އިނގިރޭސިބިލާތުން ސައުތު އޭޝިޔާއަށް ކަނޑައަޅާފައިވާ މިނިސްޓަރު ލޯޑު ތާރިގް އަހުމަދާ އިއްޔެ ބައްދަލު ކުރައްވައި، ދިވެހިރާއްޖޭގައި ބޮޑުވަމުންދާ ޓެރަރިޒަމްގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފި އެވެ.
ރައީސް ސޯލިހުގެ ބިޒީ ޝެޑިއުލްގެ ތެރެއިން އިއްޔެ ތާރިގާ ބައްދަލު ކުރެއްވީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ މަސައްކަތް ބެއްލެވުމަށް އެމަނިކުފާނު ޅ. ފެލިވަރަށް ވަޑައިގެން އެ ރަށުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ވެސް ރައީސް ސޯލިހާއި ލޯޑް ތާރިގް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ބިރު އޮތްކަން ފާހަގަ ކުރައްވާފައިވޭ. އަދި އެގޮތުން 6 މޭ، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ 'ހޭވެރިކަން ގެނުވި' ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ލޯޑް ތާރިގް، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން އިގްތިސާދީ ވާހަކަ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

"މި ދެބޭފުޅުންގެ ބައްދަލުވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމަށް ވެސް ފައިދާ އާއި ލާބަ ލިބެނިވި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރައްވަމުން،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
މި ހިނގާ ފެބްރުއަރީ މަހުގައި ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް ރައީސް ސޯލިހު ވަނީ ހަރުކަށި ފިކުރާއި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
"އެ ނުރައްކާތެރި [މެއި 6، ގެ] ހަމަލާގެ ކުށާއެކުއެކީ ބޮޑު އެހެން ކަމެއް ސާބިތުވެގެން ހިނގައްޖެ. މުޖްތަމައުގެ ތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން. ދީނުގެ ނަމުގާ ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި ޢަމަލުތައް އެނގި ހާމަވީ އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާ ބުރަކަން،" އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވީ އެމަނިކުފާނު ދިރިއުޅުއްވި، ގ. ކެނެރީގެ ހުންނަ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސައިކަލެއްގަ ބޮމެއް ހަރުކޮށްގެނެވެ. އެ ހަމަލާގެ ސަބަބުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ.
ބެއަރިން ބޯލްސްތަކެއް އަޅައިގެން ވަރަށް ބާރުގަދަކޮށް ހަދާފައިވާ ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލީ އެމަނިކުފާނު، ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ.
ހަމަލާއަށްފަހު ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން އެމަނިކުފާނުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.













