މީގެ 14 ވަރަކަށް އަހަރު ކުރިއަށް ބަލާނަމަ ބ. އޭދަފުށީގައި އަމިއްލަ އަށް ކޯޓު ކުރަހައިގެން، ބެޑްމިންޓަން ކުޅެން ބޭނުންވާ ޒުވާނުންގެ ބަޔަކު މަސައްކަތް ފެށީ ހަމައެކަނި ކުޅެލުމުގެ ޝައުގެއް ހުރުމުންނެވެ. އެ ކުޅިވަރުން ރާއްޖޭގެ ލެވަލްގައި ކާމިޔާބެއް ހޯދުމުގެ ހިޔާލެއް އަދި ވިސްނުމެއް ވެސް އޭރަކު ނެތެވެ. އެކަމަކު، އެ ދުވަސް މާޒީވިތާ މިވީ 10 އަހަރު ތެރޭ ހިނގި ކަންކަމަށް ބަލާއިރު، ރާއްޖޭގެ ލެވަލްގައި ބެޑްމިންޓަނުގެ މަތީ ފަޑީގައި އޭދަފުށި ރަނގަޅަށް ވެސް ފައިތިލަ ސާބިތުކޮށްފައިވެ އެވެ.
އޭދަފުށީގެ ބެޑްމިންޓަން ތާރީހުގައި ރަން އަކުރުން ނަން ފެވޭނެ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރެއިން ހާއްސަވާ ދެ ކުޅުންތެރިންގެ ތެރޭގައި ގައިމު ވެސް މުހައްމަދު އިކްރާމް އާއި ހުސެއިން މުހައްމަދު ހިމެނޭނެ އެވެ.
އިކްރާމް، ހަނދާން ހުންނަ ގޮތުގައި 2000 ގެ އަހަރުތަކުގެ ތެރެއިން އޭދަފުށީގައި ބެޑްމިންޓަން ކުޅޭ މީހުންގެ މެދުގައި އެ ކުޅިވަރުގެ ޝައުގު މަޑުމަޑުން އާލާވާން ފަށައިފި އެވެ. އެކަންކަމަށް ކޮށުނު މަގަކަށްވީ 2008 ވަނަ އަހަރު އޭދަފުށީ ޔޫތު ސެންޓަރުގައި ކުޅެވުނު މުބާރާތެކެވެ. އެ މުބާރާތުގެ ފޯރީގެ އަޑު، ރާއްޖޭގެ ބެޑްމިންޓަންގެ މައި ޖަމިއްޔާ، ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އާ ހަމައަށް ފޯރި އެވެ.
"އެ މުބާރާތަށް ފަހު މި ތަނުގައި ބެޑްމިންޓަން (ރަނގަޅަށް) ކުޅެން ފެށުނީ، އެ ހިސާބުން ބެޑްމިންޓަން އެސޯސިއޭޝަންއާ ކަނެކްޝަނެއް އައިސްގެން، ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ތެރެއަށް ވަދެ ރަސްމީ ސިފައެއް މި ޖެހުނީ،" ބެްޑްމިންޓަންގެ ކަންކަން އޭދަފުށީގައި ފެށިގެން އައި ގޮތް، އިކްރާމް ކިޔައިދިނެވެ.
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ކުރަހާލެވުނު މަންޒަރަކީ އޭދަފުށީގައި ބެޑްމިންޓަން އާލާކުރެވޭނެ ފަހި ފުރުސަތު އޮތް ކަމެވެ. އެކަމަށް ބާރު އަޅަައި، ފުޓްބޯޅަ އަށް މަޝްހޫރު އޭދަފުށީގައި ބެޑްމިންޓަން ތަރައްގީ ކުރަން މަސައްކަތް ކުރަން ބެޑްމިންޓަނުގެ ޑިވެލޮޕްމަންޓް ކޮމިޓީއެއްގެ މަސައްކަތް ހިނގައިގަތެވެ.
"އެ ހިސާބުން ޑިވެލޮޕްމަންޓް ހަރަކާތް ފެށުނީ، ދެން، 2010 ވަނަ އަހަރު އޭދަފުށީ ޓީމަށް އަތޮޅު މުބާރާތުގައި ބައިވެރިވެވުން. ވަރަށް ރަނގަޅު އަތޮޅު ފެންވަރުގެ ޓީމެއް ހަދައި، ސެމީ ފައިނަލާ ހަމައަށް ދިޔައިން. އެއީ ފުރަތަަމަ އަހަރު ބައިވެރިވެ، ވަރަށް ރަނގަޅު ކާމިޔާބެއް ކަމަށް ބަލަނީ،" ފުރަތަމަ މުބާރާތުގެ ހަނދާން އާ ކުރަމުން އިކްރާމް ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
ފުރަތަމަ މުބާރާތުގެ ފައިނަލުން ބަލިވުމުން "ކަރުއެލުވާލައިގެން" ރަށަށް އައީކީ ނޫނެވެ. ޖެހިގެން އައި އަހަރު އެ އަށް ވުރެ ރަނގަޅަށް ކުޅެ، ފައިނަލްގައި އޭރުގެ އެންމެ ވަރުގަދަ ޓީމު ފުވައްމުލަކު އަތުން ވީ ބައްޔެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުުރިއަށް ދެވޭ ކަމުގެ އިހުސާސް ކުރެވޭތީ އޭދަފުށީގެ އެ ޓީމު އޮތީ ފަސް އެނބުރި ބަލާގޮތަކަށް ނޫނެވެ. ކުރިއަށްދާން ވިސްނައިގެން ތިބީ އެއްގޮތަކަށް ވެސް ދޫދޭ ގޮތަކަށް ނޫނެވެ. އެ އަޒުމުގައި ތިބުމުގެ ފޮނިމީކުރަން ނުހަނު ފުރިހަމަ އަށް ލިބުނެވެ.
"ކަންދިމާކުރި ގޮތުން ކުރަމުން އައި މަސައްކަތުގެ ނަތީޖާ އެއް އަހަރަށް ވުރެ އަނެއް އަހަރު ރަނގަޅަށް މި ދިޔައީ. އެހެން 2012 ވަނަ އަހަރު ފުރަތަމަ އަތޮޅު ލީގު ޗެމްޕިއަންކަން ހޯދި. އެހެން ގޮސް ވިދިވިދިގެން ތިން އަހަރު ހޯދިން ދިފާއުކުރިން،" ކްލަބް އޭދަފުށިގެ ފަރާތުންނާއި ފޭލި ޖަމިއްޔާގެ ފަރާތުން އޭދަފުށީ ޓީމެއްގެ ނަމުގައި ވާދަކުރި ޓީމުތަކުގެ އެއް ހިއްސާދާރު، އިކްރާމް ބުންޏެވެ.

އޭދަފުށީގައި ބެޑްމިންޓަން ކުރިއަރުވަން އެންމެ އިސް މަސައްކަތެއް ކުރާ އިކްރާމް: އޭނާ ވަނީ އަތޮޅު ލެވަލާއި ގައުމީ ލެވަލްގެ މުބާރާތްތަކުގައި އޭދަފުށި ތަމްސީލްކޮށްފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަތޮޅު މުބާރާތުގައި ވިދަމުން އައި، އޭދަފުށީގެ މި ޓީމަކީ 2008 އިން ފެށިގެން އައި ބެޗެކެވެ. އެ ރަށުގެ ބެޑްމިންޓަނުގައި ފެންނަން އޮތް ރަން ޖީލެވެ. އެ ޓީމަށް ކޮންމެ އަހަރަކު ވެސް އިތުރުވަނީ އެއިރަކު އަރަމުން އަންނަ އެންމެ ރަނގަޅު އެކެއް ނޫނީ ދެ ކުޅުންތެރިންނެވެ.
"ގައުމީ ބެޑްމިންޓަން މުބާރާތުގައި ފުރަތަމަ ޑިވިޝަން ނަގާފައި އަބަދުވެސް އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން. އަބަދުވެސް އެ ލެވަލަށް ޕާފޯމް ކުރާނެ، ހުސެއިން، މަތީން ދެން ހަންނާން. އޭތި ބްރޭކް ކުރަން އެހެން ރަށްރަށަށް އުނދަގޫ،" އަތޮޅު ލީގު ޖުމްލަ ފަސް ފަހަރު އަދި ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އޭދަފުށި ޓީމު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ އިކްރާމް ބުންޏެވެ.
އިންޑިވިޖުއަލް ކާމިޔާބީ އަށް ބަލާއިރު، އަތޮޅު ލީގުގެ ފިރިހެން ޗެމްޕިއަންކަން ތިން ފަހަރު ހޯދައި، ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ވެސް ހޯދާފައިވާ އޭދަފުށީގެ ހުސެއިން އަކީ ހުނަރަށް ބަލާއިރު، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލް ކުރެވޭނެ ފެންވަރުގެ ކުޅުންތެރިއެކެވެ. ހުސެއިންގެ ކާމިޔާބީގެ ބޮޑު އުސްއައްޔެއް އޮތީ އިންޑިވިޖުއަލް ޓްރޮފީތަކާ ގުޅިފައި ކަމަށް ވިޔަސް، އެ ކާމިޔާބީތަކުގެ މުހިންމު ހިއްސާދާރުންގެ ގޮތުގައި އޭނާ ގުނާ ބަަޔަކީ އެކުގައި ކުޅެން އެ ދިޔަ ހީވާގި ޓީމެވެ.
"އަސްލު އަހަރެމެން ގަވާއިދުން ކުޅެން. އިކްރާމް، ހުސެއިން، ތޮލާ، ދެން މަތީން. އެއްކޮށް ކުޅޭތީ އެއް ލެވަލެއްގައި ޑިވެލޮޕްވާން އަސްލު މީގެ ފުރުސަތު އޮވޭ. މުބާރާތެއް އޮވެއްޖިއްޔާ މަހެއްހައި ދުވަސް ކުރިން ޕްރެކްޓިސް ކުރަން،" ހުސެއިން ބުންޏެވެ.
އޭދަފުށީގައި ބެޑްމިންޓަން ދިރުވުމާއި ކުރިމަގަށް ކުރާ އުންމީދު
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އަތޮޅުތެރޭ ރަށްރަށުގައި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ގާއިމްކުރާ އެއް ސަބަބަކީ ސްކޫލުން ފަށައިގެން އެ ކުޅިވަރު ވަރުގަދަކުރެވޭނެ ގޮތްގޮތް ހޯދުމެވެ. ރަށްރަށުން ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމެވެ. އޭދަފުށީގައި ވެސް ބެޑްމިންޓަންގެ އެކިއެކި ޕްރޮގްރާމްތައް ހިންގައިގެންނާއި ސްކޫލް މުބާރާތުގައި ފެންވަރު ރަނގަޅު ކުޅުންތެރިން ފެނިފައި އެބަހުއްޓެވެ. ބެޑްމިންޓަނުގައި އޭދަފުށީ ސްކޫލުން ވެސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދައިފަ އެވެ.
އިކްރާމް ބުނީ ސްކޫލާ ގުޅިގެން ބެޑްމިންޓަން ކުރިއެރުވުމުގެ މަސައްކަތް މެދުނުކެނޑި ކުރެވޭ ކަމުގެ ހެއްކަކީ އަބަދުވެސް އިންޓަ ސްކޫލްގައި ބައިވެރިވާ އޭދަފުށީގެ ޓީމުތައް ފެންވަރުގެ ގޮތުން އެހެން ރަށްތަކާ "ތަފާތެއް" ހުރުމެވެ. އެ ވާހަކަ އަށް ބާރު ދިނުމުގެ ގޮތުން އޭނާ ފާހަގަކުރާ ހާއްސަ މުބާރާތެއް އެބައޮތެވެ.

ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ތެރެއިން އޭދަފުށީ ބެޑްމިންޓަން ޓީމާއި އޮފިޝަލުން
"އެންމެ ރަނގަޅު ކާމިޔާބީ އަކީ 2016 ގެ މުބާރާތް. އެ ފަހަރު ތަންކޮޅެއް ސީރިއަސްކޮށް ތައްޔާރުވީ. އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު. 19 އަހަރުން ދަށުގެ ބޯއީސް ގޯލްޑް ހޯދި. އެކްސްޕެކްޓެއް ނުކުރަން އަސްލު ގޯލްޑަކަށް. އެއީ އިދިކޮޅަށް އޮތީ ގައުމީ ޖޫނިއާ ޓީމުގެ ކުޅުންތެރިން ތިބި ސީއެޗްއެސްސީ،" އިކްރާމް ބުންޏެވެ.
އެ ފަަހަރު އޭދަފުށީ ސްކޫލްގެ 19 އަހަރުން ދަށުގެ ބެޑްމިންޓަން ޓީމުގައި ހުރި އެއް ކުޅުންތެރިއަކީ މި ވަގުތު ހުރީ ގައުމީ ފުޓްބޯޅަ ޓީމުގެ ވާތު ބެކްގެ މަގާމުގަ އެވެ. އެއީ ހައިޝަމް ހަަސަން (ބިޑި) އެވެ.
އިކްރާމް ބުނީ ފެންވަރު ރަނގަޅު ބެޑްމިންޓަން ކުޅުންތެރިން އުފެދުނަސް އެ ކުޅުންތެރިން އެ ކުޅިވަރުގައި ހިފެހެއްޓޭނެ ގޮތެއް އަދި ނުހޯދޭ ކަމަށެެވެ. އޭނާ ދެކޭ ގޮތުގައި ފާހަގަވާ "އަސްލު މައްސަލަ އަކީ ސީރިއަސްކޮށް ބެޑްމިންޓަން ކުޅެން ބޭނުންނުވުން" ކަމަށެވެ.
"މަސައްކަތް ކުރިން މާލެ އިން ވެސް ގައުމީ ސްކޮޑާ އެކުދިން ޖޮއިން ކުރެވޭތޯ އެކަމަކު، އެ މީހުންގެ އިންޓަރެސްޓް ނެތި އެކަމެއް ނުވާނެ. އެއީ އަސްލު އެންމެ ޗެލެންޖިން މަސައްކަތަކީ ވެސް. ސްކޫލް ނިމޭ ހިސާބުން ދެން މި އެންމެ ބޮޑު ޗެލެންޖަކީ މި ކުޅިވަރު ތެރޭގައި އެ ކުޅުންތެރިން ހިފެހެއްޓުން،" އިކްރާމް ބުންޏެވެ.
މަތީ ލެވަލްގައި 10 އަކަށް ވުރެ ގިނަ އަހަރު ކުޅެފައި ހުރި އިކްރާމް މި ވަގުތު ކަންބޮޑުވާ ކަމަކީ އެ މީހުންގެ ޖީލު ކުޅެ ނިންމާލުމާ ގާތުގައި ހުރިއިރު، އެކަށީގެންވާ ޖީލެއް ދެން އުފެދިފައި ނެތުމެވެ.
"މިހާރު އަނެއްހެން ހަގީގަތަަށް ބުނަންޏާ ބެކަޕެއް ނެތް. ސީނިއާ ލެވަލްގައި ކުޅޭނެ ބައެއް ނެތް. އަހަރެމެން ނުކުޅެފިއްޔާ ނޯންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ،" ހުރި ކަންބޮޑުވުމަށް އިޝާރާތްކޮށް އިކްރާމް ބުންޏެވެ.
ކަމަކަށް ހިތްޖެހިގެން އަޒުމެއްގައި ހުރެފިއްޔާ އަބަދުވެސް އުންމީދުގެ އަލިކަމެއް އޮންނާނެ އެވެ. އެ އުސޫލުން އިކްރާމާއި އޭދަފުށީގެ ބެޑްމިންޓަނުގެ ރަން ޖީލު އޮތީ އެހާ ފަސޭހައިން ދޫދޭ ގޮތަކަށް ނޫނެވެ. ޔޫތު ޑިވެލޮޕްމަންޓް (ވައިޑީޕީ) އެއް ވަރަށް އަވަހަށް ފަށަން އަޒުމު ކަނޑައަޅައިގެން ތިބީ، އަލުން ބެޑްމިންޓަން ރަނގަޅު ދުވެއްޔެއްގައި އެ ރަށުގައި ދިރުވާށެެވެ.
"ކުޅުންތެރިންނަށް ހީވަނީ މީގެއިން އޮޕޮޗިއުނިޓީއެއް ނެތޭ. އަސްލު އެކަން އެބަޖެހޭ ބަދަލުވާން. އަޅުގަނޑުމެން މި ވިސްނައިދެނީ ފުޓްބޯޅަ ކަހަލަ ކުޅިވަރަކާ އަޅާކިޔާއިރު މީގެ ގައުމީ ޓީމުން ޖާގަ ހޯދަން. އެކަމަކު، އެ ވަރުން ވެސް ކުޅުންތެރިންގެ އިންޓަރެސްޓް ނެތް ސަބަބެއް އަދި ނުހޯދިގެން މި އުޅެނީ،" އިކްރާމް ބުންޏެވެ.
"ބޭނުމަކީ އިންޓަނޭޝަނަލް ލެވަލްގައި ވެސް ވާދަކުރާނެ ކުޅުންތެރިން އުފެއްދުން. އަދިވެސް މި އުޅެނީ ރަނގަޅަށް ނުފެށިގެން. މީގެ އެބަޖެހޭ ކުޅުންތެރިންނަށް ރަށްރަށުން ޑިވެލޮޕްވެގެން ގޮސް ހުންނަ ފުރުސަތުތައް ވެސް އެސޯސިއޭޝަނާއި މި ކުޅިވަރު ކޮމިއުނިޓީ ތެރެއިން ފެންނަން. އޭރަށް އެކަމަށް ބަލައިގެން އެހެން ކުޅުންތެރިންތައް ވެސް ނުކުންނާނެ،"

ބެޑްމިންޓަނުގެ އަތޮޅު ލީގާއި ދެ ވަނަ ޑިވިޝަނުގައި ތަފާތު ދެއްކި ހުސެއިން: އޭދަފުށީގައި ބެޑްމިންޓަން ކުރިއެރުމަކީ އޭނާގެ ވެސް އުންމީދެއް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރާއްޖޭގެ ގައުމީ ލެވަލްގައި ބެޑްމިންޓަންގެ ވަރުގަދަ ހުރިހާ މުބާރާތެއްގެ ޕޯޑިއަމްގައި އޭދަފުށީ ރަން ޖީލުގެ ޓީމުގެ ހަނދާންތަކެއް ހުންނާނެ އެވެ. ރާއްޖޭގެ ނިސްބަތުން ވަރުގަދަ ޓީމުތައް ބަލިކޮށްފައި އޭދަފުށިން ހޯދި ކާމިޔާބީތަކުގެ ވާހަކަ ހެވިފައި އުފަލުން ހުރެ އެތައް ޖީލަކަށް ކިޔައިދެވޭނެ އެވެ.
އިކްރާމް އޭނާގެ ބެޑްމިންޓަން ހަޔާތުގައި އެންމެ އުފާވި ދުވަސް ހިއްސާކުރަނީ އުއްމީދީ ވާހަކައެއް ހިމަނައިގެންނެވެ.
"އަސްލު ހަގީގަތުގައި އެންމެ އުފާވީ 2016 ގައި 19 އަހަރުން ދަށުގެ ޗެމްޕިއަންކަން އިންޓަ ސްކޫލް ނެގި ފަހަރު. އަތުން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ހިތްގައިމު. އެއީ ގައުމީ ޓީމެއް އެ ފަހަރު ގާތްގަނޑަކަށް ބަލިކުރެވުނީ. އެ ހިސާބުން ގަބޫލުކުރެވުނު މަސައްކަތެއް ކުރެވިއްޖެއޭ. އެއީ ބެޑްމިންޓަން ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއޭ ވެސް ބުނެވިދާނެ،" އިކްރާމް ބުންޏެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ މަސައްކަތް ލާމަރުކަޒީ އުސޫލުން ހިނގައިގަނެފިނަމަ މިހާރު ހުރި ލެވަލަށް ވުރެ އެއް ހަރުފަތް މައްޗަށް ޖައްސައިލެވޭނެ އެވެ. ޕްލޭނެއްގެ ދަށުން ރާއްޖޭގެ ބެޑްމިންޓަން ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރާއިރު، އެކަމުގެ ޗާޓެއް ހަދައި ކުރިއަށްދާނަމަ އެކަން ކުރަން އޭދަފުއްޓަކީ ރަނގަޅު ރަށެއްކަން ކާމިޔާބީތަކުންނާއި ކުރާ މަސައްކަތްތަކުން އެ އޮތީ ފެންނާށެވެ. އެ ކާމިޔާބީ ހޯދި ކުޅުންތެރިން ތިބީ އެ ކުޅިވަރު އާލާކުރަން ބޭނުންވާ މަސައްކަތް ކުރަން އަޒުމުކަނޑައަޅައިގެންނެވެ.
ރާއްޖޭގެ ލެވަލުން ބަލާނަމަ އެންމެ ފެންވަރު ރަނގަޅު ބެޑްމިންޓަން ދެ ކޯޓެއް އޮތީ އޭދަފުށީގަ އެވެ. އޭގެ ބޭނުން ހިފައިގެން ބެޑްމިންޓަނުގެ ތަަރައްގި އަށް ކުރެވޭނެ ކަންތައްތައް ނުހަނު ގިނަ އެވެ.












