ފީނާ އޯޕަން ވޯޓާ ވާލްޑް ސީރީސް ރާއްޖޭގައި ބާއްވުމަށް ދުނިޔޭގެ ފެތުމުގެ މައި އިދާރާ (ފީނާ) އިން ޝައުގުވެރިކަން ފާޅުކޮށް، އެކަމުގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ދުނިޔޭގެ ފެންވަރުގެ ފެތުމުގެ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވަން މަޝްވަރާތައް ފަށާފައި މިވަނީ ފީނާގެ ރައީސް ހުސައިން އަލް މުސައްލަމް ރާއްޖެ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުގެ ތެރެއިން ފީނާގެ ރައީސް ވަނީ މިއަދު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)އާ ވެސް ބައްދަލުކުރައްވައިފަ އެވެ.
މިއަދު ޔޫތު މިނިސްޓްރީގައި މިނިސްޓަރު މަހުލޫފާ އެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފީނާގެ ރައީސް ހުސައިން އަލް މުސައްލަމް ވިދާޅުވީ ރާއްޖޭގައި ސްވިމިން ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ފީނާ އޮތީ ތައްޔާރަށް ކަމަށެވެ.
ރާއްޖޭގައި ފެތުން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްވަރާ ކުރަމުން އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ގޮތްތަކާއި ގުޅޭގޮތުންކަމަށް މިދިޔަ ޖުލައި މަހު ފީނާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ހުސައިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ރާއްޖޭގައި މިވަގުތު މުބާރާތް ބޭއްވޭ ފެންވަރުގެ ޕޫލެއް ނެތުމާ އެކު ވިސްނީ ރާއްޖޭގައި ހުރި ވަސީލަތްތަކަށް ބަލައި ގެނެވިދާނެ މުބާރާތަކާ މެދު ކަމަށެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލާއިރު އޯޕަން ވޯޓާ ސްވިމިން އަކީ ރާއްޖޭގައި ކުރި އެރުވޭނެ ބައެއް ކަމަށާއި، ފީނާ އޯޕަން ވޯޓަ ވާލްޑް ސީރީސް ރާއްޖޭގައި ބޭއްވުމަށް ފީނާ އިން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެމެން މި ބެލީ ރާއްޖޭގައި މި ވަގުތު ހުރި ވަސީލަތަކާ އެކު ކުރިއަށްދެވޭނެ ގޮތްތަކެއް. އެހެންވެ މި ނިންމީ ފީނާ އޯޕަން ވޯޓަ ވޯލްޑް ސީރީސް ރާއްޖޭގައި ބާއްވަން. ކުރިއަށް އޮތް ހަތަރު އަހަރު މި މުބާރާތް ބާއްވަން މި މަޝްވަރާކުރަނީ" ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ފެތުން ކުރިއެރުވުމަށް ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޖަމިއްޔާގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ އެއް ކަމަކީ ރާއްޖޭގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތް ކަމަށެވެ. އަދި މި ޕޫލް ނުވަތަ އެކުއެޓިކް ސެންޓަރަކީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް ފަހި ތަނަކަށް ވުމަށް ހުންނަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ވެސް ފީނާ އިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ގުދުރަތީ ގޮތުން ރާއްޖެ އަށް އެބައޮތް އޯޕަން މުބާރާތްތައް ބާއްވަން ރަނގަޅު ފުރުސަތުތަކެއް، ދުނިޔޭގެ މަތީ ފަންތީގެ ފެތުންތެރިން ރާއްޖެ އައިސް ރާއްޖޭގެ ފެތުންތެރިންނަށް ތަޖުރިބާއާއި ކުރިއެރުން މި މުބާރާތާ އެކު ލިބޭނެ" ހުސައިން ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ފީނާ ކަހަލަ ދުނިޔޭގެ ބޮޑު ކުޅިވަރު ޖަމިއްޔާއެއްގެ ރައީސަކު ރާއްޖެ ވަޑައިގެން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދެއްވުމަށް ދެއްވި ޔަގީންކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ފީނާގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ އެއް ކަމަކީ މާލޭގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތް ކަމަށެވެ، ފީނާގެ އެއްބާރުލުމާ އެކު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ވެސް އަދި މިނިސްޓްރީ އިން ވެސް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، ސްޕޯޓްސް ޓުއަރިޒަމާ އެކު ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވޭތީ އެކަމާއި ހިތްހަމަޖެހުން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މީގެ ކުރިން ދުނިޔޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބައެއް އިސް ވެރިން ރާއްޖެވަނީ އައިސްފައި. ފީނާގެ ރައީސަކު މިއައީ އަލަށް. އެހެންވީމަ މިއީ ރާއްޖެއަށް ބޮޑު ފުރުސަތެއް. ފީނާ އިން ވަރަށް ބޮޑަށް އަޅުގަނޑުމެންނާއި، އެމްއޯސީ އާއި އެސޯސިއޭޝާނާއި ގުޅިގެން ގިނަ ކަންކަން ކުރަން ރޭވިފައި މިހާރު މިހިރީ. އެންމެ ބޮޑަށް ފީނާ އިން އެހީވުމަށް ހަމަޖެހިފައި އޮތީ މާލޭގައި އަޅާ ބޮޑު ޕޫލްގެ މަސައްކަތަށް" މިނިސްޓަރު ވިދާޅުވި އެވެ.
ފީނާގެ އެހީތެރިކަން މިހާރު ވެސް ރާއްޖޭގައި ފެތުން ކުރިއެެރުވުމަށް ލިބެމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ފީނާގެ ސްކޮލަޝިޕެއްގައި ރާއްޖޭގެ އުއްމީދީ ފެތުންތެރިޔާ އަލީ އިމްއާން މިހާރު ހުރީ ރަޝިޔާގެ ކަޒާންގަ އެވެ. ފީނާގެ މައި ތަމްރީން ސެންޓަރެއްގައި ހަދަމުން އަންނަ ތަމްރިންތަކާ އެކު އިމްއާން ހޯދަމުން އަންނަ ކުރިއެރުން ފީނާގެ ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.
ފީނާގެ ރައީސް ހުސައިން ވިދާޅުވީ ރާއްޖެ ކަހަލަ ގައުމެއްގައި ސްވިމިން ކުރިއަރުވައި ބައިނަލްއަގްވާމީ މައިދާނަށް ރާއްޖެ ނެރެން މަސައްކަތް ކުރައްވަނީ އެއް ދުވަހުން ނުވަތަ އެއް އަހަރުން ކާމިޔާބީތަކެއް ނުލިބޭނެކަން ދަނެގެން ކަމަށެވެ. މިގޮތުން ރާއްޖެއާ އެކު ކުރިއަށް އޮތް ހަތަރު އަހަރު ސްވިމިން އާއި ގުޅުން ހުރި އެކި ދިމާލުން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި އަޅާ ސްވިމިން ޕޫލްގެ މަސައްކަތްތަކާއި، ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ އިތުރުން ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން ކުރިއަށްގެންދާ "ސްވިމިންގ ފޯ އޯލް" ޕްރޮގްރާމަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފީނާ އިން ވަނީ ނިންމައިފަ އެެވެ.












