"ނަސްލީ ގޮތުންނާއި ޖޯގްރަފިކަލް ގޮތުން އެކަހެރިކޮށް އިންޑިޔާ ކަނޑުގައި އޮތް ސުލްހަވެރި ލޯބިން ފުރިގެންވާ ހުވަފެނީ ރަށްތައް......،" ރާއްޖޭގެ ރިތިކަން ދެކިލުމަށް މީގެ 50 އަހަރު ކުރިން ރާއްޖެ ވަޑައިގަތް ޖޯޖް ކޯބިން، ރާއްޖެ އާ ބެހޭ ގޮތުން ލިޔުއްވާފައިވާ ފޮތް ފަށަމުން ބުނެފައިވެ އެވެ.
"އިންޑިއާގެ ކަޑުގެ މި ސުވަރުގޭގެ ރީތިކަން ސަރުކާރުގެ ޒިންމާދާރު ފަރާތްތަކުން ދަމަހައްޓާނެ ކަމަށް އުންމީދު ކުރަން، މި ފޮތް މި ހުށަހަޅަނީ އެ ރީތިކަން ފޮޓޯ ތަކެއްގެ ގޮތުގައި ރައްކާކުރުމަށް،"
ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި އިޓަލީގެ ކޯބިން އާއި އޭނާގެ އެކުވެރިޔާ ފްރެންސެސްކޯ ބަނިނީ، އިނގިރޭސި ބަހުންނާއި އިޓަލީ ބަހުން 1973 އަހަރު ނެރުނު "މޯލްޑިވް - ޑުއެމިލަ އައިސޮލް ފެލިސީ" (މޯލްޑިވްސް - ހާއްސަ ދެހާސް ރަށް) 49 އަހަރު ފަހުން އިއްޔެ ވަނީ ރާއްޖޭގައި ރަސްމީކޮށް ނެރެފަ އެވެ. ކޯބިންގެ ގާތް އެކުވެރިޔާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމުގެ އެހީތެރިކަމާއެކު ފޮތް އަލުން ނެރުނީ ސަލްޓަން ޕާކުގަ އޮތް ރަސްމިއްޔާތެއްގަ އެވެ.
"މިފޮތް މިއަދާ ހަމައަށްވެސް އޮތީ ރަސްމީކޮށް ނުނެރެވި، ފޮތުގެ އާ އެޑިޝަން އެއް ނެރެވުމަކީ ވަރަށް ބޮޑު އުފަލެއް، މިފޮތުގައި ކޯބިން އާއި ބަނީނީ ރާއްޖެ އަށް 1971 ވަނަ އަހަރު ކުރި ދަތުރުގައި ނެގި ވަރަށް ގިނަ ފޮޓޯތައް ހުންނާނެ،" ނަސީމު ވިދާޅުވި އެވެ.
ކޯބިންގެ ފޮތަކީ ބެލޭވޭ ގޮތުގައި ރާއްޖޭގެ އެއްގަމާއި ކަނޑުގެ ރިތިކަމާ ބެހޭ ގޮތުން ފޮޓޯތަކެއް ހިމަނައިގެން ނެރުވުނު ފުރަތަމަ ފޮތެވެ. ދިވެހިންގެ ދިރިއުޅުމާއި އާދަކާދަ 1971 އަހަރު ހުރި ގޮތް ވަރަށް ރީތިކޮށް ފޮތުގައި ސިފަކޮށްދީފައިވެ އެވެ. ރާއްޖޭގެ ރަށްތައް އުފެދިފާއިވާ ގޮތާއި ރާއްޖޭގެ ތާރީހާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ހިމަނާފައި އެވެ.

މާލޭގެ ފަޅުގައި އޮތް ދޯންޏެއްގައި މީހަކު ކައްކަން ތައްޔާރު ކުރަނީ: 1971 ވަނަ އަހަރުގެ ވަރަށް ގިނަ ފޮޓޯތައް ފޮތުގައި ހިމެނޭ
"މަސްވެރިކަން ރަނގަޅު ދުވަހެއްނަމަ، ހަވީރު ހުރިހާ މަސްވެރިން އެއްތަނަކަށް ޖަމާވެ، އަންހެންވެރިން މަސް ހިއްކާ ދިލަޖައްސަމުން ދާއިރު، ބަބުރު ލަވައަށް ނަށަމުން އުޑާއި ކަނޑަށް އިހުތިރާމް އަދާކުރެ އެވެ،" ކޯބިންގެ ފޮތުގައި ދިވެހިންގެ ދިރިއުޅުން ހުރި ގޮތް ސިފަކޮށްދެމުން ބުނެފައިވެ އެވެ. ފޮތުގައި ބުނެފައިވާ ގޮތުގައި ރަށްރަށުގެ އިގްތިސާދު އޭރު ރާވާ ހިންގާ ފަރާތަކީ ކަތީބެވެ.
މި ފޮތް ލިޔުމުގައި ކޯބިން އާ ބާއިވެރިވި އޭރު އުމުރުން 34 އަހަރުގެ ބަނީނީ އަކީ އިޓަލީގެ ކަލްޗަރަލް މެގަޒިން އެއް ކަމަށްވާ "އެޓްލާންޓޭ" ގެ ރިޕޯޓަރެކެވެ. ކޯބިން އާ އެނާ އެންމެ ފަހުން ބައްދަލުވީ 1976 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ވެފައެއް ނުވެ އެވެ.











