ރާއްޖެ އައިއިރު ދިރުވާލައިގެން ރަން ބުލެޓްތަކެއް އެތެރެކުރި އިންޑިއާ މީހާ، 60،000ރ. އިން ޖޫރިމަނާކޮށް އެ ރަންތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކަސްޓަމް ގާނޫނުގެ ދަށުން ސަޔިދު މުބާރަކު ސަޔިދު ވަޖުހުއްދީންއަށް އަށް އުފުލާފައިވާ ދައުވާއަށް އޭނާ އިއުތިރާފްވެފައިވާއިރު، އެ ކުށުގެ އަދަބަކީ ހަމާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ 10،000ރ. - 240،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ޑިސެމްބަރު 30، 2021 ގައި އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި ސަޔިދުގެ އަމަލުތައް ހުރިގޮތުން އެއާޕޯޓު ސެކިއުރިޓީއިން ވަނީ އޭނާ ބަލާ ފާސްކޮށްފަ އެވެ.
ކަސްޓަމްސް ސާވިސްގެ ޕެސެންޖާ ކްލިއަރަންސް ސެކްޝަންގައި ހުންނަ ބޮޑީ ސްކޭން މެޝިނުން ބެލިއިރު އޭނާގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަން ފާހަގަވެގެން، ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަނާ ހަވާލު ކުރުމާއެކު، ސިއްރުން އެތެރެ ކުރަން އުޅުނު އެއްޗެހި އަމިއްލަ އަށް ނެގުމަށް އޭނާ އެއްބަސްވި އެވެ.
އެގޮތުގެ މަތީން ކަސްޓަމްސްގެ ހެޑް އޮފީހުގެ ފާހަނާއަށްގޮސް ހަށިގަނޑުން ބޭރުކުރި ތިން ބުލެޓުގައި ހުރީ ރަން ކަަމަށް އޭނާ އެއްބަސްވެ، އެ އިއުތިރާފް ޝަރީއަތުގައިވެސް ދެމެހެއްޓުމާއެކު އަވަސް ނިޔާގެ އަޑުއެހުމެއް ބާއްވައި، މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް ކުރި ދައުވާގައި ގޮތެއް ކަނޑައެޅި އެވެ.

".. ޖޫރިމަނާގެ ފައިސާ ތިން ދުވަހާއި ފަސްދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ދެއްކޭނެކަމަށް ސަޔިދު މުބާރަކް ސަޔިދުވަޖުހުއްދީން ބުނެފައިވެ،" ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމުގައި ވެއެވެ.
އެންމެ ކުޑަ އަދަބު އޭނާގެ މައްޗަށް އިއްވާފައި ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުމުންނެވެ. އެހެންވެ އޭނާ އެއްބަސްވި ގޮތަށް، 60،000ރ. ޖޫރިމަނާ މީރާއަށް ފަސް ދުވަސް ތެރޭގައި ދެއްކުމަށް ގާޒީ ސައީދު އަމުރުކުރެއްވި އެވެ.
"ސިއްރުން މުދާ އެތެރެކޮށްގެން ނުވަތަ ބޭރުކޮށްގެން އެއްވެސް މުދަލެއް ހޯދާފައިވާނަމަ މި (ކަސްޓަމް) ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެ މުދަލެއް ނުވަތަ އެފައިސާއެއް އެއްވެސް ބަދަލަކާ ނުލާ ކަސްޓަމްސްއަށް ނެނގޭނެ،" އެރަންތައް ދައުލަތަށް ނަނގާފައި ވަނީ ކަސްޓަމް ގާނޫނުގެ 97 ވަނަ މާއްދާގެ (ރ) އަށް ހަވާލާދީނުމަށް ފަހު އެވެ.













