ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި ވަޅި ޖަހާ މަރާލި، ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ގަފޫރުގެ މަރުގެ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މުހިންމު ދެ ހެކިވެރިއެއްގެ ފުރުސަތު ގެއްލި، އެ މައްސަލައިގެ އަޑުއެހުންތައް ނިމުމަކާ ހަމައަށް ގޮސްފި އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ހާރިސް ހަށިގަނޑުގެ އަށް ތަނަކަށް ވަޅިޖަހާ، އަނިޔާވެރި ގޮތަކަށް މަރާލި ކަމުގެ ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމިން ރަޝީދު، 23، ގެ މައްޗަށެވެ. ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބެއްގައި، ހާރިސް މަރާލާފައި ވަނީ ވަށައިގެން ގަސްހެދި، ކޮޅު ބެދިފައިވާ އަނދިރި ގޯޅި ގަނޑެއްގެ ތެރޭގަ އެވެ.
މިއަދަށް ތާވަލްކުރި އަޑުއެހުން ފަސްކޮށްދިނުމަށް ދައުލަތުން އެދުނީ އެ މައްސަލަ ސާބިތުކުރުމަށް ބޭނުންވާ އެންމެ މުހިންމު ސިއްރު ދެހެކިވެރިން ހާޒިރުނުކުރެވޭ ކަމަށް ބުނެ، އެ ހެކިވެރިން ހާޒިރުކުރުމުގެ ފަހު ފުރުސަތެއް ދިނުމަށް އެދި އެވެ.
ނަމަވެސް މީގެ ދެ މަސްކުރިން ބޭއްވި އަޑުއެހުމުގައި ވެސް އެފަދައިން ފަހު ފުރުސަތެއް ދިނުމަށް ދައުލަތުން އެދިފައި ވާތީ އާއި އެ ހެކިވެރިޔާއަށް ކްރިމިނަލް ކޯޓުން ތިން ފަހަރުގެ މަތިން ގުޅުމުންވެސް ހެކިބަސް ދިނުމަށް އުޒުރުވެރިވެފައި ވާތީ އޭނާގެ ހެކިބަސް ނުނަގާ ކުރިއަށް ދިއުމަށް ގާޒީ އާދަމް މުހައްމަދު ނިންމެވި އެވެ.
އެންމެ ފަހުން އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި އެ ހެކިވެރިން ކޯޓުން ޗިޓު ފޮނުވައިގެން ހާޒިރު ކުރުމަށް ދައުލަތުން އެދުނު ނަމަވެސް، އެ ސިއްރު ހެކިވެރިން މިހާރު އުޅޭ އެޑްރެސް ދައުލަތަށް ހޯދިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ އެ ސިއްރު ހެކިވެރިޔާގެ ސިއްރުކަން ހިމާޔަތް ކުރުމަށްޓަކައި އޭނާގެ ދާއިމީ އެޑްރެސްއަށް އެފަދަ ޗިޓެއް ރައްދު ނުކުރެވޭނެ ކަމަށް ގާޒީ ކަނޑައަޅުއްވާ މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލި އެވެ.
ގިނަ ސިއްރު ހެކިވެރިން ހިމެނޭ މި މައްސަލާގައި ހުލާސާ ބަޔާން އިއްވުން އޮންނާނީ އަންނަ މަހުގެ ހަތެއް ނުވަތަ 13 ވަނަ ދުވަހު އެވެ. ހުލާސާ ބަޔާނަށްފަހު، މަސްދުވަސްތެރޭގައި ހުކުމާ ހަމައަށް ވާސިލްވެވޭނެ އެވެ.












