އަހުމަދު އަފްއާލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގެ މުހިއްމު މޫނެކެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހިންގެވުމުގެ ބުރަ ޒިންމާ ނަންގަވަނީ އޭނާ އެވެ. އޭގެ ކުރިން އޭނާ ހެލްތު މިނިސްޓްރީގައި މަސައްކަތްކުރެއްވި އެވެ. އެ ދުވަސްވަރު ރާއްޖޭން ސިއްހީ ދާއިރާގައި ހޯދި ގިނަ ކުރިއެރުންތަކުގައި އޭނާގެ ހިއްސާ އޮތެވެ. އަދި މިއަދު އޭގެ މޭވާ އަޅާފައިވާ އެތައް ގަހަކީ އަފްއާލް އެ މިނިސްޓްރީގައި މަސައްކަތްކުރެއްވިއިރު އޭނާ ބައިވެރިވެގެން އިންދެވި މުޑުވުއްތަކެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުންނާއި ސިއްހީ ދާއިރާގެ އެހާރާއި މިހާރުގެ ތަޖުރިބާ ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އަފްއާލަކީ މި ދާއިރާގެ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކާލަން ވަރަށް އެކަށޭނެ ބޭފުޅެކެވެ. މިދިޔަ ހަފުތާގައި "އަދަދު" ގެ ނިއުސްރޫމުގައި އައްފާލް ހޭދަކޮށްލެއްވި ތިރީހަކަށް މިނެޓުގެ ތެރޭގައި އޭނާ ވަނީ އެފަދަ އެތައް ވާހަކަތަކެއް ދައްކަވައިފަ އެވެ.
އަފްއާލް ގާތު "އަދަދު" ގެ ނޫސްވެރިން އެންމެ ފުރަތަމަ އަހާލީ، ފަހަރުގައި އެންމެ ފަހުން ކުރަން ޖެހޭ ސުވާލެވެ. އެކަމަކު އުއްމީދީ ވާހަކައަކުން ފެށުމަށްޓަކައި، އަހާލީ ރާއްޖޭގެ ސިއްހީ ހިދުމަތް ރާއްޖޭން ބޭރަށް ވިއްކިދާނެ ދުވަހެއް އަތުވެދާނެތޯ އެވެ؟ ޖަވާބުގައި ވިދާޅުވީ އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.
އައްފާލް ވިދާޅުވި ގޮތުގައި އޭގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގައި ތިބި ސުޕަ ސްޕެޝަލައިޒް، ހުނަރުވެރިން ޑޮކްޓަރުންނެވެ. އަދި ބައެއް ކަންކަމުގައި މިވަގުތު، ރާއްޖޭގައި ވަކިން ހާއްސަކޮށް އޭޑީކޭގައި ލިބެން ހުރި ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޑޮކްޓަރުންނާއި އެ ހިދުމަތްތައް މި ސަރަހައްދުގެ ސިއްހީ މީހުންނަށް އެނގޭ ކަމަށެވެ.
"މިހާރު ވެސް އަސްލުގައި ރާއްޖޭން ބޭރު މީހުން ރާއްޖޭން ހިދުމަތް ހޯދާ. ހާއްސަގޮތެއްގައި ޓުއަރިސްޓް އިންޑަސްޓްރީއަށް ވިސްނާލައިފި ކަމަށް ވަންޏާ ބޮޑެތި އިންޝުއަރެންސްތަކުން، ރާއްޖޭގައި ޓުއަރިސްޓުންނަށް ދިމާވާ ހާލަތްތަކުގައި ވަރަށް ބޮޑެތި ކަންތަކުގައި ވެސް އެބަ ފަރުވާ ހޯދާ. އަދި އެމީހުންގެ ފަރާތުން ލިބޭ ފީޑްބެކް ވެސް ރަނގަޅު،" އައްފާލް ވިދާޅުވި އެވެ.
އެފަދަ ބައެއް މީހުންގެ ވާހަކަތަކުން އައްފާލް އަށް އެނގިވަޑައިގެންނެވި ގޮތުގައި އިމަޖެންސީ އަށް އައިސް އެއަށް ފަހު ސްޕެޝަލިސްޓުންނަށް ދެއްކޭލެއް ރާއްޖޭގައި އަވަހެވެ. އެކަމަކު އައްފާލް ދެކެވަޑައިގަންނަވާ ގޮތުގައި މެޑިކަލް ޓޫރިޒަމްގައި މި ސަރަހައްދުން އިންޑިއާ އާއި ތައިލެންޑަކީ ކުރިއަރާފައިވާ ގައުމުތަކަށް ވާތީ އެ ގައުމުތަކާ ވާދަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. އެކަމަކު އެކަން ކުރެވިއްޖެ ނަމަ އޭގެ ފައިދާ ބޮޑު ކަމަށް އައްފާލް ވިދާޅުވި އެވެ.

އޭޑީކޭ އިން ދާދި ފަހުން ބޭއްވި ޗެރިޓީ ދުވުމުގައި އައްފާލް (ވ) ބައިވެރިވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
"(ރަސްމީ ސިފައެއްގައި) މެޑިކަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރެވިއްޖެ ކަމުގައި ވަންޏާ ނޫނީ ވަރަށް ގިނަ ބަޔަކު ޚިދުމަތް ހޯދަން އަންނަން ފަށައިފި ކަމަށް ވަންޏާ ރާއްޖޭގެ ސިއްހީ ނިޒާމަށް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އިތުބާރު ބޮޑުވެ އަދި މީހުން އަޅުގަނޑުމެންގެ ނިޒާމު ބަލައިގަންނަލެއް ވެސް އިތުރުވެގެން ދާނެ،" އައްފާލް ވިދާޅުވި އެވެ.
އެކަމުގެ ފުރަތަމަ ފިޔަވަޅަކީ ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި އަމިއްލަ ގައުމުގައި ތިބެ ދިވެހިންނަށް ބޭސްކުރެވޭނެ ނިޒާމެއް އޮތުމެވެ. އާސަންދައާ އެކު ގިނަ އަދަދެއްގެ ފައިސާ ރާއްޖޭން ބޭރުވެ އެވެ. އެ ފައިސާ ރާއްޖޭގައި ހިފެހެއްޓި އެ ފައިސާ ރާއްޖޭގެ ސިއްހީ ކަންކަމަށް އިންވެސްޓްކުރެވިއްޖެ ނަމަ ފައިދާ ބޮޑެވެ. އައްފާލް ދެކެވަޑައިގަންނަވާ ގޮތުގައި އާސަންދަ ނިޒާމުގެ ތެރެއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނެ ރާއްޖޭގައި އާސަންދައިގެ ކަވަރޭޖް ބޮޑުކޮށްގެންނެވެ.
"އެއީ މިހާރު ވެސް ހަގީގަތުގައި ރާއްޖޭން ލިބެން ހުންނަ ހިދުމަތްތައް ވެސް ރާއްގައި ކަވަރުނުވެ ރާއްޖޭން ބޭރުގައި ކަވަރުވާ ހާލަތްތައް އާދޭ. އެހެންވީމާ މީގައި ހުރި މިކަހަލަ ލޫޕްހޯލްތައް އަޅުގަނޑުމެން އެބަ ދެނެގަންނަން ޖެހޭ. ދެނެގަނެ މިކަން ރަނގަޅުކުރަން މަސައްކަތް އެބަ ކުރަން ޖެހޭ،" އައްފާލް ވިދާޅުވި އެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި އާސަންދައިން ރާއްޖޭން ބޭރުން ހިދުމަތެއް ހޯދުމުން އަގުހެޔޮވެ އެވެ. އައްފާލް ވިދާޅުވި ގޮތުގައި ފަހަރެއްގައި އެމީހާ އެ ހަދާ ޕްރޮސީޖާއަށް ނޫނީ އެމީހަކު އެކުރާ ސާޖަރީއެއް ކަހަލަ އެއްޗެއްގެ ޖުމްލަ އަގު ހެޔޮވެދާނެ ކަމަށެވެ.
"އެކަމަކު މުޅި މަންޒަރު ބަލައިފިކަމުގައި ވަންޏާ އަގު ހެޔޮނުވާ ވަރަށް ބައިވަރު ސަބަބުތައް ހުރޭ. މުޅި އިކޮނޮމީއަށް ވިސްނާލައިފިކަމުގައި ވަންޏާ ގާތްގަނޑަކަށް 50 އަހަރު އަޅުގަނޑުމެންގެ މުޅި ސިއްހީ ނިޒާމުގައި ރާއްޖޭން ބޭރުގެ، އަޅުގަނޑުމެންގެ ކައިރި ގައުމުތަކުގެ ސިއްހީ ނިޒާމުތަކަށް ދިވެހިރާއްޖޭގެ، ދިވެހިންގެ ޓެކްސް ފައިސާ ހަރަދުކޮށްފީމު. އެ މީހުން (އެ ފައިސާ އިން) އެތަންތަނުގައި އިމާރާތް އަޅައި ދިވެހިންނަށް ހާއްސަ ފްލޯ އަޅައި ދިވެހިންނަށް ވަޒީފާދީ، ދިވެހިންގެ ފައިސާގައި މީހުން ތަމްރީނުކޮށް އަދި މިކަހަލަ ވަރަށް ގިނަ ކަންތައްތައް ކޮށްފި،" އައްފާލް ވިދާޅުވި އެވެ.
އޭގެ ހެއްކަކީ ވިސާގެ އުނދަގޫވެ މީގެ އަހަރުތަކެއް ކުރިން ދިވެހިން އިންޑިއާ އަށް ދިއުން މަދުވި ވަގުތު އެކަން އެ ގައުމުގެ ނޫސްތަކުން ފާހަގަކުރުމެވެ. ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމުގެ ބޮޑު ސިޓީއަކަށް ދިވެހިން ދާލެއް މަދުވެގެން އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން ދައްކުވައިދެނީ ދިވެހިންގެ ފަރާތުން އެތަނަށް މާލީ ގޮތުން ވާ ފައިދާ ކަމަށް އައްފާލް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ގޯތިތެރެ.
އޭގެ އެހެން ހެއްކެއްގެ ގޮތުގައި އައްފާލް ވިދާޅުވީ ރާއްޖޭގެ ހިދުމަތްތައް ރަނގަޅުވެ އާ ޓެކްނޮލޮޖީ އަށް އިންވެސްޓްކުރުމުން، އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން އެކަމުގައި ބައިވެރިވާން ބޭނުންވުމެވެ.
އެހެންވެ އާސަންދަ އިން ބޭރަށް ކުރާ ހަރަދުތައް ރާއްޖޭގައި ހިފެހެއްޓި އެ ހަރަދުތައް ރާއްޖެ އަށް ކުރެވޭ ކަމަށް ވަންޏާ ރާއްޖޭގެ ސިއްހީ ނިޒާމުގެ ވަސީލަތްތައް އިތުރުވެ ތަމްރީންކުރަން ފުރުސަތު ލިބޭނެ އެވެ. ރާއްޖެ އަށް ވުރެ ބޭރުން ހިދުމަތެއް ހޯދުމުން އަގުހެޔޮވީ ނަމަވެސް، އިތުރު ކަންކަމަށް ކުރަން ޖެހޭ ހޭދަތައް ހުރުމާ އެކު ބޭރުވެގެން އެދަނީ ގިނަ އަދަދެއްގެ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުޅި އިކޮނޮމީންނާއި މީހުންގެ އަމިއްލަ ޖީބުން މިދާ ބޭރު ފައިސާ ރާއްޖޭން ބޭރަށް ނުގޮސް ރާއްޖޭގެ އިކޮނޮމީ ތެރޭގައި ހަރުލާފައި ނުހުރުމަކީ އަޅުގަނޑުމެންގެ ހުރިހާ ދާއިރާއެއްގެ ތަރައްގީއަކަށް ވެސް އޮތް ގޮންޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
އާސަންދަ އަށް ކުރެވޭ ހޭދަ ކުޑަކުރެވޭނެ އަނެއް ގޮތަކީ، މީހުންގެ އާއްމު ސިއްހަތު ރަނގަޅަށް ބެލެހެއްޓުމެވެ. އައްފާލް ވިދާޅުވި ގޮތުގައި ކޮންމެ ގޮތެއް ވިޔަސް މީހުން ބަލިވާނެ ކަމަށާއި ހޮސްޕިޓަލުގެ ބޭނުން ޖެހޭނެ ކަމަށާއި އެކަމަކު ޕްރިވެންޓިވް ހެލްތު އެއީ ވަރަށް އިސްކަން ދޭން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕްރިވެންޓިވް ހެލްތަށް ނުވަތަ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ކަވަރޭޖެއް އިންޝުއަރެންސްގައި ނޯންނަ ކަމަށެވެ.
"މިސާލަކަށް މެޑިކަލް ޗެކަޕްތައް ހެދުމަކަށް އެއްވެސް އިންޝުއަރެންސަކުން އެއްވެސް ކަހަލަ ހަރަދެއް ނުވެއް ކުރޭ. އެކަމަކު މީގައި ވިސްނައިލަން ޖެހޭ ކަމަކީ އިންޝުއަރެންސް ތަކުންނާއި އަދި ގައުމީ ނިޒާމުތަކުން މިކަމަށް ފޯކަސް ކޮށްފިކަމުގައި ވަންޏާ ދުރު މުސްތަގުބަލުގައި އެތަންތަނުން ކުރަން ޖެހޭ ހަރަދުތައް ކުޑަވާނެކަން. ސަބަބަކީ ދުރާލައި ބަލި ދެނެގަނެވޭ، މީހާގެ ސިއްހަތު މޮނިޓާ އެބަކުރެވޭ. އަދި އޭގެ ސަބަބުން އެއްކަލަ ބޮޑުކަމެއް ވެގެން ވަރަށް ބައިވަރު ފައިސާ އެއްފަހަރާ ދިއުމުގެ ބަދަލުގައި އެކަމާ ހަމައަށް ނުގެންގޮސް ހަމަ ހާމަނީގައި މީހުންނަށް އެބަ ދިރިއުޅެވޭ، އިންޝުއަރެންސް ކުންފުނިތަކާއި ސިއްހީ ހިދުމަތްދޭ މީހުންނާ އަދި އާއްމުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ވެސް އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
އިންޝުއަރެންސްގެ ތެރެއިން މެޑިކަލް ޗެކަޕް ހެދޭ ނަމަ ގައިންގަޔަށް ނާރާ ބަލިތައް، ހާއްސަކޮށް ހަކުރުބައްޔާ، ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ކަންތައްތަކަށް ދުރާލައި އެޑްރެސްކުރަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ލައިފްސްޓައިލް މިހުންނަ ގޮތަށް ބަލައިފިކަމަށް ވަންޏާ އަޅުގަނޑުމެން އެބަ ޖެހޭ ގަވައިދުން، އުމުރުން 40 އަހަރުން މައްޗަށް ދިޔައިމާ ހަމަ އަހަރަކު އެއް ފަހަރު ނަމަވެސް ޗެކަޕެއް ހަދައި، މެޑިކަލް ޗެކަޕް ހެދުމަށް އަހުލުވެރިވެ، ދުރާލައި އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއަށް، ހަށިގަނޑަށް ބަދަލުތަކެއް އަންނަކަމަށް ވޭތޯ ބަލައި، އަދި އާއިލާގެ ތެރޭގައި މިކަހަލަ ހިސްޓްރީއެއް އޮވެއްޖެ ކަމުގައި ވަންޏާ އެކަމަށް އިތުރު ސަމާލުކަމެއް ދީގެން މިކަންތައްތައް ކުރަން އެބަ ޖެހޭ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލް.
އާއްމު ކަންކަމުގައި ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުމަކީ ރާއްޖޭގައި އާދައެކެވެ. ފަސޭހައިން ދެއްކޭތީ އާއި އާސަންދަ ލިބޭތީވެސް މެ އެވެ. އެކަމަކު އެއީ ހަރަދު ބޮޑު އަދި ހޮސްޕިޓަލް ނިޒާމަށް ލޮޅުންއަރާ ކަމެކެވެ. އައްފާލް ވިދާޅުވި ގޮތުގައި ދުނިޔޭގެ ވަރަށް ކުރިއަރާފައި ހުރި ބައެއް ނިޒާމުތަކުގައި ސްޕެޝަލިސްޓުންނަށް ދެއްކުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ވަރަށް ދިގު މުއްދަކަށް ވެސް މަޑުކުރަން ޖެހޭ ކަމަށެވެ
"އަދި ބައެއް ނިޒާމުތަކުގައި އާއްމުކޮށް ރަޖިސްޓާ ކޮށްފައި ހުންނަ ޖެނެރަލް ޕްރެކްޓިޝަނަރަށް ވެސް ދެހަފުތާ އެބަ ނަގާ ދައްކަން. އެހެންވީމާ ރާއްޖޭގައި މިހާރު މިއޮތް ނިޒާމުގެ ތެރޭގައި، އަޅުގަނޑުމެން އެބަ ޖެހޭ އެ ނިޒާމުގައި އެންމެ އެފިޝަންޓް ގޮތްތަކަކީ ކޮބައިތޯ ހޯދަން އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
އައްފާލް ވިދާޅުވި ގޮތުގައި ސްޕެޝަލިސްޓުންނަށް ނުދެއްކި ގިނަ ދުވަސްވާ މީހުންނަށް އެކަން ދިމާވާ އެއް ސަބަބަކީ ވަކި ޑޮކްޓަރަކަށް ދައްކަން ބޭނުންވުން ކަމަށެވެ. އޭގެ ބަދަލުގައި ޓީމް އެޕްރޯޗަކަށް ބަދަލުކުރެވިގެން، އެ އޮންނަ ސްޕެޝަލިޓީގެ ތެރޭން އަވަހަށް ސްޕެޝަލިސްޓުންނަށް ދެއްކިގެން، މީހާޔަށް ފަރުވާދެވެން ފަށައިފިކަމުގައި ވަންޏާ މިހާރަށް ވުރެ އެފިޝަންޓް ނިޒާމެއް ގާއިމްކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިމަންނައަށް އެންމެ ފައިދާ ބޮޑީ ވަކި މީހަކަށް ދައްކަން ހަމަސްދުވަސް ވަންދެން މަޑުކުރުންތޯ، ނޫނީ ތިމަންނަގެ ބަލިމަޑުކަމަށް އަވަހަށް ފަރުވާއަށް މަސައްކަތްކުރަން ފެށުންތޯ. އެހެންވީމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތަކެއް އެބަ ކުރަން ޖެހޭ،" އައްފާލް ވިދާޅުވި އެވެ.
އައްފާލް ވަނީ އޭޑީކޭގެ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ. އަދި އެކަމަށް އޭނާ ހާއްސަވެވަޑައިގެންނެވި އެއް ދާއިރާ ކަމަށްވާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމާ ބެހޭ ގޮތުން ވެސް ހިޔާލު ފާޅުކުރެއްވި އެވެ. އެކަންކަމާ ބެހޭ ރިޕޯޓްތައް ވެސް މި ހަފުތާގެ ތެރޭގައި ގެނެސްދޭނަމެވެ.












