ރިޕޯޓުޓުއަރިޒަމްގެ ބާނީންގެ ފަރާތުން ދިރިއުޅުމަށް އަގުހުރި ނަސޭހަތްކޮޅެއް

ޓުއަރިޒަމްގެ ބާނީންގެ ފަރާތުން ދިރިއުޅުމަށް އަގުހުރި ނަސޭހަތްކޮޅެއް

ރާއްޖޭގައި ޓުއަރިޒަމް ފެށި ބާނިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާންމުނާ ވާހަކަ ދައްކައިފަ. އެ ބައްދަލުވުމުގައި، އާންމުކޮށް އަޑުނީވޭނެ، އެތައް އަގުހުރި ވާހަކައެއް އެބޭފުޅުން ހިއްސާ ކުރެއްވި. ޓުއަރިޒަމް ފެށި ގޮތް އަދި ބުރަ މަސައްކަތްތަކުގެ ނަތީޖާ ލިބުނު ގޮތް ކިޔައިދެއްވި.

ކޯބިން (ކަނާއަތުން ފެށިގެން)، އަފީފް، ނަސީމް އަދި އެމްޔޫ މަނިކު: ބުރާސްފަތި ދުވަހުގެ ހަފްލާގައި، އެބޭފުޅުން ވަނީ އަމިއްލަ ތަޖުރިބާގެ އަލީގައި މިހާރުގެ ޒުވާނުންނަށް އަގުހުރި ނަސޭހަތްތަކެއް ދީފައި -- ފޮޓޯ: ފައިލް
ކޯބިން (ކަނާއަތުން ފެށިގެން)، އަފީފް، ނަސީމް އަދި އެމްޔޫ މަނިކު: ބުރާސްފަތި ދުވަހުގެ ހަފްލާގައި، އެބޭފުޅުން ވަނީ އަމިއްލަ ތަޖުރިބާގެ އަލީގައި މިހާރުގެ ޒުވާނުންނަށް އަގުހުރި ނަސޭހަތްތަކެއް ދީފައި -- ފޮޓޯ: ފައިލް

މަސްވެރި ޖަޒީރާ ގައުމުގެ އިގްތިސާދު ބަދަލުކޮށްލީ ހަތަރު ބޭފުޅެއްގެ ބުރަ މަސައްކަތުންނެވެ. ގޮންޖެހުމާއި ކުރިމަތި ލައްވާ، ފައިސާ އާއި ވަސީލަތްނެތި ކުރެއްވި ހިތްވަރުންނެވެ. އަދި ކުރެއްވި ބުރަ މަސައްކަތުންނެވެ.

ޓުއަރިޒަމް ރާއްޖެއަށް ތާއާރަފު ކުރެއްވި ހަތަރު ބާނީންގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާ ކުރުމަށް، ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ގައުމީ ޔުނިވާސިޓީގަ ޓުއަރިޒަމް އަޕްބީޓް ޓޯކް ޝޯއެއް ބާއްވާފަ އެވެ.

"އަހަރެން ދެކޭ ގޮތުގައި ކާމިޔާބީގެ ފަހަތުގައި ވަނީ، އަހަރެމެންނަކީ ވަރަށް ފަހުރުވެރި ބައެއް، އަދި ހަމަ ވިސްނުން ތޫނު ބައެއް، މި ދެކަންތައް އެކުވެގެން އިންޑަސްޓްރި ކާމިޔާބުވީ، އަހަމެންނަކީ ފަސޭހަ އިން ދަސްކުރާ ބައެއް، އަހަރެމެން މީހުން ބުނާ އެއްޗެހި އަޑު އަހަން، ދޮށި ބޭފުޅުން ދޭ ނަސޭހަތް ކަނުލައި އަހަން،" މިހާރުގެ ހެލްތު މިނިސްޓަރު، މަސްއޮޑި އަހުމަދު ނަސީމު ވިދާޅުވި އެވެ.

އިޓަލީގެ އެޑްވެންޗަރާ ޖޯޖް ކޯބިން އަށް ރާއްޖެ ތައާރަފުކޮށްދެއްވި ބޭފުޅަކީ ނަސީމު އެވެ.

އަހަރެމެން ވަރަށް ޒުވާން މިކަންކަން ނިންމިއިރު، މިފަހަދަ ނިންމުންތައް ނިންމޭނީ ތިޔަ ފަދަ ޅަ ކުދިންނަށް، އާ ކަމަކަށް ވިސްނާ، މީހަކު ނުކުރާ ކަމަކަށް ވިސްނާ، އިޖާދީވޭ، ގައުމެއް ބަދަލު ކޮށްލެވޭނީ ވިސްނުމަކުން،" ތަޖުރިބާ ހިއްސާ ކުރައްވަމުން ނަސީމު ދަރިވަނުންނަށް ނަސޭހަތް ދެއްވި އެވެ.

ރާއްޖޭގެ ފުރަތަމަ ރިސޯޓު ކުރުނބާ ރިސޯޓް ހެއްދެވި، ޔުނިވާސަލްގެ ޗެއާމަން އަދި މަޓީގެ ރައީސް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވީ ނަސީމާއެކު ބައިވެރިވެގެން ރިސޯޓް ހެދުނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކު، ޝައުގުގައި ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އަހަރެމެންނަށް ހުރި ގޮންޖެހުންތަކާއެކު ވެސް، ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިއްޖެ، ޓޫރިޒަމް ފެށިއިރު އަހަރެމެންގެ އަތުގައި އެއްޗެއް ނެތް. ހުރަސްތަކާއި ގޮންޖެހުންތަކާއެކު ފަހަތް ނުބަލާ ކުރިއަށް ދިނުން ކާމިޔާބިީގެ އަސްލަކީ، އަހަރެމެންގެ އުމުރު މިހާރު ހިނގައްޖެ، އާޖީލުން އެބަޖެހޭ މިކަން ދަމަހައްޓަން ފަހަތަށް ދިޔަ ނުދީ،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

އިޓަލީގެ ފުރަތަމަ ޓުއާ ގްރޫޕް 1972 ވަނަ އަހަރު ރާއްޖެ ގެންނެވި، ޖޯޖް ކޯބިން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އަށް ވަރަށް ބޮޑު މުސްތަގުބަލެއް އެބަ އޮތް ކަމަށެވެ. ވަރަށް ދިގު ރާސްތާއެއް ކުރިއަށް އެބަ އޮތް، ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް ބިނާވަނީ އެންމެ ބަހެއްގެ މައްޗަށް އެއީ ހިދުމަތް، ހިދުމަތް އެއީ ޓޫރިޒަމްގެ ހުރިހާ އެއްޗަކީ، މީހުން އުފާކޮށްދީ، މީހުން މިތަނަށް އަންނާނެ ގޮތް ހަދާ،" ކޯބިން ވިދާޅުވި އެވެ. "މީގެ 50 އަހަރު ކުރިއާ އަޅާބަލާއިރު ބަދަލު ނުވަނީ ދިވެހިން، ދިވެހިންގެ އެޓިޓިއުޑް އާ ސަގާފަތް ބަދަލެއް ނުވޭ. ގައުމެއް ރީތި ވަނީ އެތަނެއް ރީތިވުމަކުން އެކަންޏެއް ނޫން، އެ ގައުމެއްގައި ދިރިއުޅޭ ބައެއްގެ ވެސް ސަބަބުން."

ކުރުނބާ ރިސޯޓް ހެެއްދެވުމުގައި އަމަލީ ގޮތުން އުޅުއްވާ، ރިސޯޓުގެ ފުރަތަމަ ޖެނެރަލް މޭނޭޖަރުކަން ކުރެއްވި ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ ވަރަށް ގިނަ ފުރުސަތުތަކެއް ދިވެހި ޒުވާނުންނަށް އެބަހުރި ކަމަށާއި އެ ފުރުސަތުތަކުގެ ބޭނުންހިފަން ޖެހޭ ކަމަށެވެ. އަދި ވާންވީ ފާޑުކިޔާ ބަޔަކަށް ނޫން ކަމަށާއި ކަންކަމާ ކުރިމަތިލާ ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަސޭހަ ކަމަކީ ދަނޑު ބޭރުގަ ހުރެގެން ކުޅެން ތިބޭ މީހުންނާ ދިމާލަށް ހަޅޭލެވުން، ނޫނީ ރެފްރި އަށް، އޭގެން މީހަކަށް ނުވެވޭތޯ ބަލާ، ގޮސް ކުޅެން އަރާ،" އަފީފު ވިދާޅުވި އެވެ. "ގަބޫލުކުރަން ޖެހޭ ހަގީގަތެެއް އެއީ، ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ވެސް ހުންނާނެކަން، ނުކުރެވޭނެ ކަންތައް ގަބޫލުކުރަން ޖެހޭނެ އެއީ ނުކުރެވޭނެ ކަމެއް ކަމަށް."

ފުރަތަމަ އެންމެ ރިސޯޓަކުން ފެށި ޓޫރިޒަމް ފުޅާވަގެން ދިޔަ ގޮތާ ބެހޭ ގޮތުން އެމްޔޫ މަނިކު ވިދާޅުވީ، ކުރުނބާ ތަޅާލާފައި އަލުން ހެދުމާއި ރާއްޖެ އަށް ބޭރުގެ ހޮޓެލް ޗޭނުތައް އައުން ވެގެން ދިޔައީ ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް އެރުން ކަމަށެވެ.

dddddd
dddddd

ރާއްޖޭގެ ފުރަތަމަ ރިސޯޓް ކުރުނބާ މޯލްޑިވްސް: މި ރިސޯޓު ފުރަތަމަ ހުޅުވީ 1972 ވަނަ އަހަރު

އެމްޔޫ މަނިކު ވިދާޅުވި ގޮތުގައި ފަސް ތަރީގެ ފެންވަރަށް ކުރުނބާ ދެވަނަ ފަހަރަށް ތަރައްގީ ކުރުމުން، 23 ޑޮލަރަށް ވިއްކަމުން ދިޔަ ކޮޓަރިއެއްގެ އަގު 150 ޑޮލަރާއި 200 ޑޮލަރަށް ބޮޑު ކުރެވުނެވެ.

"ދެން އެންމެން ވެސް ދިޔައީ އެ މަގުން. ނަސީމް ހެއްދެވީ ގިރާވަރު. އަފީފް ހެއްދެވީ މީރުފެންފުށި. ގާސިމް ވެސް އޭރު ރިސޯޓު ތަރައްގީ ކުރައްވަނީ. އެކަކު ވެސް ފަހަތަކަށް ނުބަލާ،" އެމްޔޫމަނިކު ތަޖުރިބާ ހިއްސާ ކުރެއްވި އެވެ.

ރާއްޖެ އަށް ފުރަތަމަ ބޭރުގެ ބްރޭންޑެއްގެ ގޮތުގައި ހިލްޓަން ގެންނެވީ، އަފީފުގެ މަސައްކަތުންނެވެ. އަފީފު ވިދާޅުވި ގޮތުގައި ހިލްޓަން ގެނައުމަކީ ރާއްޖެއާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުރުބާރު ލިބި ދިވެހިނަށް އެތައް އާ ކަންތައްތަކެއް ދަސްވެ، އިންޑަސްޓްރީ ޕްރޮފެޝަނަލްވެގެން ދިޔަ ސަބަބެއް ކަމަށެވެ.

"ހިލްޓަން ހުޅުވި ދުވަހު، ހިލްޓަންގެ ސައުތު އީސްޓް އޭޝިއާގެ ރައީސް އެއް ޖުމުލައިން ވިދާޅުވީ އެ ދުވަހުން ފެށިގެން އިންޓަނޭޝަނަލް މާކެޓުގެ އިތުބާރު ރާއްޖެއަށް ލިބުނީ ކަމަށް. އެކަން ވެގެން ދިޔައީ އެގޮތަށް،" އަފީފު ވިދާޅުވި އެވެ. "[ބޭރުގެ ހޮޓެލް ޗެއިންތައް ނާންނަ އިރު] ހުރިހާ ކަމެއް ދަސްކުރަމުން ދިއަައީ ޓީޗަރަކު ނެތި."

އެމްޔޫ މަނިކާއި ނަސީމު އާއި ކޯބިން ގެ އިތުރުން އަފީފު ވެސް ދަރިވަރުންނަށް ދެއްވީ އެބޭފުޅުން މިސާލަކަށް ބަލައިގެން ކުރިއަށް ދިއުމުގެ ހިތްވަރެވެ.

"ދާންވީ ކުރިއަށް. އޭރުން ދާން ޖެހޭ މަގު ފެންނާނެ،" ޓެކްނޮލޮޖީއަަށް އިސަކަން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން، އަފީފު ވިދާޅުވި އެވެ.

އެމްޔޫމަނިކު ވިދާޅުވީ "ދެން އޮތް 50 އަހަރު އޮތީ އާޖީލަށް،" ކަމަށެވެ. ހިތްވަރާއެކު ކުރިއަށް ގެންދިއުމަށް އެނާ އެދިވަޑައިގަތެވެ.

އަހުމަދު ސައީދު

އެސޯސިއޭޓް އެޑިޓަރ

އަހުމަދު ސައީދަކީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ހަބަރުތައް ކަވަރުކުރުމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ "ހަވީރު" ނޫހުގައި 13 އަހަރު މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox