަބުން، ނިހާގެ ދިރިއުޅުން އެއްކޮށް ބަދަލުވާނެކަން އެ ވަގުތު އޭނާއަކަށް ނުވިސްނެ އެވެ. އަގަޑީގައި ނިހާ ހަމައެކަނި ބޭނުންވީ ކްލާހުން ބޭރަށް ނިކުމެލާށެވެ.

"ނަސީބަކުން ޗެސް ކުޅެން ފުރުސަތު ލިބުނީ. އެކަމަކު ނިހާ ވެސް ފުރަތަމަ ދުވަހުން ވަރަށް ފެސިނޭޓްވި ޗެސްއަށް. ދެން އަމިއްލައަށް ވަރަށް މަސައްކަތްކޮށްގެން، ދަސްކޮށްގެން ކުރިއަރާފައި މި ހުރީ،" މެލޭޝިޔާގެ ކުއާލާ ލަމްޕޫރުގައި ހުރެ، ފޯނުން ވާހަކަ ދައްކަމުން ރާޒުވާ ކުޅެން ފެށި ގޮތުގެ ވާހަކަ ނިހާ ކިޔައިދިނެވެ.

ނިހާ ރާޒުވާ މުބާރާތުގެ ތަށި އުފުލައިލަނީ: މިހާތަނަށް ރާއްޖޭގެ އުފެދުނު އަންހެން އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔަކީ ނިހާ -- ފޮޓޯ: ޗެސް އެސޯސިއޭޝަން
ނިހާ ރާޒުވާ މުބާރާތުގެ ތަށި އުފުލައިލަނީ: މިހާތަނަށް ރާއްޖޭގެ އުފެދުނު އަންހެން އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔަކީ ނިހާ -- ފޮޓޯ: ޗެސް އެސޯސިއޭޝަން

ނިހާ ރާޒުވާ މުބާރާތުގެ ތަށި އުފުލައިލަނީ: މިހާތަނަށް ރާއްޖޭގެ އުފެދުނު އަންހެން އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔަކީ ނިހާ -- ފޮޓޯ: ޗެސް އެސޯސިއޭޝަން

ރާޒުވާ ކުޅޭ ތަނަށް ނިހާ ދިޔައިރު، އެތަނުގައި ތިބީ ހުސް ދަންނަ ކުދިންނެވެ. އޭނާ އެތަނަށް ދިޔައިރު ވެސް ސެލެކްޝަން ކުރިއަށް ދަނީ އެވެ. އޮތް އުސޫލަކީ ބަލިވާ ކުއްޖާ ކަޓާ އުސޫލެވެ. މޮޅުވާ މީހަކު ނުގޮސް މަޑުކުރަނީ އެވެ. ކިއުގެ ފަހަތަށް ވަދެ، ނިހާ ކުޅުނީ ސެލެކްޝަންގެ އެންމެ ފަހު ގަނޑެވެ.

"ކިއުގަ ހުރެގެން ނިހާ ކުޅެން ދަސް ކުރީ. އާ ކުއްޖަކު އަންނަ އިރަށް، އޭނައަށް ފުރުސަތު ދީފަ ނިހާ އަނެއްކާ ވެސް ކިއުގެ އެންމެ ފަހަތަށް ދަނީ. އެގޮތަށް ގޮސް އެންމެ ފަހަށް ނިހާ ކުޅުނީ. ހީކުރި ގޮތާ ހިލާފަށް ނިހާ އެ މެޗުން މޮޅުވީ. ގަބޫލު ކުރަން ވެސް ދަތިވި،" އެންމެ ފުރަތަމަ ކުޅުނު ރާޒުވާގަނޑުގެ ވާހަކަ ނިހާ ކިޔައިދިނެވެ.

އެ މެޗުން މޮޅުވެގެން، އުމުރުފުރައިން، ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ނިހާއަށް ލިބުނެވެ. ނިހާއަށް އެކަން ގަބޫލު ކުރަން ހުރީ ދަތިވެފަ އެވެ. ނިހާގެ މައިންބަފައިންނަށް ވެސް ލިބުނީ ސިހުމެކެވެ.

"ސްކޫލުން ގުޅާފަ އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގަ ރާއްޖެ ތަމްސީލު ކުރަން ނިހާއަށް ފުރުސަތު ލިބުން ވާހަކަ ބުނީމަ ބައްޕަ ހީކުރީ އޮޅުމެއް ކަމަށް. އެހެން ކުއްޖެއްގެ ބެލެނިވެރިންނަށް ގުޅަން އުޅުގެން އޮޅިގެން ގުޅުނީ ކަމަށް ބައްޕަ ހީކުރީ. އެއީ ރާޒުވާއަކީ ނިހާ ކުޅެން ހިތަށް ވެސް އެރި ކުޅިވަރެއް ނޫން،" ނިހާ ބުންޏެވެ.

ރާޒުވާގެ ދުނިޔެ އަދި ނިހާގެ ސިކުނޑި

ނިހާއާއެކު ރާޒުވާގެ ވާހަކަ ދައްކާލާ މީހަކަށް، އެ ވާހަކަ ވަރަށް ގިނަ ވަގުތު ދެއްކިދާނެ އެވެ. ރާޒުވާއަށް ނިހާގެ ސިކުނޑީގައި ވަރަށް ބޮޑު އިހްތިރާމެއް ވަނީ ދީފަ އެވެ. ދުވަހުގެ ވަރަށް ގިނަ ވަގުތު ނިހާ ހޭދަކޮށްލަނީ ރާޒުވާއާމެދު ވިސްނުމުގަ އެވެ.

"ރާޒުވާއަކީ ވަރަށް އާދަޔާ ހިލާފު ކުޅިވަރެއް. ކުށެއް ކުރެވިއްޖެ ނަމަ އޭގެ އަދަބު ލިބޭނެ، ގޭމުން އެކަން ދައްކާނެ. އަސްލު މޮޅުވާނީ އެންމެ މަދުން ކުށް ހެދޭ މީހާ. ނޫން ނަމަ ކުޑަ ކުށް ކުރެވޭ މީހާ. އެހެންވީމަ، ރާޒުވާގެ ކޮންމެ ކުޅުމަކަށް އެމީހާގެ ފުރިހަމަ އެޓެންޝަން ބޭނުންވާނެ،" ނިހާ ދެކޭ ގޮތް އޭނާ ހާމަ ކުރި އެވެ.

ނިހާ ރާޒުވާ ކުޅެންފެށިތާ އަށް އަހަރު މިއަހަރަށް ފާއިތުވާއިރު އޭނާއަށް ވަރަށް ބޮޑެތި ފިލާވަޅުތަކެއް ވަނީ ދަސްވެފަ އެވެ. އަދި ކޮންމެ އަހަރަކު، ރާޒުވާގެ ތެރެއަށް ވަދެވޭ މިންވަރު ބޮޑުވެ އެވެ.

"ރާޒުވާއަކީ ވަރަށް ފެސިނޭޓިން ގޭމެއް. ގަނޑު ފައްޓާ ކޮންމެ ކުޅުމަކާ ބެހޭ ގޮތުން ބޮޑެތި ފޮތްފޮތް ލިިޔެފަ އެބަހުރި. ކުޅުންތެރިޔާގެ ބޭނުމަކީ ވާދަވެރިޔާ ސައިކޮށްލުން. ރާޒުވާގަ މޮޅުވަނީ މިވެނި ކުޅިތަކެއް ބޯޑުގަ ހުރެގެން ނުވަތަ އެންމެ ގިނަ ކުޅި ކުޅުންތެރިޔާއެއް ވެސް ނޫން،" ނިހާ ބުންޏެވެ. "ހަމައެކަނި މަންތިރިއެއް، ބޮޑުބޮލެއް، އަހެއް ނުވަތަ މަނާ ފުކެއް ހުރެގެން ވެސް ސަޔެއް ނުކޮށްލެވޭނެ. ދެތިން ކުޅިއެއް ބޯޑުގެ ހުންނަ އެބަ ބޭނުންވޭ ސައިކޮށްލައިގެން މޮޅުވާން. އެހެންވީމަ އެ މަސައްކަތް ކުރަން ބޭނުންވާ ސްޓްރެޓެޖީއެއް."

އެކަން ނިހާއަށް ދަސްވީ ތަޖުރިބާއިންނެވެ. އަދި ހިތްވަރާއި ކުޅިވަރަށް ހުރި ލޯބީގެ ސަބަބުންނެވެ.

"ނިހާ ފެށުމަކީ ބަލިވުން. ރާއްޖޭން ބޭރުގަ ބާއްވާ ބޮޑެތި މުބާރާތްތަކުން ބަލިވެގެން ނިހާ ކުޅެން ދަސް ކުރީ. އެއިރު ހަނދާންވޭ، އަބަދު ވެސް އެއިރު މަސައްކަތް ކުރީ ބަލި ނުވާން. އެގޮތަށް ވަރަށް ގިނައިން ކުޅެމުން ގޮސް މަޑުމަޑުން ދަސްވީ ނިހާއަށް ކުރިން ބުނިހެން، މޮޅު ނުވެވޭނެކަން އަދި ކިތަންމެ ގިނަ ކުޅިއެއް ސަލާމަތްކޮށްގެން ކުޅުނަސް،" ނިހާ ކިޔައިދިނެވެ.

ފފފފ
ފފފފ

ރާއްޖޭގެ ރަށެއްގައި ނިހާ ކުޑަކުދިންތަކަކާއެކު ރާޒުވާ ކުޅެނީ: އޭނާ ބުނީ ކޮންމެ މީހަކަށް ވެސް ރާޒުވާ ކުޅުމުގައި ކުރިއަށްދެވިދާނެ ކަމަށް -- ފޮޓޯ: ނިހާ

ކުޅެން ފެށިއިރު ރާޒުވާއާމެދު ނިހާ ގެންގުޅުނު ވިސްނުން މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެއިރު އެއީ ކުޑަކުއްޖެކެވެ. މިހާރު މީހާ ހުރީ ބޮޑުވެ، ތަސައްވަރު ފުރިފަ އެވެ. ރާޒުވާއާ ގުޅޭ ކިތަންމެ ފޮތެއް، އެތައް ފަހަރަކު ނިހާ ކިޔައިފި އެވެ. އެތައް ގަނޑެއް ކުޅެ، ބައިވަރު ތަޖުރިބާ އާއި ފިލާވަޅު ލިބިއްޖެ އެވެ.

"ހަމަލާ ވެސް ދޭންޖެހޭ. ގަނޑު ފަށާނެ ގޮތާއި ފަށައިގަތުމުން އަމަލު ކުރާނެ ގޮތަކާއި ކުރިއަށްދާ ވަރަކަށް ކުޅޭނެ ގޮތުގެ ވިސްނުމެއް ގެންގުޅެންޖެހޭ. އަދި ގަނޑާ އެއްވަރަށް ތިމާގެ ކުޅުން ހިފަހައްޓާލަންޖެހޭ. އެއީ ކޮންމެ ކުޅިއެއް ކުޅޭ ހިސާބުން މުޅި ބޯޑު ބަދަލުވީ. ވާދަވެރިޔާގެ ކޮންމެ ކުޅުމަކާއެކު ވެސް ވިސްނާލަންޖެހޭ، އޭނަ ހާސިލްކުރަން ބޭނުންވާ މަގްސަދަކީ ކޮބައިތޯ، އޭނަގެ އެ ކުޅުމުގެ ފަހަތުގައިވާ ވިސްނުމަކީ ކޮބައިތޯ ވިސްނަންޖެހޭ،" ރާޒުވާ ކުޅޭއިރު ވިސްނާ ބައެއް ކަންތައް ނިހާ ކިޔައިދިނެވެ.

ނިހާ ރާޒުވާ ކުޅެން ފެށިފަހުން، ދިވެހިރާއްޖޭގައި އެހެން މީހަކަށް ގައުމީ މުބާރާތް ނުގެންދެވުނު ނަމަވެސް ބަލިވެދާނެ ކަމަށް ނިހާ އަބަދުވެސް ގަބޫލު ކުރެ އެވެ. އެކަމަކު، ނިހާއަށް ޔަގީންވާ އެއް ކަމެއް އަބަދުވެސް އޮވެ އެވެ. އެއީ ކޮންމެ ގަނޑެއްގެ ކޮންމެ ކުޅިއަކަށް، ނިހާގެ ހުރިހާ ހިތްވަރެއް ބަންޑުންކޮށްލާނެ ކަމުގެ ޔަގީންކަމެވެ.

"ނިހާ ކޮންމެ މުބާރާތެއް ކުޅޭއިރު ވެސް ސިކުނޑީގައި ބައިންދަން، މިފަހަރު ބަލިވެދާނެއޭ. ކޮންމެ ކުއްޖަކު އައިސްދާނެއޭ ނިހާއަށް ވުރެ މާ މޮޅު ކުއްޖެއް. އެކަމަކު ނިހާ އަބަދުވެސް ކުރާނެ ވަކި ކަންތައްތަކެއް ހުންނާނެ. ނިހާގެ ހުރި ހުރިހާ ހިތްވަރެއް އަބަދުވެސް ދޭނަން. އަބަދުވެސް ދަސް ކުރާނަން. މިހާރު ކުޅެން ފަށާ ކުދިންނަށް ވެސް ނިހާ ބުނެލަން ބޭނުންވަނީ ދަސް ކުރާށޭ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ ގޮތް ބަލާށޭ. މައިންބަފައިންނަށް ވެސް މިކަންތައްތަކުގެ އެހީތެރިވެވިދާނެ،" ނިންމާލަމުން ނިހާ ބުންޏެވެ.

ނިހާގެ ޓްރޮފީ ކެބިނެޓު

  • މޯލްޑިވްސް ނެޝަނަލް ވިމެންސް އިންޑިވިޖުއަލް ޗެސް ޗެމްޕިއަންޝިޕް (2014، 2015، 2016، 2017، 2019)
  • މޯލްޑިވްސް ނެޝަނަލް ވިމެންސް ޗެސް ޗެމްޕިއަންޝިޕް (2020، 2022)
  • މޯލްޑިވްސް ނެޝަނަލް ވިމެންސް ޓީމް ސެލެކްޝަން، އެއް ވަނަ (2017)
  • ނެޝަނަލް އީއެލްއޯ ރޭޓިން ޗެސް ޓޯނަމެންޓް، އެއް ވަނަ، އަންހެން ބައި (2014)
  • އިންޓާ ސްކޫލް ޗެސް ޗެމްޕިއަންޝިޕްސް، 15 އަހަރުން ދަށުގެ އަންހެން ބައި، އެއް ވަނަ (2015)
  • އިންޓާ ސްކޫލް ޗެސް ޗެމްޕިއަންޝިޕްސް، 20 އަހަރުން ދަށް، އެއް ވަނަ (2017)
  • 11 ފަހަރަކު، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވޭ

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox