ރިޕޯޓުކަރެކްޝަންގެ ހަރުދަނާ ވަޒީފާއަކުން މަސްތުގެ އައްޑާއަކަށް: އޭނާގެ ދިރިއުޅުން ބަރުބާދުވެއްޖެ!

ކަރެކްޝަންގެ ހަރުދަނާ ވަޒީފާއަކުން މަސްތުގެ އައްޑާއަކަށް: އޭނާގެ ދިރިއުޅުން ބަރުބާދުވެއްޖެ!

ލޯބި ދަރިއަކާއި އަންބަކާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އައި އަލީ (އަސްލު ނަމެއް ނޫން) ވާހަކަ ފެށީ އެ ހިސާބުންނެވެ. އުމުރުން 19 އަހަރުގައި ސިފައިންގޭގައި އުޅެމުން އުފާވެރި ދިރިއުޅުމެއް ފެށި އެވެ. ނަމަވެސް, އެ ދިރިއުޅުމަށް ވިހަލީ އެންމެ ކައިރީގައި އުޅުނު ރައްޓެހިންނެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ނޫސްވެރިންނަށް ކިޔާދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އާއިމް ޒަމީރު / އަދަދު
ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ނޫސްވެރިންނަށް ކިޔާދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

"މާފުށީ ޖަލުގައި ޑިއުޓީ ކުރަން އުޅުނުއިރުގައި އެތާ ތިބި ބައެއް ދަންނަ މީހުންގެ ފަރާތުން އެއްޗެހި އަޅުގަނޑަށް ދޭ އެކި ގޮތްގޮތުން. އެ އެއްޗިއްސަށް ހިތް ޖައްސުވާ ޓެސްޓު ކޮށްލަން ދޭ،"

ލޯބި ދަރިއަކާއި އަންބަކާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އައި އަލީ (އަސްލު ނަމެއް ނޫން) ވާހަކަ ފެށީ އެ ހިސާބުންނެވެ. އުމުރުން 19 އަހަރުގައި ސިފައިންގޭގައި އުޅެމުން އުފާވެރި ދިރިއުޅުމެއް ފެށި އެވެ. ނަމަވެސް, އެ ދިރިއުޅުމަށް ވިހަލީ އެންމެ ކައިރީގައި އުޅުނު ރައްޓެހިންނެވެ.

"ސިފައިންގޭގައި އުޅުނީ ހަމަ ހެޕީ ލައިފެއްގަ. ވަރަށް ހިތްހަމަ ޖެހިގެން ރައްޓެހިންނާ އެކު އުޅުނީ. ވަރަށް ހެޕީކޮށް. މީހަކާވެސް އިނދެގެން އުޅުނީ. ދަރިއަކުވެސް ހުންނާނެ،"

ނަމަވެސް, އެ ދިރިއުޅުމަށް އެޅުނު ހިޔަންޏަކީ ބޭނުން ކުރަން ފެށި މަސްތުވާތަކެއްޗެވެ. ކުޑަ އެތިކޮޅަކުން ފެށި ކަމުގެ ސަބަބުން ދިރިއުޅުން އެފުއް މިފުށަށް ޖެހި ދިރިއުޅުން ބަރުބާދު ވެދާނެ ކަމަށް ހިތައްވެސް ނާރަ އެވެ. އެކަމަކު މިއަދު ވަނީ ބާކީވެ އެކަނި ވެފަ އެވެ.

އަނބިމީހާ އާއި ދަރި ވީތަނެއް އަލީއަކަށް ނޭނގެ އެވެ. އެ މީހުންގެ ހާލަކީ ކޮބައިތޯ ބަލާލާނެ ހިތްވަރެއް ނުލިބެ އެވެ. ކައިރީގައި ތިބި ރަނގަޅު ރައްޓެހިން ގެއްލުނެވެ.

ދިރިއުޅެނީ މަސްތުގެ އައްޑާއެއްގައި؛ ފެނެއް ކަރަންޓެއް ނެތް ގެ އެއް

މިހާރު އުމުރުން 39 އަހަރު ވެފައިވާ އަލީގެ ހަޔާތުގެ 20 އަހަރު އެ ހޭދަ ކުރީ މަސްތުވާތަކެތީގެ ތެރޭގަ އެވެ. ކަރެކްޝަން އޮފިސަރު ކަމުން ކެނޑުނީ މަސްތުގެ ވަބާގައިޖެހި އެވެ. ދިރިއުޅުން މަތިން ފޫހިވާން ފެށި އެވެ.

"މަސްތުވާތަކެތީގެ ތެރޭގައި އުޅެން ފެށިމަ ކަންކަމުގައި ކެއާލެސް ވާން ފެށީ. އެހިސާބުން ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަން ބޮއްސުންލައިގެން ދާން ފެށީ،" އަލީ ކިޔާދިނެވެ.

އެ ވަޒީފާއިން ކެނޑިގެން ކަންނެލި ބޯޓަކަށް އެރީ ވެސް އާމްދަނީ ލިބޭ ރަނގަޅު މަސައްކަތެއް ކުރުމުގެ ނިޔަތުގަ އެވެ. އެކަމަކު, އެ ދޯނިތަކުން ލިބުނީ މަސްތުގެ ކަނޑުގައި ފަތަމުންދާ ރައްޓެހިންނެވެ.

"ކަންނެލި ދޯނިތަކުގައި ތިބޭނެ ވަރަށް ރައްޓެހިން. އެއީ އެއްކޮށް ބޮއެ އުޅުނު މީހުން. އަޅުގަނޑުވެސް ކުރީގަ ކަންނެއްޔަށްވެސް ދިޔައިން،" އަލީ ކިޔައިދިނެވެ.

ކަންނެއްޔަށް ދިއުން ހުއްޓާލުމަށްފަހު އަނެއްކާވެސް މާލޭގައި ދިރިއުޅެން ފެށި އެވެ. ވަންނާނެ ގެ އެއް ނެތުމުން އުޅެނީ މަސްތުވާ ރައްޓެހިން މަސްތުވާން ދާ ގޭގޭގަ އެވެ. ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ނެތުމުން މިހާރު އުޅެނީ ގޮނޑު ހޮވައިގެން ކަމަށް އަލީ ކިޔައިދިނެވެ.

"ގޭގެއިން ނެރޭ ކުނީގެ ތެރޭގައި ހުންނަ ބޭނުން ހިފޭ އެއްޗެހި ސާފް ކޮށްލައިގެން ވިއްކައިގެން ލިބޭ ފައިސާއިން މިހާރު ކައިބޮއެ އުޅެނީ. ނިދުމަށް މިހާރު ބޭނުން ކުރަނީ ރައްޓެއްސެއްގެ ގެ އެއް ކުރީގަ. މ. ދެރަހަ އެ ގޭގަ ކަރަންޓެއް ފެނެއް ނުހުރޭ. މިވަގުތު ނިދާ ހަދަނީ އެ ތަނުގައި،" އަލީ ކިޔައިދިނެވެ.

އެއީ އޯކިޑް މަގުން ލައިނޫފަރުމަގަށް ވަންނައިރު ކަނާތްފަޅީން ހަތަރުވަނަ ގެ އެވެ.

ދޮރާއްޓެއްލާ ރަތްކުލަ ލާފައި ހުރެ އެވެ. ގަދަ މުށިކުލައިގެ ބޮޑު ދޮރުފަތުން އެތެރެއަށް ވެދެގެން ދެވެނީ ހިމަ ގޯޅިއަކުންނެވެ. އެއަށްފަހު ގޮސް ކަނާތްފަޅިން ވަދެވެނީ އެ ބުނާ މ. ދެރަހަ ގެ އަށެވެ. އެ ބުނާ މަސްތުވާތަކެތީގެ އައްޑާއަށެވެ. މަސްތުވާތަކެތި ވިއްކުމާ ބަންދު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެ ގޭގަ އެވެ.

އެ ގެ އެތައް ފަހަރަކު ފުލުހުން ބަންދު ކުރި ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ބާރު ގަދަ އެވެ. ބަންދު ކުރިޔަސް ހުޅުވައިގެން ވަދެ އެވެ.

އެ މީހުން މަސްތު ވުމަށްފަހު ތިބެނީ އެ ގެއަށް ވަންނަން ހުންނަ ހިމަ ގޯޅީގަ އެވެ.

ބޭނުންވަނީ އިސްލާހުވާން ނަމަވެސް އެއްބާރުލުމެއް ނުލިބޭ

މަސްތުވާތަކެތިގެ ވަބާއަށް ގެނބިފައިވާ ކޮންމެ މީހެެއްގެ ވާހަކައިގައިވެސް ވަނީ ތަފާތު އެތައް އިހުސާސެކެވެ. ތަޖުރިބާ ކޮށްފައި ވަނީވެސް ތަފާތު އެތައް ކަމެކެވެ. މި ވަބާގައި ޖެހުމުގެ ކުރިންނާއި ފަހުގެ ދިރިއުޅުން ވެސް ތަފާތެވެ.

"އަޅުގަނޑު ބުނާނީ ހަމަ އިމްޕޮސިބްލް ކަމެކޭ އެޑިކްޝަން ސައިކްލަގަ އުޅެމުން ވަޒީފާއެއް ލިބުމަކީ. ފުލުހުންގެ ފަރާތުން ޕޮލިސް ރިޕޯޓް ބޭނުންވޭ ވަޒީފާއެއް ހޯދުމަށް،" އޭނާ ކިޔައިދިނެވެ.

މުޖުތަމައުއިން އެ މީހުން އަލުން ބަލައިނުގަންނާނެ ކަމަށާއި އެއީ މި ރާއްޖޭގައި ވާނެ ކަމެއް ނޫން ކަމަށް އޭނާ ކިތަންމެ ފަހަރަކު ބުންޏެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ އިސްލާހުވެ، ކުރީގެ ދިރިއުޅުމަށް އަލުން ދެވޭތޯ އެވެ. ނަމަވެސް އެ މަސައްކަތުގައި އޭނާ ކާމިޔާބުވެދާނެ ކަމަށް އަލީއަށް ގަބޫލެއް ނުކުރެވެ އެވެ. އަމިއްލަ ނަފްސަށް އިތުބާރެއް ނެތެވެ.

ކިޔަވައިގެން ހުރި ނަމަވެސް މަސްތުގެ ވަބާގައި ޖެހިފައިވާތީ ވަޒީފާ ދިނުމަށް އެއްވެސް މީހަކު ބޭނުމެއް ނުވެ އެވެ.

"އަޅުގަނޑަކީ ކަރަންޓު ވަޔަރު ކުރުމުގެ ލައިސެންސް އޮންނަ މީހެއްކަމުން ބައެއް މީހުން މަސައްކަތް ކުރުވާ. ކުރުވަނީވެސް ނު އަގުގައި. ބޭނުމެއް ނުވޭ އެހެން ކުރާކަށް އެކަކަމު އިތުރު ގޮތެއް ވެސް ނެތީމަ ކޮންމެވެސް އެއްޗެއް ލިބޭނެތީ ކުރަނީ،" އަލީ ބުންޏެވެ.

"އަސްލު މިހާރު ބޭނުންވަނީ ރަނގަޅުވާން. އެންޑީއޭގަ ރަޖިސްޓާވެގެން މި އުޅެނީ އިސްލާހުވާން ވެގެން. އަދި ފުރުސަތެއް ނުލިބޭ،"

އޭނާ ގަބޫލުކުރާ ގޮތުގައު އެ ފުރުސަތު ލިބި ރަނގަޅު ވިޔަސް މި މުޖުތަމައު އެކަން ބަލައި ނުގަންނާނެ އެވެ.

"ކޮމިއުނިޓީގެ އެއްބާރުލުން ލިބިގެން މިކަން ރަނގަޅުވާނީ. އެ މީހުންނަށްވެސް ރިކަވަރީގަ ފަސޭހަ ވާނީ. ދިމާކޮށް ޖެއްސުންކޮށް މަލާމަތް ކޮށްގެން އެކަންކަން ރަނގަޅެއް ނުވަނެ. ހިތްވަރު ދީގެން އެއްބާރުލުން ދީގެންކަން ކަންކަން ރަނގަޅުވާނީ މި ސޮސައިޓީ ދަންނަން ޖެހޭ،" އަލީގެ އިހުސާސްތައް ބޭރުކުރަމުން ދިޔައީ އަސަރާއެކު އެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ވާހަކަތަކުންވެސް ދޭހަވަނީ ނިޒާމް ފެއިލްވެފައި އޮތް މިންވަރެވެ.

ފާތިމަތު އަޖްފާން

ޖާނަލިސްޓް

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox