އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެމްބަރުން އައްޔަނުކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ޖުމްލަ ފަސް މެމްބަރުން ތިބެންޖެހޭ އޭސީސީގައި މިހާރު އެއްވެސް މެމްބަރަކު ނެތެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގުތައް ދިގުލައިގެންދާ ކަމުގެ ޝަކުވާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން ވެސް އިސްތިއުފާ ދެއްވީ މެމްބަރުން ވަކިކުރަން މަޖިލީހުން މަސައްކަތް ކުރަމުންދަނިކޮށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިއަދު ވިދާޅުވި ގޮތުގައި އޭސީސީއަށް އައްޔަން ފެންނަ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެ ނަންތައް ހާމަކުރާނީ ކުރިއެކޭ ވެސް އެގޮތަށް މަޖިލީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރުންގެ ތެރެއިން އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުން ދީފައި އޮތް 60 ދުވަހުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތީ އެ ކޮމިޝަނުގެ މެމްބަރަކު މަގާމުން އިސްތިއުފާ ދީފި ނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަނުކުރަންޖެހޭނެ ކަމަށެވެ.
އަޝްރަފަށް ފަހު ޑިސެމްބަރު 15، ގަ އިސްތިއުފާ ދެއްވީ މެމްބަރު އިބްރާހިމް ޝަކީލެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، ގަ އެވެ.
އޭނާގެ އިސްތިއުފާ އާއެކު މިދިޔަ ޑިސެމްބަރު 5، ގައި އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި އެވެ. އަދި އޭގެ ފަހުން ދެން ތިބި މެމްބަރުންގެ އިސްތިއުފާއާއެކު ވެސް ދެ ފަހަރެއްގެ މަތިން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލި އެވެ.
މި އަހަރަށް މަޖިލިސް ހުޅުވަން ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި އޭސީސީއަށް އައްޔަނުކުރަން ނަންތައް ފޮނުވުމުން އެކަން މަޖިލީހުން އަވަސްކޮށް ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
އޭސީސީގައި މެމްބަރަކު ނެތި މިދިޔަ ދުވަަސްތަކުގައި 60 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، މެމްބަރުން އިސްތިއުފާ ދިން އިރު ވެސް ބަލަން ކަނޑައަޅާފައި ހުރި މައްސަލަތަކެއް ހުއްޓެވެ.
ނަމަވެސް، މިވަގުތު ކޮމިޝަނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ މައްސަލަތައް ދިރާސާ ކުރުމެވެ. އިތުރު އެއްވެސް ފިޔަވަޅެއް އަދި ނިންމުމެއް ވެސް ނިންމެން ނެތުމުން، މައްސަލަތައް ބެލޭނެ ގޮތެއް ނެތި ކޮމިޝަން އޮތީ ހުއްޓިފަ އެވެ.
އޭސީސީގައި މެމްބަރުން ނެތުމުން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ފާޅުކޮށްފައިވެ އެވެ. އެގޮތުން އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ.













