ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް ދުނިޔޭގެ ވެރިން ރައްދު

ޔޫކްރެއިނަށް ދެމުންނަ އަންނަ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް: ހުޅަނގުގެ ވެރިން ވަނީ ހަނގުރާމަ ކުށްވެރިކޮށްފައި -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިނަށް ދެމުންނަ އަންނަ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް: ހުޅަނގުގެ ވެރިން ވަނީ ހަނގުރާމަ ކުށްވެރިކޮށްފައި -- ފޮޓޯ: އޭއެފްޕީ

ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށުމާ އެކު ދުނިޔޭގެ ވެރިން އަވަސްވެގަތީ ރަޝިއާގެ އަމަލު ކުށްވެރި ކުރުމަށެވެ. ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދޭން ފެށި އިރު، އދ. އިން ގޮވާލީ ވަގުތުން ހަމަނުޖެހުން ނިމުމަކަށް ގެނައުމަށެވެ.

ތިރީގައި މި ވަނީ ދުނިޔޭގެ ވެރިން ފާހަގަކުރެއްވި ޝުއޫރުތަކެވެ.

"ރަޝިއާއިން އެއްވެސް ސަބަބެއް ނެތި ހަމަލާ ދޭން ފެށުމުން، މިރޭ މުޅި ދުނިޔެއިން ވެސް ދުއާ ކުރަމުން ދަނީ ޔޫކްރެއިންގެ ރައްޔިތުންނަށްޓަކައި،" ހަމަލާ ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި އެވެ.

"މި ހަމަލާއިން ލިބޭ ގެއްލުމާއި ވަކިވެގެންދާ ފުރާނަތަކުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ރަޝިއާއިން" ކަމަށް ބައިޑެން ވިދާޅުވި އެވެ.

"ދުނިޔެއިން ރަޝިއާ ޖަވާބުދާރީ ކުރުވާނެ."

ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ފަހު އދ. ގެ ވެރިޔާ އެންޓޯނިއޯ ގުޓެރޭޒް ވަނީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ އަރިހުން ވަރަށް އަސަރާ އެކު "އިންސާނިއްޔަތަށްޓަކައި ހަމަލާ ހުއްޓާލުމަށް" އެދިވަޑައިގެންފަ އެވެ.

"މި ގަރުނު ފެށި ފަހުން މިހާތަނަށް ޔޫރަޕަށް ކުރިމަތިނުވާ ވަރުގެ ބޮޑު ހަނގުރާމައެއް ފަށަން، އިންސާނިއްޔަތަށްޓަކައި، ފުރުސަތު ނުދީ،" ގުޓެރޭޒް ވިދާޅުވި އެވެ.

"ހަމަނުޖެހުން ހަމަ މި ވަގުތު ނިންމާލަން ޖެހޭ،" އދ. ގެ ވެރިޔާގެ މަގާމުގައި ހޭދަވި މުއްދަތުގައި މިއަދަކީ "އެންމެ ހިތާމަވެރި ދުވަސް" ކަމުގައި ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ކޯލިޝަން، ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ "ރަޝިއާއިން ހިޔާރު ކުރީ މިނިވަން ދައުލަތަކާ ދެކޮޅަށް އަނިޔާވެރިވުމަށް" ކަމަށެވެ.

ހަމަލާގެ ސަބަބުން "އަދަދު ނުކުރެވޭހާ ގިނަ އާއްމުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭނެ" ކަމަށާއި މިއީ "ބައިނަލްއަގްވާމީ ގާނޫނާ ހިލާފު އަދި ޔޫރަޕާއި އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ނުރައްކަލެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ނޭޓޯ ގައުމުތަކުގެ ސަފީރުން ނިންމާފައި ވަނީ ހާލަތު މަޝްވަރާ ކުރަން ކުއްލި ބައްދަލުވުމެއް ބޭއްވުމަށެވެ.

"ޔޫކްރެއިންގައި ހިނގަމުންދާ ބިރުވެރި ކަންކަން ފެނި އަޅުގަނޑު އަންތަރީސްވެއްޖެ. ރައީށް ވޮލޮޑިމިރް ޒެލެންސްކީއާ އަޅުގަނޑު ވާހަކަ ދައްކައި، ދެން އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފިން،" އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

"ރައީސް ޕުޓިން ހިޔާރު ކުރެއްވީ ލޭއޮހޮރުވުމާއި ގެއްލުން ބޮޑު މަގު. އިނގިރޭސިވިލާތާއި އަޅުގަނޑުމެންގެ އެކުވެރިން ރައްދު ދޭނީ ވިސްނައިގެން."

ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޯލްޒް ވިދާޅުވީ ޕުޓިންގެ "ވިޔާނުދާ އަމަލު" ކުށްވެރި ކުރާ ކަމަށާއި ޔޫކްރެއިނާ އެކު ޖަރުމަނު ރައްޔިތުން ތިބި ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޒެލެންސްކީއަށް ދެއްވާފައިވާ ކަމަށެވެ.

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ގޮވާލެއްވީ ރަޝިއާގެ އަސްކަރީ އޮޕަރޭޝަން ހުއްޓުވުމަކަށް ގެންނަން ދުނިޔެއިން ފިޔަވަޅު އެޅުމަށެވެ.

"ފްރާންސް މި އޮތީ ޔޫކްރެއިނާ އެކު. އަޅުގަނޑުމެން މި ތިބީ ޔޫކްރެއިން ރައްޔިތުންނާ އެކު. ހަނގުރާމަ ނިމުމަކަށް ގެންނަން މި ދަނީ މަސައްކަތް ކުރަމުން."

އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ޔޫކްރެއިންގެ މަންދޫބު ސާގެއި ކިސްލިސްޓިޔާ ވިދާޅުވީ ހަނގުރާމަ ނިންމަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަނީ ރަޝިއާ އިންނެވެ. އެހެންވެ، އޭނާ ޑިމާންޑް ކުރެއްވީ އެ މަގާމުން ރަޝިއާގެ މަންދޫބު ވަގުތުން އިސްތިއުފާ ދެއްވުމަށެވެ.

"ހަނގުރާމައިގެ މުޖުރިމުންނަށް ސަލާމަތެއް ނޯންނާނެ. އެ މީހުން ދާނީ ސީދާ ނަރަކަށް،" އެ ބައްދަލުވުމުގައި ވަރަށް އަސަރާ އެކު ކިސްލިސްޓިޔާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox