"އަޅުގަނޑަށް ދަސްވެފައި ހުރީ ނިޒާމެއްގައި ހުރުން. އެ ނިޒާމަކީ ގައުމަށް ހިދުމަތްކުރުން."
މިއީ އަބްދުލްއަޒީޒް ޔޫސުފް (އަޒީ) 44 އަހަރު ދައުލަތުގެ އިސް މަގާމުތަކުގައި ގައުމަށް ކުރެއްވި ހިދުމަތުގައި ދެމެހެއްޓެވި އުސޫލެވެ. ދެގޮތެއްނުވެ، ގައުމަށް ހިދުމަތް ކުރެއްވުމުގައި ގެންގުޅުއްވި ގަބޫލުކުރެއްވުމާއި ވިސްނުމެވެ.
ލަންޑަން ޗެމްބާ އޮފް ކޮމާސް (އެލްސީސީ) އިމްތިހާނުން ފާސްވި އެންމެ ތިން ކުދިންގެ ތެރޭގައި ހިމެނިގެން، އޭރުގެ އެކްސްޓާނަލް އެފެއާޒް ޑިޕާޓްމަންޓާ އަޒީ ގުޅިވަޑައިގަތީ 1969 ވަނަ އަހަރު އެވެ.
އޭރު އެ ޑިޕާޓްމަންޓުގައި ހުންނެވި އަހުމަދު ޒަކީ އާއި އުތުރުގޭ އަބްދުﷲ ހަލީލް އަދި މީރުބަހުރުގޭ އަލީ ރިޒާގެ ދަށުން އެދުރުވުން އަޒީ ސަފަކުރައްވަނީ ނަސީބުވެރި ބިންގަލެއްގެ ގޮތުގަ އެވެ.
"އެފަދަ ބޭފުޅުންގެ ދަށުގެ ހުރެގެން އަޅުގަނޑަށް ލިބުނީ ވަރަށް ފުރިހަމަ ޓްރޭނިންއެއް،" އަޒީ ފާހަގަކުރައްވަ އެވެ.
އަހުމަދު ޒަކީ އިސްކޮށް ހުންނަވައިގެން، ބޭރު ދުނިޔެއާ ގުޅުންތައް ބަދަހިކުރަން އޭރު ކުރެވެމުންދިޔަ މަސައްކަތްތަކަކީ، އަޒީ ވިދާޅުވާ ގޮތުގައި ހާރިޖީ ގުޅުންތަކަށް ލޯހުޅުވުނު ހަރުދަނާ ފެށުމެކެވެ.
އެ ޑިޕާޓްމަންޓުގައި އަޒީ ކުރެއްވި ރަނގަޅު މަސައްކަތްތައް އޭރު ރައީސްކަމުގައި ހުންނެވި އިބްރާހިމް ނާސިރުގެ ސަމާލުކަމުން ކައްސައިނުލި އެވެ. ސަރުކާރުގެ އެކި އިދާރާތަކުގައި ތިބޭ މަސައްކަތްތެރި، ތޫނުފިލި ޒުވާނުން ރައީސް އޮފީހަށް ޖަމާކުރި ޒަމާނެއްގައި، އަޒީ ވެސް ގެންދެވުނީ ރައީސް އޮފީހަށެވެ.
"އިބްރާހިމް ނާސިރުގެ ބެއްލެވުމާއި ލަފާފުޅުގެ ދަށުގަ އަޅުގަނޑު ހުރީ. އެހެން މީހުންނަށް ނުލިބުނު ކަހަލަ ފުރުސަތުތަކެއް އަޅުގަނޑަށް ލިބުނު ކަންކަމުގެ ތެރެއަށް ވަދެގަންނަން. ރަނގަޅު މެޗޫރިޓީ ލެވެލެއް ލިބުނު އަޅުގަނޑަށް،"
ރައީސް އޮފީހުގައި، ނާސިރުގެ ސީދާ ލަފާފުޅުގެ ދަށުން މަސައްކަތް ކުރެއްވުމުގެ ތެރެއިން، 1972 ވަނަ އަހަރު އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަން އެކުލަވައިލި ޓާސްކު ފޯހުގައި އަޒީ ހިމެނިވަޑައިގަތެވެ.

އަޒީގެ ދިގު ކެރިއަރުގައި ތައުލީމީ ދާއިރާއަށް ކުރެއްވި ހިދުމަތް ފެށުނީ، އިނގިރޭސި ރާނީގެ އެ ދަތުރުފުޅުގައި ދިވެހިންގެ އަތްތެރި މަސައްކަތްތައް ދައްކާލަން ބޭއްވި މައުރަޒުގައި އަދުނާން ހުސެއިންގެ ދަށުން ޓްރޭޑް މިނިސްޓްރީއާއެކު މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުންނެވެ.
އޭގެ މާގިނަ ދުވަހެއް ނުވެ، ޓްރޭޑް މިނިސްޓްރީއަށް ބަދަލުކުރުމަށްފަހު، އެ އަހަރު ފަހުކޮޅު ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމަށް އަހުމަދު ޒަކީ ވަޑައިގެންނެވުމަކީ އަޒީގެ ހަޔާތުން ފެށުނު މުޅިން އާ ސަފުހާއެއްގެ ގޮތުގައި އޭނާ ސިފަކުރައްވަ އެވެ.
"1972 ގައި ޒަކީ ބޮޑު ވަޒީރަކަށް ވަޑައިގެން ވަރަށް ހާއްސަ ނަޒަރެއް ދެއްވި ތައުލީމަށް. އަދުނާން ހުސެއިން ބަދަލުކުރެއްވި އެޑިޔުކޭޝަނަށް. ދެން އަޅުގަނޑުވެސް ބަދަލުކުރެއްވި. އެއީ އަނެއްކާވެސް ޒަކީއާއެކު މަސައްކަތް ކުރަން ލިބުނު ފުރުސަތެއް،"
ބޮޑުވަޒީރުކަމުގައި ހުންނަވައިގެން، އަތިރީ މާފަންނުގޭގައި، މިހާރުގެ ތީމުގޭގަ ކުރެއްވި މަސައްކަތްތަކަށް އެހީތެރިވެދޭން އަޒީ ގެންދެވި އެވެ. އަޒީއަށް ޒަކީ ކުރެއްވި އިތުބާރުގެ މަތީގަ އެވެ.
އަޒީ ވިދާޅުވާ ގޮތުގައި، އެ ދުވަސްވަރަކީ ޒަކީ އިސްވެ ހުންވައިގެން ހާރިޖީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވި ދުވަސްތަކެކެވެ. ރާއްޖޭގެ ހާރިޖީ ދާއިރާގެ ބައްޕައަކީ ޒަކީކަމަށް އަޒީ ގަބޫލުކުރައްވަނީ އެހެންވެ އެވެ. ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ބިންގާ އަޅުއްވައި ދެއްވި ޒަކީއަށް ހާއްސަ އިހުތިރާމެއް އަޒީގެ ހިތުގައި ވަނީ ދެވިފަ އެވެ.
ރައްޔިތުންނާ ގާތަށް
ރައީސް އިބްރާހިމް ނާސިރާއި ބޮޑުވަޒީރު އަހުމަދު ޒަކީ އާދެމެދު ކުރެވުނު ހިމޭން ހަނގުރާމަ އެންމެ ގާތުން ފެނިވަޑައިގަތް އެއް ބޭފުޅަކީ އަޒީ އެވެ. އެކަމަކު އޭރު އެ ދެ ބޭފުޅުންގެ މެދުގައި ޖެހުނު މައްސަލަތަކުގެ ތަފްސީލަށް ވަޑައިގަންނަވަން އަޒީ ބޭނުންފުޅެއް ނުވެ އެވެ.
އެ ކޯޅުން ހޫނުވެ، ޒަކީ ހައްޔަރުކުރުމުގެ އެއް އަހަރު ކުރިން، 1974 ވަނަ އަހަރު ޕާސްޕޯޓް އޮފިސަރަކަށް ސްރީ ލަންކާގައި ހުންނަ އެމްބަސީއަށް އަޒީ ފޮނުވާލެއްވި އެވެ.
"ޒަކީ ވިދާޅުވި ދާށޭ. ބޭބެގެ ޒަމާން މިދިޔައީއޭ. އެތާ [ލަންކާގައި] ހުއްޓާ [ޒަކީ] ހައްޔަރުކުރީ،"
ޒަކީ ހައްޔަރުކުރުމާއެކު ހަފްތާއެއްގެ ތެރޭގައި އަނބުރާ ރާއްޖެ އައުމަށް އަޒީއަށް ނާސިރު އެންގެވި އެވެ.
ޒަކީގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅުން ބަންދުކޮށް ސުވާލުކުރަމުން ގެންދިޔައިރު، ޒަކީގެ ގިނަ ސިއްރުތަކެއް އެނގިވަޑައިގަންނަވާ އަޒީ މާލެ ވަޑައިގެންނެވީ ނުތަނަވަސްކަމެއްގެ ތެރޭގައި ހުންނަވައިގެންނެވެ.
ނަމަވެސް، އަޒީއާމެދު ނާސިރު ކަންތައް ކުރެއްވީ ހީކުރެވުނު ގޮތަކަށް ނޫނެވެ. އަޒީއަށް އެންގެވީ ނ. އަތޮޅުގެ އަތޮޅުވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށެވެ.
އެއީ އަޒީ ސިފަކުރައްވާ ގޮތުގައި، ތަފާތު ތަޖުރިބާއެކެވެ. އަތޮޅުތެރޭގައި ކުރިން ދިރިއުޅުއްވާފައި ނުވާ އުމުރުން އެންމެ 25 އަހަރުގެ ޒުވާނެއް ނާސިރު ފޮނުއްވީ އޭރު އަތޮޅު ކޮމިޓީ އިންތިހާބުކުރާ ނިޒާމު އުވާލެއްވުމަށްފަހު އެވެ.
ޒަކީ އާއި ނާސިރުފަދަ ހިންގުންތެރިންގެ ފަރާތުން ލިބިވަޑައިގެންނެވި ތަޖުރިބާތައް އަތޮޅުވެރިކަމުގައި ހުންނަވައިގެން އަޒީ ފުރިހަމައަށް ބޭނުންކުރެއްވި އެވެ. އެ މަގާމު އަޒީ އަދާކުރެއްވީ އެ އަތޮޅުގެ މީހެއްގެ ގޮތުގައި، އެންމެންނާ ގުޅިގެންނެވެ. އިންސާފުން އެއްކިބާވެ، އެއްވެސް ކަމެއް ނުނިންމަވަ އެވެ. ރައްޔިތުން ނުރުހޭ ކަމެއް ނުކުރައްވަ އެވެ. އޭގެ ނަތީޖާއަކީ އެ އަތޮޅު ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އަޒީއަށް ފުރިހަމައަށް ލިބުމެވެ.
އެކަން އެކަންޏެއް ނޫނެވެ. އެ ތިންއަހަރެއްހައި ދުވަހު ކުރެއްވުނު ތަޖުރިބާތައް މިއަދާ ހަމައަށްވެސް އަޒީ ބޭނުންކުރައްވަ އެވެ.
"އެއީ މީހުންގެ ތެރެއަށް، އާންމުންގެ ތެރެއަށް ނުކުންނަން ލިބުނު ފުރުސަތެއް. މީހުންގެ ޝުއޫރުތަކާއި އިހުސާސްތަކަށް ލޯހުޅުވުނު. އެ ތަޖުރިބާތައް މިއަދުވެސް އަޅުގަނޑު ބޭނުންކުރަން،"
ނާސިރުގެ ވެރިކަން ނިމި، 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހު، މައުމޫން އަބްދުލްގައްޔޫމް ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމާއެކު އަޒީ ވަގުތުން މާލެ ގެންނެވި އެވެ. އޭރު ހުރި ދެ ރީޖަނަލް އޮފީސްގެ ތެރެއިން، ނޮދާން ރީޖަނަލް އޮފީސް ހިންގެވުން އަޒީއާ ހަވާލުކުރެއްވި އެވެ.
އެކަމަކު އެ މަގާމުގައި އަޒީއަށް ހުންނެވުނީ އެންމެ މަހެއްހައި ދުވަހު އެވެ. ކުރީގެ ޝިޕިން ޑިޕާޓްމަންޓުގައި މައްސަލަތައް ބޮޑުވެ، އެ ކުންފުނި ދަރާ ހިސާބަށް ހިންގުން ބޮއްސުންލައިގެން ދިޔުމުން، އަޒީގެ ތަޖުރިބާ އެތަނަށް މުހިންމުކަމަށް މައުމޫން ނިންމެވި އެވެ.
އަޒީ އެންމެ އަދާކުރާ ހިތްވި މަގާމުގައި ހުންނެވުނީ ހަ މަހެއްހައި ދުވަހު އެވެ. އަތޮޅުތެރެއަށް ތައުލީމީ ނިޒާމުފުޅާ ކުރައްވަން މައުމޫން ފެއްޓެވި މަސައްކަތަށް އަޒީގެ ބޭނުން ބޮޑުވީމަ އެވެ. އޭރުގެ އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު، ޒާހިރު ހުސެއިންގެ ދަށުން، ޖަޕާނު ސަރުކާރުގެ އެހީގައި އަތޮޅު މަދަރުސާތައް ގާއިމުކުރުމުގައި އަޒީ މުހިންމު ދައުރެއް އަދާކުރެއްވި އެވެ.
އަތޮޅުތެރެއަށް ހާއްސަ މުގައްރަރެއް ފަރުމާކޮށް، އޭރު އަތޮޅު ތެރެއަށް "ފޮނުވާލާ" އިސް ބޭފުޅުންގެ އިލްމާއި ތަޖުރިބާ ތައުލީމީ ނިޒާމުގެ ތެރެއިން ބޭނުންކުރެއްވުމުގެ ހިކުމަތް ނެރުއްވި އެވެ.
"އޭރު އަތޮޅު ތެރޭގައި ޓީޗަރުން ނުތިބޭ. ދެން އެ ދުވަސްވަރަކީ އަތޮޅު ތެރެއަށް މީހުން އަރުވާލާ ދުވަސްވަރު. ރަށުގަ ބަހައްޓަން ރައީސުލްޖުމްހޫރިއްޔާއަށް ނުފެނުނުކަމަށް ބުނެ ޗިޓު ބުރިއެއް އޭރު އަންނާނީ. އެފަދަ ބޭފުޅުން ޓީޗަރުންގެ ގޮތުގަ އަޅުގަނޑުމެން ބޭނުންކުރީ،"
އެޑިޔުކޭޝަން މިނިސްޓްރީގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި އަޒީ ހުންނަވައިގެން ސެކަންޑަރީ ހަޔާ އެޑިޔުކޭޝަން ރާއްޖެއަށް ތައާރަފުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެ ޒިންމާތަކުގެ އިތުރުން ނ. އަތޮޅުގެ ރައްޔިތުންގެ ތާއީދާއެކު އެ އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ތިން ދައުރު އަޒީ ކުރެއްވި އެވެ.

މަޖިލީހުގައި ނ. އަތޮޅުގެ ރައްޔިތުން ތަމްސީލުކުރެއްވީ އަބަދުވެސް ގެންގުޅުއްވާ އުސޫލުތަކުގެ މަތީގައި ހުންނަވައިގެންނެވެ. ބައެއް ވާހަކަތައް ދައްކަން ގިނަ މީހުން ޖެހިލުންވާ ދުވަސްވަރެއްގައި، ރައްޔިތުންނާއި ގައުމުގެ ހައްގުގައި ފަސްޖެހިވަޑައިނުގެން އަޑުއުފުއްލެވި އެވެ.
"އޭރު ދެއްކި ބައެއް ވާހަކަތަކުން އަޅުގަނޑަކީ ސަރުކާރާ ދެކޮޅު މީހެއްކަމަށް ވެސް ސިފަކުރި. މައުމޫން އަރިހަށް ވެސް ދެ ތިން ފަހަރެއްގަ މަތިން އަޅުގަނޑު ގެންދިޔަ. އައްސަވާނެ ކޮބައިހޭ އަސްލު ނަގާ މައްސަލައަކީ. ދެން އަޅުގަނޑު ސާފުކޮށް ކިޔައިދިނީމަ، މައުމޫން ހުންނާނެ އެކަން ގަބޫލުކުރައްވައި ކަންކަން ރަނގަޅުވެސް ކޮށްދެއްވާފަ،"
އެނބުރި ހާރިޖިއްޔާއަށް
ހާރިޖިއްޔާއިން ކެރިއާ ފެއްޓެވި އަޒީ އަނބުރާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވި 1984 ވަނަ އަހަރު އެވެ. އެ ޒަމާނުގައި ބޭރު ގައުމުތަކުގައި ރާއްޖޭގެ މާ ގިނަ މިޝަންތަކެއް ނުހުރެ އެވެ. ރާއްޖެއަށް ކަނޑައަޅާފައިވާ ގިނަ ސަފީރުން ތިއްބަވާ ލަންކާއަކީ، އޭރު ބޭރު ދުނިޔެއާއި ރާއްޖެ ގުޅުވައިދޭ އެންމެ މުހިންމު ފާލަމެވެ.
ނ. އަތޮޅު މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ދެއްވައި، ދިވެހި ސަރުކާރު ތަމްސީލުކުރައްވަން ލަންކާގައި ހުންނަވާ ސަފީރުކަން އަޒީ ގަބޫލުކުރެއްވީ 1993 ވަނަ އަހަރެވެ. ރާއްޖެއަށް ގިނަ އެހީތައް ދެމުންގެންދާ މުހިންމު ގައުމުތަކާ ގާތްގުޅުމެއް ގާއިމުކޮށް ދެމެހެއްޓުމުގެ މުހިންމު މަސައްކަތް ގާތްގަނޑަކަށް ނުވަ އަހަރު އަޒީ ކުރެއްވި އެވެ.
އެ ޒިންމާ އަދާކުރެއްވީ މައުމޫން ވެރިކަމުގައި އަސާސީ ހައްގުތައް ހިފެހެއްޓިފައިއޮތްކަމަށް ގަބޫލުކޮށްގެން، ބޭރުގެ ގިނަ ގައުމުތަކުގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ދުވަސްވަރެއްގަ އެވެ. ލަންކާގައި ދިވެހި ސަރުކާރު ތަމްސީލުކުރާ އެންމެ އިސްމީހާގެ ހައިސިއްޔަތުން ރާއްޖޭގެ ހާލަތު ސާފުކޮށްދިނުމުގެ ބުރަ ޒިންމާ އުފުއްލެވި އެވެ.
"އަޅުގަނޑު އަބަދުވެސް ބުނަން، ފާޑުކިޔާށޭ. ފާޑުކިޔުމަކުން އެއްވެސް މައްސަލައެއް ނެތޭ. އެކަމަކު ފާޑުކިޔާ ކަންކަމުން އަރައިގަނެވޭނެ ގޮތެއް ވެސް ދައްކާށޭ. އެކަމުން އަރައިގަންނަން އެހީތެރިވެދޭށޭ،"
ލަންކާ ސަފީރުކަމުގައި ހުންނެވުމަށްފަހު އަޒީ، އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު ނިމުމާ ހަމައަށް ހޯމް މިނިސްޓްރީގެ އިތުރުން އެޓޯލް މިނިސްޓްރީގެ މިނިސްޓަރުގެ ނައިބުކަމުގެ މަގާމު އަދާކުރެއްވި އެވެ.
މައުމޫންގެ ވެރިކަންނިމި، ގިނަ ޕާޓީތައް އެކުލެވޭ ނިޒާމަކާއެކު ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، އަޒީ ހުންނެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.
އަވަށްޓެރި އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމު އެމްޑީޕީގެ ސަރުކާރުން ހުށަހެޅުމުން އަޒީއަށް ވެސް ލިބިވަޑައިގެންނެވީ ހައިރާންކަމެވެ. އަޒީއަކީ އެމްޑީޕީއަށް ނިސްބަތްނުވާ ބޭފުޅަކަށްވީނަމަވެސް ރާއްޖޭގެ ކުރީގެ އެހެން ވެރިންނެކޭ އެއް ފަދައިން ރައީސް މުހައްމަދު ނަޝީދަށް ވެސް ފެނިވަޑައިގަތީ އަޒީގެ ތަޖުރިބާ އެވެ. ވަކިކޮޅަކަށްނުޖެހި، ވަފާތެރިކަމާއެކު ސަރުކާރު ތަމްސީލު ކުރައްވާނެކަމުގެ ޔަގީންކަމެވެ.
ރިޓަޔަރކުރެއްވުމުގެ ޕްލޭނާއި މުސްތަގުބަލު
ނަޝީދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމިގެންދިޔައީ އަޒީ ދިއްލީގައި ހުންނަވަނިކޮށެވެ. އޭގެ އަހަރެއްހައި ދުވަސް ފަހުން، އެނބުރި ރާއްޖެއަށް ވަޑައިގެންނެވިއިރު، ރައީސްކަމުގައި ހުންނެވީ އަޒީގެ ގާތްއެކުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.
ވަހީދުގެ ސަރުކާރަށް ހިދުމަތްކުރަން ގިނަ ފުރުސަތުތަކެއް އަޒީއަށް ހުށަހެޅި އެވެ. އެކަމަކު ވަހީދުގެ އަރިހުން އަޒީ އެދިވަޑައިގެންނެވީ އެންމެ ކަމެކެވެ. ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށް ދެއްވުމަށެވެ. އެކަމުގެ ސަބަބު ވަރަށް ސާފެވެ.
އަޒީގެ މުޅި ހަޔާތް ތަރުތީބު ކުރެއްވީ ވަކި ޕްލޭނެއްގެ ދަށުންނެވެ. އުމުރުން 60 އަހަރުވުމުން ރިޓަޔާ ކުރެއްވުމަކީ އަޒީ އަބަދުވެސް ގެންގުޅުއްވި ވިސްނުންފުޅެކެވެ. ގިނަ ވަގުތު އާއިލާއާއެކު ހޭދަކުރެއްވުމުގެ ޕްލޭން އެވެ. ރަނގަޅު ސިއްހަތެއްގައި ހުރެގެން، އުމުރުގެ ބާކީ ދުވަސްތައް މުޖުތަމައުއަށް ހިދުމަތްކުރުމަށެވެ.
"އަޅުގަނޑު ބެލިން އަޅުގަނޑުގެ ލައިފް ޕްލޭނެއްގެ ދަށުން ގެންދެވޭތޯ. އެ ޕްލޭންގެ ވަރަށް މުހިންމު ބައެއް ރިޓަޔަމަންޓަކީ. ރިޓަޔަމަންޓަކީ ނޭނގި ހުއްޓާ އަންނަ އެއްޗަކަށްވާކަށް އަޅުގަނޑު ބޭނުންނުވީ،"
އަޒީގެ އެ ނިންމެވުމަށް ވަހީދު އިހުތިރާމް ކުރައްވައި، ދައުލަތަށް ހިދުމަތްކުރުމުން ރިޓަޔާކޮށްދެއްވީ އަޒީގެ އުމުރުން 62 އަހަރުގައި 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އަޒީ މިހާރު ގިނަ ވަގުތު ހޭދަކުރައްވަނީ އާއިލާއާއެކު އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، އާއިލާއަކީ މީހެއްގެ ހަޔާތުގެ އެންމެ މުހިންމު ބައެވެ. ކޮންމެ ކަމެއް ބަދަލުވިޔަސް ހަޔާތުގައި އަބަދުމެ ދެމިއޮންނާނީ އެމީހެއްގެ އާއިލާ އެވެ.
އާއިލާގެ ހިއްސާއެއްގެ ގޮތުގައި އަޒީ ދެކެވަޑައިގަންނަވާ ރާއްޖޭގެ ހާރިޖިއްޔާއިން މިހާރު ހޯދާފައިވާ ކުރިއެރުންތައް އޭނާ ފާހަގަކުރައްވަނީ އުފަލާއި ހިތްހަމަޖެހުމާއެކު އެވެ. ގިނަ އަހަރުތަކެއް ވަންދެން އަޒީ ވެސް މަސައްކަތްކުރެއްވި ފޮރިން ސާވިސް ވަކި ހިދުމަތަކަށް ހެދުމުގެ ގާނޫނު ވުޖޫދުވެއްޖެ އެވެ. ދިވެހި ހާރިޖިއްޔާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާވެ، ބައިނަލްއަގުވާމީ މައިދާނުގައި އިހުތިރާމާއި ގަދަރު ހޯދައިފި އެވެ.
"އަޅުގަނޑު އުފާކުރާ ކަމަކީ ފޮރިން ޕޮލިސީއެއް މިހާރު އެބައޮތް. ފޮރިން ސާވިސް އެކްޓެއް އެބައޮތް. އަޅުގަނޑުގެ އުއްމީދަކީ އެއާ އެއްގޮތަށް ކަންތައްތައް ހިނގުން،"

އާއިލާއަށް ވަގުތު ދެއްވުމުގެ އިތުރުން، އަޒީގެ ޕްލޭނާ އެއްގޮތަށް އޭނާ މިހާރު ގެންދަވަނީ އިސްރަށްވެހިންގެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މުޖުތަމައުއަށް ހިދުމަތް ކުރައްވަމުންނެވެ. އުމުރުގެ ބޮޑުބައި ގައުމަށް ހިދުމަތްކޮށްފައިވާ އެންމެންގެ ހައްގުގައި ވަކާލާތުކުރައްވައި، އެމީހުންގެ ހައްގުތައް ހޯދައިދިނުމަށެވެ.
ބޮޑުވަޒީރެއްގެ އިތުރުން ތަފާތު ތިން ރައީސުންނާއެކު ސިޔާސީ ކުލައެއް ނުޖެހި ގާތްގަނޑަކަށް ބައިގަރުނު ހިދުމަތްކުރެއްވުމުގެ ފަހަތުގައި ފޮރުވިފައިއޮތް މާބޮޑު ސިއްރެއް ނޫނީ ހިކުމަތެއް ނެތް ކަމަށް އަޒީ ވިދާޅުވެ އެވެ.
ޕަބްލިކް އެޑްމިނިސްޓްރޭޝަންއިން މަތީ ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި އަޒީއަކީ އެޑްމިނިސްޓްރޭޓަރެކެވެ. ކެރިއާ ޑިޕްލޮމެޓެކެވެ. ވަކި މީހެއްގެ ނޫނީ ޕާޓީއެއްގެ މީހެއް ނޫނެވެ. ގައުމުގެ މީހެކެވެ.
އެ ގަބޫލުކުރެއްވުމުގެ މަތީގައި ސާބިތުކަމާއެކު ހުންނަވައިގެން ގައުމަށް ހިދުމަތްކުރެއްވީ އެވެ. އެ ނަމޫނާ ހިދުމަތުގެ އަގު އަޒީ ސިފަކޮށްދެއްވީ ވަރަށް އާދައިގެ ސުވާލަކުންނެވެ.
"އަޅުގަނޑު ނުފޫޒުގަދަ މަގާމުތަކުގައި ހުރިއިރު ދެއްވި އިހުތިރާމް މިހާރުވެސް ހުރިހާ ބޭފުޅުން ދެއްވާ. ކޯޗެއްތޯ އިތުރަށް ބޭނުންވާނީ؟"












