ރިޕޯޓުރޯދަ އާއި ދިވެހިން، އެހާރާއި މިހާރު

ރޯދަ އާއި ދިވެހިން، އެހާރާއި މިހާރު

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކާބޯތަކެތި އެއްކުރުމަކީ އޭރުވެސް ކުރާ ކަމެކެވެ. އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭ ކަމީ ވަޅޯމަހާއި ހިކިމަސް ހޯދުމެވެ. އޭރަކީ ރޯމަސް ފިނިކޮށްގެން ގެންގުޅޭ ޒަމާނެއް ނޫނެވެ. ދެން ހޯދާނީ ހަވާދާއި ކަދުރެވެ. އޭރުގައި ހޯދާނީ ހަވާދުގަނޑު ތައްޔާރުކުރަން

މީހަކު ގުރުއާން ކިޔަވަނީ: ރޯދައަށް ތައްޔާރުވުމުގެ ގޮތުން ދިވެހިން ފެށުނީއްސުރެ ވެސް ގިނަ މަސައްކަތްތަކެއްް ކުރަމުން އައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މީހަކު ގުރުއާން ކިޔަވަނީ: ރޯދައަށް ތައްޔާރުވުމުގެ ގޮތުން ދިވެހިން ފެށުނީއްސުރެ ވެސް ގިނަ މަސައްކަތްތަކެއްް ކުރަމުން އައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މައްޗަށް ހިމަކޮށް، ޒާތެއްގެ ގުއްބެއްހެން ހަދާފައިވާ ވެލިފުނީގައި މާޖަހާ މީހުން މާ ޖަހަނީ އެވެ. ވެލީގެ ގުއްބުގެ މަތިން ތިރިއަށް މިރިހިމަލުގެ ރޮނގުތަކެއް ދަމައިލި އެވެ. ދެން އެންމެ މަތީގައި ގުއްބެއްގައި ނަމަ ހަނދުފަޅި ހުންނާނޭ ތަނުގައި ޖެހީ އައިބެއް ނެތް ރީތި ރީނދޫ ހިރުނދު މަލެކެވެ. ގުއްބުގެ އެތެރޭގައިވީ ރީތިކޮށް މަށައިލާފައި ހުރި ކުރުނބާ ތަކެކެވެ. މިއީ 1980 ގެ އަހަރުތަކުގައި ރޯދައަށް ތައްޔާރުވާން ކުރާ ގިނަ ކަންތައްތަކުގެ ތެރެއިން ޅަޒުވާނުން ކުރާ އެންމެ ފަހު ކަންތަކެވެ. އޭގެ އިހަށް އެތައް މަސައްކަތެއް އޮންނާނީ ނިންމައިފަ އެވެ.

ވެލީގެ މި ގުއްބަށް ރ. އަތޮޅުގެ ބައެއް ރަށްރަށުގައި އޭރު ކިޔައި އުޅޭ ނަމަކީ ކޭންފުންޏެވެ.

ކޭންފުންޏާ ހަމައަށް އަންނާނީ ވަރަށް ބޮޑު އެހެން މަސައްކަތެއް ކޮށްފަ އެވެ. އެންމެ ފުރަތަމަ ކަމަކީ އަންބަލަން ޖެހުމެވެ. ރޯދައަށް ތައްޔާރުވުމުގެ އާދަކާދައިގެ ތެރެއިން މިއީ ހަގީގަތުގައި އެންމެ އާރުލާ ކަންތަކެއް ނޫނެވެ. މިއީ ހަނދުބަލާރޭ ޒުވާނުން އުފާކޮށްލަން ކުރާ ކަމެކެވެ. އެކަމަކު ކޭންފުނި އެތަނެއްގައި ހުންނަ އަންބަލަމަކީ އެންމެނަށް ވެސް ލިބޭ އުފާވެރިކަމެކެވެ. މިވާހަކައިގެ ތަފްސީލަށް އަދި ފަހުން އަންނާނަމެވެ. އުތުރުގެ އަތޮޅުތަކުގައި ރޯދައަށް ތައްޔާރުވުމުގެ ގޮތުން މީގެ އިތުރަށް އެތައް ކަމެއް ކުރެ އެވެ. އޭރުގައި ޝައުބާން މަސް ފެށުމުގެ ވެސް ކުރިން ރޯދައިގެ ތައްޔާރީތައް ފަށާނެ އެވެ.

"ދެން ތިޔަ ކަންތަކާ އުޅެވޭނީ ރޯދައިގެ ފަހުން" މިއީ ރަޖަބު މަހުގެ ފަހުކޮޅުން ފަށައިގެން ކިޔަން ފަށާ ޖުމްލަ އެކެވެ. ހަމަ ކޮންމެ ބޮޑުކަމެއްގެ ވާހަކަ ބުނާއިރަށް ބުނާނީ މިހެންނެވެ. އޮޑިއެއް ބަންނަން ފަށަން މާވަޑިއަކު ހޯދަން އެހެން ރަށަކުން ބަޔަކު އަޔަސް ދޭނީ އެޖަވާބެވެ. "ދެން އެހެން ދިމާލަކަށް ދެވޭނީ ރޯދައިގެ ފަހުންނެވެ."

ރޯދައަށްތައްޔާރުވުމުގެ ގޮތުން ކުރާ މައިގަނޑު ކަންތައްތައް

  1. ގޭގެ އާބާތުރަ ފިލުވުން
  2. ގޯތި ތެރެ ސާފުކޮށް ބިންގަނޑު ރީތިކުރުން
  3. ކާބޯތަކެތި އެއްކުރުން
  4. މުނިފޫހި ފިލުވާނެ ތަންތަން ހެދުން

ރޯދައަށް ތައްޔާރުވުމުގެ ގޮތުން މި ދާއިރާތަކުން ކުރާ ކަންތައްތައް އެކި އަތޮޅުތަކާއި ރަށްރަށުގައި ތަފާތުވެދާނެ އެވެ. އެކަމަކު ހުރިހައިކަމެއް ވެސް ގޮސް ހުއްޓޭނީ މިދާއިރާތަކަށެވެ.

ގޭގެ އާބާތުރަ ފިލުވުން

ރޯދައަށް ގޭގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާނީ ބަދިގެއާ ހިސާބުންނެވެ. ގިނަ އަތޮޅު ތަކުގައި 1980 ގެ އަހަރުތަކާ ހަމައަށް އައި އިރު ވެސް ބަދިގެ ތަކުގައި ފަން ފުރާޅުތައް ހުއްޓެވެ. އެހެންވީމާ ބަދިގޭގެ ފުރާޅުގެ ފަން ބަދަލުކުރުމަކީ އެންމެ އިހަށް ކުރާނެ ކަންތަކެވެ. ބަދިގޭގައި ހުންނަ ކަމަޅި ގޮނޑިތަކާއި ތަށިބަހައްޓާ ހަރުގަނޑެއް ހުރި ނަމަ އެވެސް އާ ކުރާނެ އެވެ. ފުދުންތެރިކަން ކުޑަ ނަމަ ކުރާނީ މަރާމާތެވެ. އެހާ ބާ ނޫނިއްޔާ މޫދަށް ގެންގޮސް އެތަކެތި ދޮވުން ވެސް އޮވެ އެވެ.

މަސައްކަތަކަށް ވިޔަސް އެއީ ކުދިބޮޑު އެންމެނަށް ވެސް ވަރަށް އުފާވެރިކަމެކެވެ.

އާއްމު ގޮތެއްގައި އެ މަސައްކަތް ކުރާނީ ގިނަ އާއިލާތަކެއްގެ ބަޔަކު އެއް ދުވަހެއްގަ އެވެ. އެހެންވީމާ އެއީ ގިނަ ބަޔަކު ބައްދަލުވާ އިޖުތިމާއީ ހަރަކާތަކަށް ވެސް އޮންނަނީ ވެފަ އެވެ.

ބަދިގޭގެ އާބާތުރަ ފިލުވުމުގެ ތެރެއިން ކުރާ އެންމެ ފަހު ކަމަކީ އަޅިން ޖަހާފައި ހުންނަ އުނދުންތައް އާކޮށްލުމެވެ.

ބަދިގެއެކޭ އެއްފަދައިން ގޭގައި ވެސް ކުރަން ޖެހޭ އެއްވެސް މަރާމާތެއް ހުރި ނަމަ ރޯދައަށް އެކަމެއްކުރެވޭތޯ ބަލަ އެވެ. ގެއަށް ބައެއް އިތުރުކުރުން ފަދަ އެއްވެސް މަސައްކަތެއް ފަށައިފައި ހުއްޓަސް ރޯދައަށް އެކަމެއް ނިންމަން މަސައްކަތްތެރިންނަށް ބާރު އަޅަ އެވެ.

އޭރުގައި ގޯތި ތެރެ ސާފުކުރުމޭ ބުނީމާ އެއީ ކުޑަކަމެއް ނޫނެވެ. ވަރަށް ގިނަ ގޯތިގޯތީގައި އެކި މަސައްކަތްތަކަށް ހާއްސަކޮށް، ގޮނޑުވާނެ ވަރަކަށް ގޮނޑުވާން ދޫކޮށްލާފައި އޮންނަ ސަރަހައްދުތައް އޮވެ އެވެ. ގޯތިތައް އެހައިވެސް ބޮޑެއްޗެވެ. ވަޑިއެއްގެ ގޭގައި ނަމަ އޭނާގެ އަމިއްލަ ބައެއް ކުދިކުދި ވަޑާންތައް ކުރާ ސަރަހައްދުގައި އޮންނާނީ ލަކުޑި ކީހައި ކޮށައި މެށުމުގެ ސަބަބުން އުފެދޭ ކުންޏެވެ. ގޭގައި ކާހާ ކާއްޓެއްގެ ބޮނބި ފޭރާގެ ކައިރިއަށް ޖަމާވެފައި އޮވެދާނެ އެވެ.

ރޯދައަށް ގޯތި ތެރެ ސާފުކޮށްލާ އިރު މީގެ ކިތަންމެ ތަނެއް ނަގަ އެވެ.

ރޯދަމަހަށް ތައްޔާރު ވުމަށް އަހަރެމެންގެ ކާބަފައިން ގެންގުޅެމުން އައި ގޮތް ބަދަލުވި ނަމަވެސް މިހާރުވެސް ކުރަނީ ގާތްގަނޑަކަށް ދާދި އެއް ކަންތައްތަކެކެވެ. ބަދަލުވީ ދިވެހިންގެ ވިސްނުމެވެ. ދޮން މީހުންގެ އުޅުން ދަސްކުރީ އެވެ. އެ ޒަމާނުގައި ކުރާ ކަމަކީ ފުރާޅު ސާފު ކުރުމާއި އުނދޯލިތައް ދޮވުމާއި މުޅި ގޭތެރެ އާއި ތަޅުން ވެސް ފެންޖަހައިގެން ދޮވުމެވެ. އެއަށްފަހު ކުދިބޮޑު އެންމެން މޫދަށް ދިއުމެވެ. ނަމަވެސް މިހާރު ރޯދަމަސް ގާތްވުމުން މުޅި ގެ އެެކީ އެކައްޗަކަށް އާކުރަނީ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ފަރުނީޗަރާއި ހިފާ ގެންގުޅޭ އެއްޗެހި ވެސް އެއްކޮށް ބަދަލުކުރަނީ އެވެ.

ބޮޑެތި ހަރަދުތައް ހިނގާނެ އެތައް ކަމެކެވެ. ތެލި ސެޓް ބަދަލު ކުރުމާއި އާ ތަށި ގަތުމެވެ. ކުލަ ލުމާއި ގޭތެރެ ސާފު ކުރުމެވެ. މިހާރުގެ އަނެއް ތަފާތަކީ އާއިލާގެ އެންމެން ވެގެން ހިލޭ ކޮށްލެވެން އޮންނަ އެތައް ކަމެއް އެހެން ބަޔަކަށް އުޖޫރަދީގެން ކުރުވާ ކަމެވެ. ގޭގެ ކުޑަތަންކޮޅެއްގައި ކުލަލާ، ފޮޅާ ސާފުކުރުމަށް ވެސް ކޮންމެވެސް ބިދޭސީ ބަޔަކާ ހަވާލުކުރާކަމީ ދިވެހިންގެ ތެރޭގައި އޮތް އާއިލީ ގުޅުމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ.

ރޯދައަށް ކާބޯތަކެތި އެއްކުރުން

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކާބޯތަކެތި އެއްކުރުމަކީ އޭރުވެސް ކުރާ ކަމެކެވެ. އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭ ކަމީ ވަޅޯމަހާއި ހިކިމަސް ހޯދުމެވެ. އޭރަކީ ރޯމަސް ފިނިކޮށްގެން ގެންގުޅޭ ޒަމާނެއް ނޫނެވެ. ދެން ހޯދާނީ ހަވާދާއި ކަދުރެވެ. އޭރުގައި ހޯދާނީ ހަވާދުގަނޑު ތައްޔާރުކުރަން ބޭނުންވާ އެކި ބާވަތްތަކެވެ. ކޮތަނބިރިއާއި ދިރި އެވެ. އަސޭމިރުހާއި ހިކިމިރުހެވެ. ހަވާދުގަނޑު ތައްޔާރުކޮށް ފުޅިފުޅިއަށް އަޅައި ރައްކާކުރުމަކީ އުތުރުގައި އޭރު އެހާ އާންމު ކަމެއް ނޫނެވެ.

އިހުގައި ރޯދަ އައުމުގެ ކުރިން ވަލަށް ގޮސް އެއްޗެހި އެއްކުރެ އެވެ. މަހަކަށް ވާ ވަރަށް އެއްޗެހި ފޮރުވާ ރައްކާ ކުރެ އެވެ. އެގޮތުން ރޯދައަށް ހަވާދު ހެދުމާއި އަސާރަފަދަ ތަކެތި ކުރިން ކައްކާ ރައްކާ ކުރުންވެސް ބައެއް ހިސާބުތަކުގައި އޮވެ އެވެ.

ގައްދޫގައި އަންހެނަކު ރޯދައަށް ހަވާދު ތައްޔާރުކުރަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނަމަވެސް މިހާރު ރޯދައަށް ތައްޔާރު ވުމަށް އެކަން ކުރާ ގޮތްވެސް ތަފާތެވެ. އެގޮތުން މިހާރު ރޯދަ މަސް ފެށެން އެއް ދުވަހަށް ނުވަތަ ދެ ދުވަހަށް ވުމުން ކާބޯތަކެތި ގަތުމަށް ފިހާރަތަކަށް ދަނީ އެވެ. ބޮޑު އަނެއް ތަފާތަކީ މިހާރު ގަންނަ ބާވަތްތައް ގިނަވުމާއި އަގުތައް ބޮޑުކަމެވެ. ދިވެހިން އަމިއްލަ އަތްތަކުން ތައްޔާރުކޮށް ރައްކާކުރާ ކާނާ މިހާރު ރޯދައަށް ބޭނުން ނުކުރޭ ވެސް ބުނެވިދާނެ އެވެ.

ހާރުކެއުމާއި ހާރުކާން ގޮވުން

މީގެ 30 އަހަކަށް އަހަރު ކުރިއަށް ބަލައިލިޔަސް ރޯދައަށް ތިބެން ހާރުކެއުމަކީ ނިދާފައި ހޭލައިގެން ކުރާ ކަމެކެވެ. އޭރުގައި ކޮންމެ ގެއެއްގައި އެލާމްގަޑިއެއް ނުހުރެ އެވެ. އެއީ މޮބައިލްފޯނާއި ޓެބްތަކުގެ ޒަމާނެއް ވެސް ނޫނެވެ. އެހެންވީމާ ހާރުކާން ހޭލުމަކީ އެންމެނަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެއަށް އޮންނަ ހައްލަކީ އެއް ގެއެއްގެ މީހުންނަށް ހޭލެވުމާއި އެކު ޖެހިގެން ހުރި ދެތިން ގޭގެ މީހުންނަށް ގޮވުމެވެ. ބައެއް ރަށްރަށުގައި އެކަމަށް ހާއްސަ ބައެެއް މީހުން ވެސް ތިބެ އެވެ. އެމީހާ ވަރަށް ގިނަ ގެތަކަށް ގޮސް ގޮވާނެ އެވެ.

އޭރަކީ ދީނީ ހޭލުންތެެރިކަން ވެސް އެހާ ބޮޑު ޒަމާނެއް ނޫނެވެ. ހާރު ނުކެވިއްޖެ ނަމަ ނުވަތަ ރޯދައަށް ނިޔަތް ނުކިއިއްޖެ ނަމަ އަނެއް ދުވަހު ރޯދައަށް ނުތިބުމަކީ ވެސް ބައެއް މީހުން ކޮށްފާނެ ކަމެކެވެ. ހާރުކާން ގޮވުން އެހާ މުހިންމުވަނީ އެހެންވެ އެވެ.

އޭރުގައި ހާރުކާން އެންމެ މޮޅަށް ތައްޔާރު ކުރެވުނުކަމަށް ވާނީ ކިރުހަކުރު ބަތާއި ފިހުނުމަސް ބެހެއްޓުނީމަ އެވެ. ބަތްޕެނަކީ ވެސް އެހާ މޮޅު އެއްޗެކެވެ. އެއީ ގައިގައި އެންމެ ވަރުޖެހޭ ބާވަތްތައް ކަމަށް ގަބޫލުކުރާތީ އެވެ.

މިހާރު ހާރުކާ ގޮތްވެސް އޮތީ ޒަމާނަށް އައި ބަދަލާ އެކު ތަފާތުވެފަ އެވެ. ކާބަފައިންގެ ޒަމާނުގައި ހާރު ކެއުމަށް ބޭނުންކުރީ އެމީހުން އަމިއްލައަށް ހައްދާ ތަކެއްޗެވެ. މޭވާ، ތަރުކާރީ އަދި ފަލަމަޑި އާއި ފަތްކެޔޮލުގެ ބާވަތްތަކެވެ.

މާމަމެން ކިޔައިދޭ ގޮތުންނަމަ އެ ދުވަސްވަރު މައިގަނޑު ކެއުމަކަށް ބޭނުން ކުރީ ބަނބުކެޔޮލާއި ކަނޑުލެވެ. ކާ ތަކެތީގެ ތަދު ދުވަސް ވަރަކަށް ވުމުން އެ ބޭނުން ކުރާގޮތް ވެސް ވަނީ ތަފާތުވެފަ އެވެ.

"ބަނބުކޭލުގެ ތޮށިކޮޅު ނޫނީ ކަނޑޫ ކައްކާފަ އޭގެ ތޮށިކޮޅު ކާނީ އިރާކޮޅަށް. ބަނބުކެޔޮލާއި ކަނޑޫކޮޅު ކާނީ ހާރަށް. އެ ކާނީ ރިހާކުރާ، ހުންޏާލައިގެން މޮޑެގެން. ދެން އެ މޮޑެފަ ކޮންމެ ކުއްޖަކަށް ގުޅައެއް ދޭނީ ހާރުކާން،" އެކަން ދަންނަ މީހަކު ކިޔައިދިނެވެ.

މީގެ އިތުރުން ވެސް އޭރު ހާރުކެއުމަށް ފިހުނުމަހާ، ދޮންކެޔޮލާއި، ޒުވާރި ބަތާއި ކަނޑޫ ބޭނުން ކުރި އެވެ. އެ ކައިއުޅެނީ ފުނޑިލޮނާއި ކިރާއި ރިހާކުރު ލައިގެންނެވެ.

ރޯދަ ވީއްލުން

މިސްކިތްތަކުގައި ލައުޑްސްޕީކަރުތަކެއް އޭރު ނުހުރެ އެވެ. އެހެންވެ ބަންގިގޮވާ އަޑު އާއްމުކޮށް އިވޭނީ މިސްކިތާ އެންމެ ކައިރިއަށް ހުންނަ ގެތަކަށެވެ. އިރު އޮއްސޭ ވަގުތު ގަޑިއަކުން ބެލެނޭ ގޮތެއް ވެސް އޭރު ނޯވެ އެވެ. އެހެންވެ އިރު އޮއްސިއްޖެކަން އަންގަން ކުރާ ކަމަކީ ސަންގު ފުމުމެވެ. އެކަމާ ހަވާލުވެ ހުންނަ މީހާ، އިރު އޮއްސިއްޖެކަން ޔަގީންކުރާނީ ސީދާ އެ މަންޒަރު ލޮލުން ދެކިގެންނެވެ.

ރޯދަ ވީއްލުމުގެ ސުފުރާ މަތިން އޭރު މިހާ ގިނަ ބާވަތްތަކެއް ނުފެންނާނެ އެވެ. ގިނަ ގޭގޭގައި ކާލާނީ ހެދިކާކޮޅެކެވެ. އެއަށް ވުރެ މޮޅުކޮށްލަންޏާ ހުތްމަސްކާށްޓާއި ބަތްޕެން ހުރެދާނެ އެވެ.

ރޯދަ އަށް ހުރުމަށް ހާރުކާ ގޮތް މާލެ އާއި އަތޮޅު ތަކުގައި ހާސް ތަފާތެވެ. އެގޮތުން އަތޮޅުތަކުގެ ރަށްތަކުގައި އަބަދުވެސް ހާރުކައި އުޅެނީ ނިދާ ހޭލައިގެން މެންދަމު 3:00 ގެ ފަހުންނެވެ. ނަމަވެސް މާލޭގައި ބައެއް މީހުން ނިދަންވުމުން ހާރުކަ އެވެ. އަނެއްބައިމީހުން ރޭގަނޑުން ބައަކު ނިދާފައި ދަންވަރު ތެދުވެ 2:00 ޖަހާކަށްހާއިރު ކައިގެން އަލުން ނިދަ އެވެ.

ރޯދަމަހަކީ ހުރިހާ މުސްލިމުންވެސް ބަދިގެއާއި ވަރަށް ރަށްޓެހި ދުވަސްވަރެކެވެ. ހާއްސަކޮށް ދިވެހިންނެވެ. ރެސިޕީތައް ނަގާ ހިރަފުސް ފޮޅާލާ ބަދިގެތެރޭގައި ހޭލަމޭލައަށް އުޅެ 30 ދުވަސް ހަމަކުރެ އެވެ. ރޯދަ ވީއްލަން ސުރުފުރާމަތި ކާތަކެތިން ޒީނަތް ކުރުމަށެވެ. އަހަރެމެންގެ ކާބަފައިންގެ ޒަމާނުގައި އެކަން ކޮށް އުޅުނު ގޮތާއި މިހާރު ރޯދަ ވީއްލަން ކަން ކުރާ ގޮތްވެސް ތަފާތެވެ. ކައިއުޅޭ އެއްޗެހި ތަފާތެވެ.

އެ ޒަމާނުގައި ރޯދަ ވީއްލުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ ފެން ބަތްޕެނާއި ހުތް މަސްކާށި، މަސްބަތް (ބަނބުކެޔޮލާއި ލޮނު ލައިގެން ކައްކާ ބަތެއް) ފެންފޮޅިޔާ ހިކި ރިހަ، ހުނިހަކުރު ފެނުކައްކާފައި، ފެނުގުޅަ، ގޮދަނުގެ ލޮނުފޮޅި (ފަތުގަ ޖަހައިގެން ފިހެފަ) ބިންބި ފުއް މޮޑެފައި ފޮނި އަދި ލޮނު ފޮޅި، (ދިޔާ ހަކުރާ ގަބުޅި ހުންޏާ) އެވެ.

ނަމަވެސް މި ޒަމާނުގައި ބޭނުންކުރަނީ ތަފާތު ވައްތަރުގެ ހެދިކާ އާއި އާ ރެސިޕީތަކަށް ނޫންނަމަ ބޭރު ކޮންމެވެސް ގައުމެއްގައި ކައިބޮއެއުޅޭ އެއްޗެހި ހަދާ ރެސިޕީއަކަށް ތައްޔާރުކުރާ ތަކެއްޗެވެ. ނޫނަމަ ކޮންމެވެސް ރެސްޓޯރެންޓަކަށް ގޮސް ރޯދަވީއްލާލަނީ އެވެ.

އެހާރާއި މިހާރަށް ބެލި ނަމަވެސް ބަދަލު ނުވާ ކަމަކީ ދިވެހިންގެ ތެރޭގައި އޮންނަ ރޯދަމަހާ ގުޅުންހުރި އާދަތަކާއި ސަގާފަތްތަކުގެ ތެރެއިން ވެސް އާއިލާގެ އެންމެން އެކުވެ ބާއްވާ އަހަރުގެ އާއިލީ ބޮޑު ރޯދަ ވީއްލުމެވެ. ގާތް އަދި ދުރުތާ ތިމާގެ ހުރިހާ އެންމެންނަށް ދައުވަތު ދީގެން ބާއްވާ ރޯދަވީއްލުމަކީ އިހުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށް މަންމަމެން ބުނެ އުޅެ އެވެ.

ރޯދަމަހުގެ މުނިފޫހި ފިލުވުން

ރ. އަތޮޅުގައި ވެސް އަދި މުޅިރާއްޖޭގައި ވެސް 1980 ގެ އަހަރުތަކުގައި ރޯދަ ކުރުކުރަން އޭރުގައި ކުރާ އެންމެ މުހިންމު ކަމަކީ ވީހާވެސް ގިނަ ބަޔަކު އެއްތަން ވެލުމެވެ. އެކަމަށްޓަކައި މުހިންމު ތިން ތަނެއް ތައްޔާރުކުރެ އެވެ. އެއް ތަނަކީ ރަށުގައި އެންމެބޮޑުކޮށް ތުނޑިލާފައި އެވަގުތަކަށް އޮތް ދިމާލެއްގެ ތުނޑިމައްޗެވެ. ހަވީރު ގިނަ ބަޔަކު ތިބޭނީ ތުނޑީގައި ކަމަށް ވާތީ ތުނޑިން ބޮޑެތި ގަލާއި އަކިރި ނަގައި ސާފުކުރުމަކީ ބައެއް ފަހަރަށް ކުދިވެރިންގެ ކަމެކެވެ. އަނެއްބައި ފަހަރަށް ބޮޑެތި މީހުން ވެސް އެކަމުގައި ބައިވެރިވެ އެވެ.

ދޮންވެއްޔަކީ ރޯދަމަހުގައި ވަރަށް ހާއްސަ އެއްޗެކެވެ. ތުނޑި ކިތަންމެ ރީތިކޮށް އޮތަސް ގޭގެ ގޯތި ތެރޭގަޔާއި ފުޅާ މަގުތަކުގައި ވެސް ދޮންވެލި ލައިގެން ތައްޔާރުކުރާ ތަންތަން ހުރެ އެވެ. އޭގެ އެއް ތަނަކީ އަންބަލަމެވެ. އެއީ ހަތަރު ފަރާތުގައި ކަށިކެޔޮ އަޅޯ ނުވަތަ ރުއްގުޅިތަކެއް ޖައްސައި، ނުގުޑާނެހެން ކަޑަ ޖަހާފައި މެދަށް ވެލި އަޅާފައި އޮންނަ ހަތަރެސްކަން ގޮޅި އެކެވެ. އެ މަސައްކަތް ފަށާނީ ރޯދަމަސް ފެށެން ދެތިން ދުވަހަކަށް ވުމުންނެވެ. މި ލިއުމުގެ ފެށުމުގައި އެއޮތް ކޭންފުންޏަކީ އަންބަލަމުގެ މެދުގައި ހަދާ އެއްޗެކެވެ. އެ ކޭންފުނީގެ މައްޗަށް ކުދިން ޖެހިގަނެ، އޭގައިވާ ކުރުނބާތައް ނަގާނީ ރޯދައަށް ހަނދު ފެނުމުންނެވެ. ހަނދު ނުފެނި ޝައުބާން މަހުގެ 30 ހަމަވާ ހާލަތްތަކުގައި 30 ވަނަ ދުވަހުގެ އިޝާނަމާދަށް ފަހުގަ އެވެ.

ރޯދަ ކުރުކުރުމަށް އޭރުވެސް ގިނަ ކަންކަން ކޮށް އުޅުނެވެ. އެގޮތުން އަތިރިމަތީ ގަލާއި ދޮންވެލިން ގެ ހެދާ އެ ތަންތަނުގައި ތަފާތު ކުޅިވަރުތައް ކުޅެ އުޅުނެވެ. އޭގެ ތެރޭގައި އޮއްވަޅު، ފަސް އޮއް، މަންޑި، ކޮރާ، ގަނޑުފިއްލަ އާއި ތިންހަމަ ފަދަ ކުޅިވަރުތައް ހިމެނެ އެވެ.

ގދ. ގައްދޫގައި ބަޔަކު ރާޒުވާ ކުޅެނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭރު ކުދިން ގެއިން ނިކުމެ ބޭރުތެރޭ ކިތަންމެ ގިނަ އިރަކު އުޅުނަސް ހޯދާކަށް ނުދާނެ އެވެ. އެ އިތުބާރު ދަރިންނަށް އޮންނާތީ އެވެ. މުޖުތަމައުއަށް ވެސް އިތުބާރު ކުރެވޭތީ އެވެ. ނަމަވެސް މިހާރު މިކަން ކުރާ ގޮތް ހާސް ތަފާތެވެ.

މިހާރު ރޯދަ މަހު ކުޅޭ ކުޅިވަރުތައް ކުޅެނީ އެތެރޭގައި ތިބެގެންނެވެ. ދުވާލު ނިދާ ރޭގަނޑު ހޭލާ ހުރެ އެވެ. މިހާރު ކުޅޭ ކުޅިވަރު ތަކުގެ ތެރޭގައި ބައިބަލާ، ތާސް، ފޯނުންނާއި އިލެކްޓްރޯނިކް ސާމާނުތައް ބޭނުން ކޮށްގެން ކުޅޭ ކުޅިވަރުތައް ހިމެނެ އެވެ.

ޒަމާނާއެކު ދިވެހިންގެ ރޯދަމަހުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ރޯދަކުރުކުރުމާއި، ރޯދަމަހުގެ ކެއުންތަކުގެ އުސޫލުތައްވެސް ބަދަލުވެއްޖެ އެވެ. ހުރިހާ ކަމެއް ފަސޭހަވެއްޖެ އެވެ. ބަދަލު ނުވަނީ ދިވެހިން ރޯދަ މަހަށް ދޭ ހާއްސަކަމެވެ. އިހު ހުރި އާދަތަކުގެ ވައްޓަފާޅި ބަދަލުވެ، އެ ކަންކަމުގައި ތަރައްގީގެ ކުލަ ޖެހުނީ އެވެ. އެހެންނަމަވެސް ކުރިން ގެންގުޅުނު އާދަތަކާއި، ކުޅެ އުޅުނު މަޖާ ކުޅިވަރުތަކުގެ ހަނދާންތަކުން އަދިވެސް ހިތަށް ލިބެނީ އުފާވެރިކަމެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox