މިލާން (ފެބްރުއަރީ 22) - ޒިންމާނުނަގައި، ފަރުވާކުޑަކޮށްލައިގެން މެޗުތައް ކުޅެގެން އިންޓަ މިލާނަށް މި ފަހަރުގެ އިޓާލިއަން ލީގު ޔަށި ކާމިޔާބު ނުކުރެވޭނެ ކަމަށް އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.
އިންޒާގީ މިހެން ބުނެފައިވަނީ އާދިއްތަ ދުވަހުގެރޭ އިޓާލިއަން ލީގުގައި އިންޓަ އިން އަމިއްލަ ދަނޑުގައި ސަސުއޯލޯ އަތުން 2-0 އިން ބަލިވި މެޗަށް ފަހު މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
ސަސުއޯލޯގެ އަތްދަށުވެ އިންޓަ އަށް ވަނީ ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު މި ވަގުތަށް ގެއްލިފަ އެވެ. އޭސީ މިލާން އެއް ވަނައިގައި އޮތީ 26 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އޮތީ 25 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ސަސުއޯލޯ އަތުން މޮޅުވިނަމަ އިންޓަ އަށް މެޗު ހަމަކުރާއިރު އެއް ވަނައިގައި ލީޑެއް ނެގުމުގެ ފުރުސަތު އޮތެވެ.
އިންޓަ ބަލިކުރަން ސަސުއޯލޯ އިން ދެ ގޯލު ޖެހީ ވެސް ފުރަތަމަ 26 މިނިޓް ތެރޭގަ އެވެ. އިންޒާގީ ބުނީ މެޗަށް އިންޓަ އިން ނުކުތްއިރު އެ ޓީމުގެ ކުޅުންތެރިންގެ ފޯކަސް ހުރީ މެޗަށް ހުންނަން ޖެހޭވަރުގައި ނޫން ކަމަށާއި އެކަމާ ވަރަށް ރުޅި އައި ކަމަށެވެ.
"މިއީ އަހަރެމެން ކުޅެން ޖެހޭނެ ގޮތެއް ނޫން. މިހާ ފަރުވާކުޑަކޮށް ޒިންމާ ނުނަގައި ކުޅެގެން ޔަގީނުން ވެސް ތަށްޓެއް ނުލިބޭނެ. އެބަޖެހޭ ވަރަށް ރަނގަޅަށް ވިސްނުންތެރިކަމާ އެކު މެޗުތަކަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެގެން ނުކުންނަން،" އިންޒާގީ ބުންޏެވެ.
ސަސުއޯލޯ އަތުން ބަލިވުމުގައި ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ބަލިވުމުގެ މާޔޫސްކަމުގެ އަސަރުކުރިތޯ އެހުމުން އިންޒާގީ ބުނީ އެ ކަހަލަ ކަމެއް ނެތް ކަމަށެވެ.
"މި ދެ މެޗު އެއް ވިސްނުމަކުން އަޅައިކިޔައިގެން ނުވާނެ. އެ މެޗު (ލިވަޕޫލް މެޗު)ގެ އަސަރެއް މި މެޗަށް ކުރިހެނެއް ހިއެއްނުވޭ. މީގެ މި އުޅެނީ އެޕްރޯޗްގެ މައްސަލައެއް. އަހަރެމެން ތައްޔާރުވާގޮތް ބަދަލުވާން އެބަޖެހޭ،" މިދިޔަ ސީޒަނަށް ފަހު ލާޒިއޯ ދޫކޮށް އިންޓަގެ ކޯޗުކަމާ ހަވާލުވި އިންޒާގީ ބުންޏެވެ.
އިންޒާގީ ވަނީ އެ ޓީމުގެ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒްގެ މަސައްކަތުގެ ރޭޓް ރަނގަޅުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.












