މިލާން (ފެބްރުއަރީ 26) - އިޓާލިއަން ލީގުގައި ރޭ ޖެނޯއާއާ 0-0 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އިންޓަ މިލާނުން ނަގާލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާން ރޭ ކުޅުނު މެޗުން އުދިނޭޒީއާ 1-1 އިން އެއްވަރުވިއިރު، މިލާން އޮތީ 27 މެޗުން 57 ޕޮއިންޓާ އެކު ކުރީގަ އެވެ. މިލާނަށް މޮޅުނުވެވުމުގެ ފައިދާނަގަން ނުކުތް އިންޓަ އެއްވަރުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމަށް މޮޅެއް ނުލިބެ އެވެ. އިންޓަ ދެ ވަނައިގައި އޮތީ 26 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ.
ފުރަތަމަ ހާފުގައި އިންޓަގެ އިވާން ޕެރިސިޗް ޖެހި ބޯޅައެއް ޖެނޯއާގެ ކީޕަރު ސަލްވަޓޯ ސިރީގޫ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އިންޓަގެ ހަކަން ޗަނޮނޮގްލޫ އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ޖެނޯއާ އަށް ގޯލު ޖަހައިދޭން އޭރިއާތެރެއިން ގުޑްމުންޑްސަން އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ ފަހުން ޖެނޯއާގެ މެލެގޯނީ އޭރިއާބޭރުން ޖެހި ބޯޅަ އިންޓަ ކީޕަރު ސާމިރް ހަންޑަނޯވިޗް ވަނީ ހުއްޓުވައިފަ އެވެ.
އިންޓަ އަށް ދެ ވަނަ ހާފުގައި ގޯލެއް ޖަހައިދޭން ޑިއަމްބްރޯސިއޯ ބޮލުން ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިލާނާނުން 29 ވަނަ މިނިޓްގައި ލީޑުނެގީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަފައެލް ލެއާއޯ ޖެހި ގޯލުންނެވެ. ސަންޑްރޯ ޓޮނާލީ މަތިން ފޮނުވާލި ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ލެއާއޯ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އުދިނޭޒީ އަށް އެއްވަރުކޮށްދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި އިޔެނޯމާ ޑެސްޓިނީ އުޑޯޖީ އެވެ. މިލާނަށް އަލުން ލީޑުނަގައިދޭން ލެއާއޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އަނެއްކޮޅުން އުދިނޭޒީ މޮޅުކޮށްދޭން ރޮބާޓޯ ޕެރާރާ އާއި ޖެރާޑް ޑެލޮފޭއު ޖެހި ބޯޅަތައް ހުއްޓުވީ މިލާންގެ ކީޕަރު މައިކް މައިންގްނޯން އެވެ.
ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ކުރަމުން އަންނަ ހަނގުރާމަ ކުރިއަށް ނުގެންގޮސް، ދެ ގައުމު ސުލްހަވުމަށް ގޮވާލާ ބެނާތަކެއް އިޓާލިއަން ލީގުގެ ގިނަ ކްލަބްތަކުގެ ދަނޑުގައި ހަރުކޮށްފައި ހުރިއިރު، އިޓާލިއަން ލީގުގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން ހަނގުރާމައާ ދެކޮޅުކަން ދައްކުވައިދޭން ސުކޫތެއް ގެންނަން ވަނީ ނިންމައިފަ އެވެ.












