ރިޕޯޓުއޮމަދޫގައި އެކަހެރިވެފައިވާ "ހިމޭން" ބޮޑު އާބާދީއެއް

އޮމަދޫގައި އެކަހެރިވެފައިވާ "ހިމޭން" ބޮޑު އާބާދީއެއް

އދ. އޮމަދޫގެ އާބާދީގަ ހިމެނޭ 1156 މީހުންގެ ތެރެއިން، 69 މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. މާނަ އަކީ ކޮންމެ 16 މީހުންގެ ތެރެއިން އެކަކީ، އުނިކަމެއް ހުރި މީހެކެވެ. އޭގެ ތެރެއިން ވިއްސަކަށް މީހުންނަކީ އަޑު ނުއިވޭ އަދި ވާހަކަ ނުދެެއްކޭ މީހުންނެވެ.

 އދ. އޮމަދޫ ސްކޫލް ކައިރީ އެރަށުގެ ބަޔަކު މަޑުކޮށްލައިގެ: އާބާދީގެ ކޮންމެ 16 މީހުންގެ ތެރެއިން އެކަކީ ނުކުޅެދުންތެެރިކަން ހުންނަ މީހެއް-- އަދަދު ފޮޓޯ/ އަހުމަދު ސައީދު
އދ. އޮމަދޫ ސްކޫލް ކައިރީ އެރަށުގެ ބަޔަކު މަޑުކޮށްލައިގެ: އާބާދީގެ ކޮންމެ 16 މީހުންގެ ތެރެއިން އެކަކީ ނުކުޅެދުންތެެރިކަން ހުންނަ މީހެއް-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

އެ ގޭގެ ފަސް މެންބަރުންނަކީ އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމު މީހުންނެވެ. އިތުރު ފަސް ކުދިންނަކީ އަޑު އިވުނު ނަމަވެސް ވާހަކަ ނުދެއްކޭ ކުދިންނެވެ. ނުކުޅެދުންތެރިކަން ހުރި އެހާ ގިނަ މެންބަރުން އެއް އާއިލާ އެއްގައި ތިބެދާނެ ކަމަށް ގަބޫލު ކުރަން ދަތިވިއަސް އެއީ ހަގީގަތެވެ. އަޑު ނީވޭ ވާހަކަ ނުދެއްކޭ ދެ ދެމަފިރިން އޭގެ ތެރޭގައި ހިމެނެ އެވެ.

ހަތަރު ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެއް އައިސް އޭނާގެ މަންމަގެ އުނގައްވަދެ، އަތުގެ އިޝާރާތުން މަންމަ އާ ދެއްކި ވާހަކަ އަހަރެންނަށް އެއްވެސް ގޮތަކަށް އޮޅުމެއް ނުފިލި އެވެ. އެ ދެމައިންގެ އޮތް 'ހިމޭން ގުޅުން' ބުނެދިނީ، އެހެން ވެސް އާދައިގެ މަންމައަކާއި ދަރިއަކާ ވަކި ތަފާތެއް އެމީހުންގެ ނެތް ކަމެވެ. މަންމައަށް އަޑު ނީވުނަސް ވާހަކަ ނުދެއްކުނަސް އެ ދެމައިންގެ މެދުގައި ބަރާބަރަށް މުއާމަލާތް ކުރެވެ އެވެ.

އދ. އޮމަދޫގެ އާބާދީގަ ހިމެނޭ 1156 މީހުންގެ ތެރެއިން، 69 މީހުންނަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ. މާނަ އަކީ ކޮންމެ 16 މީހުންގެ ތެރެއިން އެކަކީ، ނުކުޅެދުންތެރިކަމެއް ހުރި މީހެކެވެ. އޭގެ ތެރެއިން ވިއްސަކަށް މީހުންނަކީ އަޑު ނުއިވޭ އަދި ވާހަކަ ނުދެެއްކޭ މީހުންނެވެ. ލޯފަން ވުމާއި، ހަރަކާތެރިވެ ނޫޅެވުމާއި، ނަފްސާނީ ނުކުޅެދުމާއި، ޕޯލިއޯ ޖެހިފައިވާ މީހުންނާއި އެނޫން ވެސް ތަފާތު ނުކުޅެދުންތެެރިކަން ހުރި، އުމުރުން 72 އަހަރާއި އަށް އަހަރާ ދޭތެރޭގެ މީހުނާއި ކުދިން އޮމަދޫގަ ދިރިއުޅެ އެވެ.

އެއް އާއިލާ އަކަށް ނިސްބަތްވާ، ހާއްސަ އެހީއަށް ބެނުންވާ ދެތިން މީހުން އުޅޭ ގޭގެ އާއި ހަތް މީހުން ހިމެނޭ ގެއެއް ވެސް އެބަހުއްޓެވެ. އާބާދީގެ ނިސްބަތުން، ހާއްސަ އެހީއަށް ބެނުންވާ މީހުން އެންމެ ގިނަ ރަށަކަށް އޮމަދޫ ވުން ގާތެވެ.

ރާއްޖެ އަށް އދ. އިން ކަނޑަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަ ކެތަރިން ހެޒްވެލް އާ އެކު، އޮމަދޫ އަށް ކުރި ދަރުތުގެ އެންމެ ބޮޑު މަގުސަދަކީ، ހާއްސަ އެހީއަށް ބެނުންވާ ފަރާތްތަކާއި ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުން ކަމާ ބެހޭ ފަރާތްތަކާ ހަމައަށް ގެންގޮސް ދިނުމެވެ. ދަތުރުގައި މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) ގެ ވައިސް އެގްރެކެޓިވް ޑިރެކްޓަރު އަހުސަން އަބްދުއް ރަހްމާނު ވެސް ބައިވެރިވި އެވެ. އޭނާ އަކީ ވެސް އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމު ވެފައިވާ މީހެކެވެ.

ސދދސ
ސދދސ

(އެމްޑީއޭ) ގެ ވައިސް އެގްރެކެޓިވް ޑިރެކްޓަރު އަހުސަން އަބްދުއް ރަހްމާނު (ކ): އަޑުއިވުމުން މަހުރޫމުވެފައިވާ ރައްޓެއްސަކާ ބައްދަލުކޮށްލަނީ-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ހިތްހެޔޮ މެހެމާންދާރީ އެއް، އެކަމަކު އެއްވެސް ވާހަކަ އެއް ހިއްސާކުރާކަށް ބޭނުމެއް ނޫން

ހާއްސަ އެހީއަށް ބެނުންވާ ނުވަ މެންބަރުން ދިރިއުޅޭ ގެއަށް ދިޔައިރު އެމީހުން ތިބީ ގޭގެ ފެންޑާގައި އިންތިޒާރުގަ އެވެ. އޭގެ ތެރެއިން އެކަކު އާއިލާ މީހަކަށް ފޯނުން ގުޅާފައި އަހަރެންގެ އަތަށް ދިނެވެ. ފޯނުން ވަހަކަ ދެއްކީ އެ އާއިލާގެ ޒިންމާ ނަގަން ހުރި އެމީހުންގެ ބޭބެ އެކެވެ. އޭނާގެ ހުރި ކަންބޮޑުވުން ހިއްސާކުރަމުން ބުނީ އެ އާއިލާގެ ވާހަކަ ނޫހުގަ ޖަހަން ބޭނުން ނުވާ ކަމަށެވެ.

"ނޫހުގައި ޖެހުމަކުން އަހަރެންނަށް ކުރާނެ ފާއިދާ އެއް ނޯންނާނެ، މީހުން އައިސް ބައްދަލުކުރީމަ، އެމީހުން ވަރަށް އުންމީދު ކުރޭ ކަންކަން ކޮށްދޭނެ ކަމަށް، އެކަމަކު އެެއްވެސް މީހެެއްގެ ފަރާތުން އެހީތެރިކަމެއް ލިބިފަ އެއް ނެތް، ކަމެއް ކޮށްދީފައެއް ނެތް،" އޭނާ ބުންޏެވެ.

މިއީ، ހަމަ އެކަނި އެ ގެގެއިން ލިބުނު ޖަވާބެއް ނޫނެވެ. ހާއްސަ އެހީއަށް ބެނުންވާ މީހުން ހިމެނޭ އެހެން ވެސް އާއިލާ ތަކުން ތިބީ މާޔޫސް ވެފަ އެވެ. ސިޔާސީ ފަރާތްތަކުން ނާއި ސަރުކާރުގެ އެހެން ވެސް ފަރާތްތަކުން އެމީހުންނާ ބައްދަލުކޮށް، އުންމީދު ތަކެއް ދިނުމަށްފަހު، އެ މީހުންނަށް ތަޖުރިބާ ކުރަން ޖެހިފައިވަނީ މާޔޫސް ކަމެވެ. ޝަކުވާ އަޑު އަހާފައި ގޮސް އެއްވެސް މީހަކު އެމީހުންނަށް އެއް ވެސް ކަމެއް ކޮށެއް ނުދެ އެވެ. ގުޅުމެއް ވެސް ނުބާއްވަ އެވެ.

އެމްޑީއޭގެ އަހުސަން އާމެދު އެ މީހުން ދުށީ އާއިލާގެ މެންބަރެއްގެ ގޮތުގަ އެވެ. ހުރިހާ މެންބަރުން ވެސް އިޝާރާތުން ވަރަށް ގިނަ ވާހަކަ އަހުސަން އާ ހިއްސާކުރި އެވެ. ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިންނަށް އެމީހުން ކީ ހޫނު މަރުހަބާ އެކެވެ. ވަރަށް މީރުކޮށް ހެދިކާ ހަދާފައި ހަވީރު ސައި ނެރެދިނެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވަންދެން، އާއިލާގެ އިސް މެންބަރަކު ކެތަރިންއަށް ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރި އެވެ.

ހާއްސަ އެހީއަށް ބެނުންވާ އާއިލާއެއްގެ މެންބަރެއްގެ އިހުސާސް

"އެއްބަނޑުގައި ތިބި ތިން މީހުންނަކީ ވާހަކަ ނުދެއްކޭ މީހުން، ރަނގަޅު ދެ ދައްތަ އަކަށް ލިބުނު ހަތަރު ކުދިންނަށް އަޑުއިވި ވާހަކަ އެއް ނުދެއްކޭ، ކުޑައިރުންސުރެ މިހެން މި އުޅެނީ،" ޒިންމާދާރު ދައްތަައަކު، އޭނާގެ އާއިލާގެ އިހުސާތައް ކިޔާދެމުން ބުންޏެވެ.

އެ އާއިލާގެ މެންބަރުންގެ ތެރެއިން އެއް ކުއްޖަކީ، ބޭނުންވާ ކަމެއްގެ ވާހަކަ ނުބުނެވުމުން ނުވަތަ ރުޅި އަންނަ ކަމެއް ދިމާވުމުން ނަފުސާނީ އުނދަގޫވާ ކުއްޖެކެވެ. އުމުރުން 21 އަހަރު ފުރިފައި ވިއަސް ބަލާ ބެލުމަށާއި އުޅޭ އުޅުމަށް ބަލާއިރު، އެއީ ކުޑަ ކުއްޖެކެވެ.

"އޭނަ ބޮޑާ ހާކާލާފިއްޔާ ވަރަށް އުނދަގޫ ވާނެ، ބިންމަތީގަ ފެތުރޭނީ ބިންމަތިން ނުވެސް ނެގޭނެ، މަންޒަރު ނުފެންނަ މީހަކަށް މިހެން ބުނެދިނަސް އިހުސާސް ވެސް ނުކުރެވޭނެ ކިވާހަރެއްގެ ކަމެއް ކަމެއް މިއީ،" އޭނާގެ މުޅި ހަޔާތް ހޭދަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުނާ އެކު އެވެ.

ކުދިން ރުޅިގަދަވެގެން އުޅޭ ވަގުތު ހިފަހައްޓައި ނުލެވިގެން ތިން ޓީވީ ހަލާކުވި އިރު، ގޭގައި ތިބޭ އެހެން މީހުންނަށް ނަފްސާނީ ގޮތުން ކުރާނެ އަސަރު ބޮޑެވެ. ދެން ހަދަންވީ ގޮތެއް ނޭނގި ގޮސް ހުސްވާ ކިތަނމެ ފަހަރެއް އޭނާ ވަނީ ތަޖުރިބާ ކޮށްފަ އެވެ.

އެންބަނޑު އެއްބަފާ ތިން ކުދިންނާކީ ވެސް އަޑު ނީވޭ ވާހަކަ ނުދެއްކޭ ކުދިން

ހަތް ކުދިން ތިބޭ އާއިލާ އަކަށް ނިސްބަތްވާ މިހާރު 22 އަހަރުގެ އަންހެން ކުއްޖެއްގެ އެއް ދައްތަ އާ ދެ އަންހެން ކޮއްކޮ އަށް ވާހަކަ އެއް ނުދެއްޖެ އެވެ. ކުޑައިރުގެ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނީ، ކިޔަވަން ދާން ބޭނުން ވެގެން އޭނާގެ ޔުނީފޯމް ލައިގެން ސްކޫލަށް ދާން ކޮއްކޮމެން އުޅޭ ކަމަށެވެ.

ދދދ
ދދދ

އޮމަދޫގެ ދެކުދިން ރަށުގެ ފަރުގައި ހިނގާފައި ދަނީ: އެންމެ ގިނައީ އަޑު އިވުމުން މަހުރޫމު ވެފައިވާ މީހުން-- އަދަދު ފޮޓޯ އަހުމަދު ސައީދު

"އޭރު ސެން ކުލާހެއް ނުހުރޭ، ބައެއް ދުވަހަށް ސްކޫލަށް ވައްދާނެ، އަނެއްބައި ދުވަހަށް ނުވައްދާނެ، ކޮއްކޮމެން ވަރަށް ދެރަވާނެ ސްކޫލަށް ނުވައްދާތީ،" ނޫހުގައި ނަން ހާމަކުރާކަށް އޭނާ ނޭދެ އެވެ.

ހަޔާތުގައި ވެސް އޭނާ އަށް ދިމާވި އެންމެ ހިތްދަތި ޖަޖުރިބާ އަކީ، ދައްތަ ރުޅި ގަދަ ވެގެން އުޅުނު ދުވަސްތަކެވެ. އޭނަ ބުނި ގޮތުގައި ވާހަކަ ނުދެެއްކޭ ދައްތަ ގިނަ ފަހަރަށް ރުޅި އަންނަނީ މީހުން ދައްކާ ވާހަކައިންނާ ކަންތައް ކުރާ ގޮތުންނެވެ.

"ރުޅި ގަދަވީމަ ދައްތަ އުޅޭނެ ވަަޅި ހިފައިގެން، ދެ ކޮއްކޮ އެހެންނެއް ނޫޅޭނެ، ދައްތަ މެރީ ކުރި ފަހުން ވެސް ރުޅި ގަދަވެގެން ދަރިފުޅަށް ވެސް އަނިޔާ ކުރޭ،" އޭނަ ބުންޏެވެ.

ހިތްދަތި މާޒީ ކިޔާދެމުން އޭނަ ބުނި ގޮތުގައި ހަޔާތުގައި ދިމާވި އެންމެ ދެރަވި ކަމަކީ، ދައްތަ ރުޅިގަދަ ވެގެން ދަރިފުޅަށް އަނިޔާ ކުރާތީ، ޖެންޑާ އާ ދައްތަގެ ދަރިފުޅު ހަވާލުކުރަން ގުޅަން މަޖުބޫރު ވުމެވެ.

"ދައްތަ ދަރިފުޅަށް އަނިޔާ ކުރީ، ގަސްދުގައެއް ނޫން، ރުޅި ކޮންޓްރޯލް ނުވެގެން ކުރެވުނީ، ވަރަށް ދެރަވި ޖެންޑާއަށް ގުޅަން ޖެހުނީމަ،" އަދިވެސް އެ ދުވަސް ހަނދާންވުމުން އޭނާ ފެންކަޅިވެ އެވެ.

އާއިލާގަ ތިވި ވާހަކަަ ނުދެެއްކޭ މެންބަރުންތަކަކާ އެކު ބޮޑުވުމުން، އިޝާރާތުން ވާހަކަ ދައްކަން އޭނާ ފަރިތަ އެވެ. އެމީހުންގެ އިހުސާތައް ކިޔައިދެމުން އޭނާ ބުނީ އެންމެ ދެރަވާ އެއް ކަމަކީ ނުފޫޒާއި ބާރު ހުންނަ ފަރާތްތަކުން އާއިލާއާ ބައްދަލުކޮށް އިހުސާސްތައް އަޑު އަހާފައި ވެސް ކަމެއް ކޮށްނުދިނުމެވެ. އެމީހުން ދައްކާ ވާހަކަ އެހެން މީހުންނަށް ނޭނގޭތީ ވެސް ވަރަށް ދެރަވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެމީހުންނަށް ވާހަކަ ނުދެއްކުނަސް އެމީހުން މާ އިންޓެލިޖަންޓް، ވަރަށް ކްރިއޭޓިވް، އެމީހުން ވެސް ކަންތައްތައް ކުރަން ބޭނުންވޭ،" އެނާ ބުންޏެވެ. "ސްކޫލް ނިމިގެން ދެން ކުރާނެ ކަމެއް އެމީހުން ބޭނުންވޭ."

ދދދ
ދދދ

އޮމަދޫ ސްކޫލުގެ ސެން ކްލާސް: މިކުލާހުގައި އެ ކުދިންނަށް ހާއްސަ ވަސީލަތެއް ނެތް-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ދިމާވެފައި ވަނީ ފަސޭހައިން ހައްލުކޮށްދެވިދާނެ މައްސަލަތަކެއް

ހާއްސަ އެހީއަށް ބެނުންވާ އާއިލާތަކުން ޖުމްލަ ގޮތެއްގައި ފާހަގަ ކުރީ އެއް މައްސަލަތަކެވެ. ބޮޑު ހަރަދެއް ނުކޮށް ވެސް ސަރުކާރަށް ފަސޭހައިން ހައްލު ކޮށްދެވިދާނެ ކަންތައްތެކެވެ.

  • ހާއްސަ އެހީއަށް ބެނުންވާ މީހުންނަށް އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްތޯ ދަނެގަތުމުގެ ޓެސްޓް ހެދުމަށް އެންސްޕާ އިން ދޭތެރެއަކުން އެނގުމާއި، ހާއްސަ އެހީއަށް ބެނުންވާ މީހުންގެ އިނާޔަތް ކަނޑާލުމަކީ އެމީހުންނަށް ދިމާވެފައިވާ ކަންބޮޑުވުމެކެވެ. ނުކުޅެދުމެއް ހުރިތޯ ޓެސްޓް ކުރުމަށް 3،500ރ. ހޭދަވެ އެވެ. އެއީ އެމީހުންނަށް މަޖުބޫރުވާ ބޮޑު ހަރަދެކެވެ.
  • ހާއްސަ އެހީއަށް ބެނުންވާ މީހުންނަށް ހިދުމަތްތައް ފަސޭހަ އިން ހޯދޭނެ ކާޑެއް ދޫކޮށްފަ އޮތް ނަމަވެސް، ފަސޭހަ އިން ޑޮކްޓަރު އެޕޮއިންޓްމަންޓް ނުލިބުމަކީ އެމީހުން އުފުލަން ޖެހިފައިވާ ވަރަށް ބޮޑު ވޭނެކެވެ. މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން، އެޕޮއިންޓްމަންޓް ނުލިބި އެތައް ދުވަހަކު މަޑުކުރަން ޖެހެ އެވެ.
  • ހާއްސަ އެހީއަށް ބެނުންވާ މީހުންނަށް ދޭ އެލަވަންސް، އެ މީހުންނަށް ހަރަދުނުކޮށް އާއިލާތަކުން އެހެން ކަންކަމަށް ހަރަދު ކުރުމުން ވަރަށް ގިނަ މައްސަލަތައް އާއިލާ ތަކުގައި ޖެހެ އެވެ.
  • އުމުރުން 18 އަހަރު ފުރުމުން، އެމީހުންގެ އަމިއްލަ އެކައުންޓަށް އެލަވަންސް ޖަމާވާން، ހާއްސަ އެހީއަށް ބެނުންވާ ބައެއް މީހުން ބޭނުންވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކައިވެރިކޮށްގެން ރަނގަޅު ދިރިއުޅުމެއް އުޅޭ މީހުނަށް ވާއިރު، މައިން ބަފައިން ކައިރީ ފައިސާ ހޯދަން ބުނަން އެމީހުން ފަސްޖެހެ އެވެ.
  • އޮމަދޫ ސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ ނުވަ ކުދިން ކިޔަވަމުން ދާއިރު، ހަތަރު ކުދިން ކިޔަވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސެން ކުލާހުގަ އެވެ. ސެން ކްލާހުގެ ގޮތުގައި ބޭނުން ކުރަނީ، ލައިބްރަރީ އާއި މީޓިން ރޫމެއްގެ ގޮތުގައި ބޭނުން ކުރާ ކްލާސް ރޫމެކެވެ. އެތަނުގައި އެ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާނެ މުހިންމު އެއްވެސް ވަސީލަތެއް ނެތެވެ.
  • އޮމަދޫގައި ގިނަ އަދަދަކަށް އަނޑު ނީވޭ މީހުން އާބާދީއެއް އޮތްއިރު، އިޝާރާތުން ވާހަކަ ދެއްކުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ނޭނގުމާއި ތަރުޖަމާނަކު ނެތުމަކީ ބަލިވެގެން އަންނަ އަޑު ނީވޭ މީހުންނަށް ފަރުވާ ދިނުމުގައި ދިމާވެފައިވާ ގޮންޖެހުމެކެވެ.

ހާއްސަ އެހީއަށް ބެނުންވާ މީހުންގެ ވާހަކަތައް އަޑު އެހުމަށްފަހު އެމްޑީއޭގެ އަހުސަން ވިދާޅުވި ގޮތުގައި އޮމަދޫގަ އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ މީހުން ގިނައިރު، އެންމެ މުހިންމީ އެމީހުންނާއި އެހެންމީހުނަށް މުއާމަލާތް ކުރެވޭނެ ގޮތް ދަސްކޮށްދިނުމެވެ. އޮމަދޫގެ މީހުން އިޝާރާތުން ވާހަކަ ދައްކަނީ އެމީހުންގެ އަމިއްލަ ބަހުރުވައަކުންނެވެ. އަހުސަން ވިދާޅުވި ގޮތުގައި ބައިނަލް އަގުވާމީ ގޮތުން ބޭނުން ކުރާ އިޝާރާތްތައް އެމީހުންނަށް ދަސްކޮށް ދެވިއްޖެ ނަމަ، އަޑު ނީވޭ މީހުންނާއި އެހެން މީހުންނާ ދެމެދު ގާތް ގުޅުމެއް އުފެދިގެން ދާނެ އެވެ.

"ހުރިހާ މީހުންނަށް ސައިން ލެންގްއޭޖް ދަސްކޮށްދިނުން ވަރަށް މުހިންމު، އެމްޑީއޭ އިން އެކަމަށް މަސައްކަތް ކޮށްދޭނަން، އެމީހުން (އަޑު ނީވޭ މީހުން) އެންމެ ބޭނުންވާ ކަމަކީ އެހެން މީހުންނަށް ވެސް ސައިން ލެންގްއޭޖް އެނގުން،" މެސެޖުން ވާހަކަ ދައްކަމުން އަހުސަން ބުންޏެވެ.

ސސ
ސސ

ރާއްޖެ އަށް އދ. އިން ކަނޑަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަ ކެތަރިން ހެޒްވެލް އޮމްދޫގެ ހާއްސް އެހީއަށް ބޭނުންވާ ކުއްޖަކާ ބައްދަލު ކުރައްވަނީ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

އޮމަދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބެނުންވާ މީހުން ގިނަވުމާއި، އަދި އެއް އާއިލާއަކަށް ނިސްބަތްވާ މީހުން އޭގެ ތެރޭގައި ވަރަށް ގިނަވުމަކީ ކެތަރިން އަށް ލިބިވަޑައިގަތް ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެ އާއިލާތަކުގެ އިހުސާތައް ފެނި އަޑު އައްސަވާފައި އޭނާ އަށް ފުން އަސަރެއް ކުރި އެވެ.

ހިޔެއް ނުކުރަން، އެއް އާއިލާއެއްގައި ނުކުޅެދުންތެރިކަމުގެ ތަފާތު މައްސަލަތައް ހުރި އެހާ ގިނަ މީހުން ތިބެ ދާނެ ކަމަކަށް، މިރަށުން މިފެނު މަންޒަރު ގަބޫލުކުރަން ވެސް ދަތި،" ކެތަރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހާއްސަ އެހީއަށް ބެނުންވާ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަރަށް ފަސޭހަ އިން ހައްލުކޮށްދެވެން ހުރި ކަންތައްތައް އެ މީހުންނަށް ހައްލުކޮށްދެވެން ހުރިއިރު، އެކަމުގައި ވޭނުގައި އެމީހުން އުޅެން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވި ގޮތުގައި ހާއްސަ އެހީއަށް ބެނުންވާ މީހުންގެ ހުނަރުތައް ތަރައްގީކޮށް އެހީ ފޯރުކޮށްދިނުމަށް ޕްރޮގްރާމްތަކެއް އެ ރަށުގައި ހިންގޭނެ ގޮތް ވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެކަމަކަށްޓަކައި އިޖުތިމާއީ ސެންޓަރެއް އެރަށުގައި ގާއިމު ކޮށްދިނުމަކީ ކައުންސިލުގެ އެދުމެކެވެ.

"އެމީހުންގެ ތެރޭގައި އެބައުޅޭ ކަންނެއްޔަށް ދާމިހުން ވެސް، ވަޒީފާއަށްދާ މީހުން ވެސް، އެންމެ މުހިންމު ކަމަކީ އެމީހުނަށް ބޭނުންތެރި ތަމްރީނު ޕްރޮގްރާމް ތަކެއް ހިންގޭ ގޮތްވުން،" އާދިލް ވިދާޅުވީ، ހާއްސަ އެހީއަށް ބެނުންވާ މީހުންނަކީ އެއްވެސް ގޮތަކަށް އެކަހެރި ކުރެވިގެން ވާނެ ބައެއް ނޫން ކަމަށެވެ.

އޮމަދޫގައި ހާއްސަ އެހީއަށް ބެނުންވާ މީހުންގެ ބޮޑު އާބާދީއަކީ މިހާރު އުމުރުން 18 އަހަރުން މަތީގެ މީހުންނެވެ. އާމްދަނީ ލިބޭނެ މަސައްކަތްތަކެއް ދަސްވެ ވަޒީފާގެ ފުރުސަތުތައް ފަހިވުމަށް އެމީހުން އެދެ އެވެ. ހާއްސަ އެހީއަށް ބެނުންވާ މީހުންނާ މެދު އޮމަދޫގައި ތަފާތު ކުރުމެއް ނެތެވެ. އެމީހުން ބޭނުންވަނީ އޮމަދޫގެ "ހިމޭން އާބާދީ" އާ ގުޅުން ބަދަހިކުރެވިި، މުޖުތަމައުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުން އިތުރުކުރާށެވެ.

އަހުމަދު ސައީދު

އެސޯސިއޭޓް އެޑިޓަރ

އަހުމަދު ސައީދަކީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ހަބަރުތައް ކަވަރުކުރުމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ "ހަވީރު" ނޫހުގައި 13 އަހަރު މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox