މީގެ ފަންސާސް އަހަރު ކުރިން މާލެ ކައިރީ ހުރި ފަޅު ރަށްތައް ބޭނުން ކުރީ މަސްވެރިން ބަޑަހަ ޖަހައިގެން ތިބުމަށެވެ. އެއިރު އެއީ މާ އަގުބޮޑު ރަށްތަކެއް ނޫނެވެ. އެކަމަކު މިއަދު، ފުޓްބޯޅަ ދަނޑެއްވަރުގެ ފިނޮޅެއްގެ އަގަކީ ވެސް އެއްލައްކަ ޑޮލަރެވެ. މަސްވެރި ދިވެހި ރާއްޖެ، ބިލިއަން ޑޮލަރުގެ އަގުހުރި ރަން ބިސް އަޅާ އަސްދޫންޏަކަށް ބަދަލުކޮށްލީ އިޓަލީގެ ޖޯޖް ކޯބިންގެ އިސްނެންގެވުމެވެ.
"ތަފާތު ތަނަކަށް ދާން ބޭނުންވީ، އަހަރެން ގެންގުޅުނު މެޕެއްގަ ތިކިތަކެއް ޖަހާފައި ހުރީ ކޮންތަނެއްތޯ ބެލިއިރު ވީ މޯލްޑިވްސް އައިލެންސް އަށް،" ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ފީނަން ދަތުރުކުރެއްވި، ކޯބިން 1971 ވަނަ އަހަރު ފުރަތަމަ ރާއްޖެ އަންނަން ދިމާވި ގޮތް "އަދަދު" އަށް ކިޔައިދެއްވަމުން ވިދާޅުވި އެވެ.
ރާއްޖެ އައުމަށްޓަކައި ޓްރެވަލް އެޖެންޓެއް ކައިރިއަށް ވަޑައިގެން، ރާއްޖެ ދާން ބޭނުންވާ ވާހަކަ ވިދާޅުވުމުން، ޓްރެވަލް އެޖެންޓަށް ގަބޫލު ކުރެވުނީ އެއީ ކޯބިން ސަމާސާއަަކަށް ދައްކާ ވާހަކައެއް ކަމަށެވެ. އެއީ، ދުވަހަކު ވެސް މީހާކު ދަތުރު ނުކުރާ، މީހުންނަށް ނޭނގި އޮތް ތަނެއްގެ ވާހަކަ ދެއްކެވުމުންނެވެ.
"ތި ހަދަނީ ދޮގު. އެތަނަކަށް ނުދެވޭނެ،" ޓްރެވަލް އެޖެންޓު ކޯބިން އަށް ދިން ޖަވާބަކީ މި އެވެ.
ކޯބިން ނިންމެވީ ކޮންމެ ގޮތަކުން ވެސް ރާއްޖެއަށް ދަތުރުކުރެވޭނެ މަގެއް ހޯދުމަށެވެ. ރާއްޖެ އައުމަށްޓަކައި ކޯބިން އާ އޭނާގެ އެކުވެރިއަކާ ދެ މީހުން ދެން ނިންމީ ރާއްޖެ އާދެވޭނެ ގޮތެއް ހޯދުމަށް، އޭރުގެ ސިލޯނު، މިހާރު ސްރީ ލަންކާ އަށް ދިއުމަށެވެ.

ޖޯޖް ކޯބިންގެ އެންމެ ގާތް އެކުވެރިޔާ އަހުމަދު ނަސީމު އާއެކު ފޮޓޯ އަކަށް ހުއްޓިގެން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
"ސިލޯނު އެންބަސީން މި ރަނގަޅު އެކުވެރިޔާ އާ ބައްދަލުވީ،" މިހާރުގެ ހެލްތު މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމު އާ ލަންކާގަ ހުންނަ ދިވެހި އެމްބަސީން ބައްދަލުވި ގޮތް ކޯބިން ކިޔާ ދެއްވި އެވެ.
ނަސީމު ވިދާޅުވި ގޮތުގައި ކޯބިން އާ 1971 ވަނަ އަހަރުގެ ބައްދަލުވީ، އާގު ބޯޓެއްގައި މާލެ އަށް ފުރަންވެފައި އޮއްވަ އެވެ.
"އަޅުގަނޑު ބުނެފިން ކޯބިން ކައިރީ، މާދަމާ އަޅުގަނޑު މާލެ އަށް ފުރާނަމޭ، މާލެ ދަންޏާ އަހަރެންނާއެކު ދެވިދާނެ އޭ، އެ ދަތުރުގައި ކޯބިން އާއެކު އެހެން ފޮޓޯ ގްރާޕަރަކު ވެސް އައި،" ނަސީމު ވިދާޅުވި އެވެ.

މޯލްޑިވްސް އެކްސްޕްލޯރާ: ޖޯޖް ކޯބިން އެންމެ ފުރަތަމަ ރާއްޖެ އައި ބޯޓު
ކޯބިން ވިދާޅުވި ގޮތުގައި ރާއްޖެ އަންނަން އޮތް "މޯލްޑިވްސް އެކްސްޕްލޯރާ" އަށް ދަތުރު ހަމަޖައްސަން ދިއުމުން ދިމާވީ، ބޮޑު މަތިމަހެއްލާފައި ހުދު ހެދުމުގައި ހުރި އިންޑިޔާގެ ކެޕްޓަނާ އެވެ. އެ ބޯޓުން ދަތުރުކުރުމަށް ބޭނުންވާ ޓިކެޓް ގަތީ ތޯމަސް ކުކް އިންނެވެ. ކޯބިން އާ އޭނާގެ އެކުވެރިޔާ އަށް ނަސީމްއާއެކު މާލެ އަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖެހިގެން ތިން ބޭފުޅުން އެކުގައި މާލެ ވަޑައިގަތެވެ.
މިސްރާއި ސްރީ ލަންކާ އަދި އެ ނޫން ބައެއް ގައުމުތަކުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގެ ވިސްނުން 1960 ގެ އަހަރު ތަކުގައި ގެންގުޅުނެވެ. ނަމަވެސް ކޯބިން ރާއްޖެ ވަޑައިގަތުމުގެ ކުރިން، ރާއްޖެ އަށް ޓޫރިސްޓުން ގެނައުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައިވާކަން އެނގޭކަށް ނެތެވެ.
މާލެ އާދެވުމުން ރާއްޖޭގެ ރީތިކަން ފެނި ކޯބިން ހައިރާންވެވަަޑައިގަތެވެ. ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ހިތްގައިމު މޫދާއި ކަނޑު އަޑީގެ ރީތި ކުލަތަކުގެ އިތުރުން ދިވެހިންގެ ހިތްހެޔޮ ކަމާއެކު، ކޯބިން އަށް ރާއްޖެ ސިފަ ކުރެއްވުނީ "ސުވަރުގެ" އެއްގެ ގޮތުގަ އެވެ.
"ރާއްޖެ އާ އަޅާކިޔޭ ވަރުގެ ތަނެއް ނެތް، ރާއްޖޭގައި ހުރިހާ އެއްޗެއް އެބައޮތް،" ކޯބިން ވިދާޅުވި އެވެ. "ރާއްޖެ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ ދިވެހިން، ދިވެހިންގެ ހިތްހެޔޮ ކަމާއި މެހެމާންދާރީ."
ކޯބިން ވިދާޅުވި ގޮތުގައި ފުރަތަމަ ރާއްޖެ ވަޑައިގަތްއިރު، ރާއްޖެ އަކީ ކާއްޓާއި ހިކިމަސް ބޭރުކުރާ މަސްވެރި ގައުމެކެވެ. ޓޫރިޒަމް ތައާރަފު ވުމާއެކު މިދިޔަ ފަންސާސް އަހަރު ތެރޭގައި ރާއްޖެއިން ހޯދާފައި ވަނީ "ގަބޫލު ކުރަން ވެސް ދަތި" ކުރިއެރުމެއް ކަމަށް، ކޯބިން ވިދާޅުވި އެވެ.
ރާއްޖެއިން ފެނުނު އަޖައިބު ކުރުވަނިވި، ރީތިކާމާއި ދިވެހިންވަންތަކަމަކީ ދޫކޮށް ނުލޭވޭނެ ކަމެއް ކަމަށް ކޯބިން އަށް ގަބޫލު ކުރެވުނެވެ. އެހެން ކަމުން ކޯބިން ބޭނުންފުޅުވީ އަލަށް ފެނުނު "ސުވަރުގޭގެ" ވާހަކަ ފީނުމަށް ލޯބިކުރާ އެހެން މީހުންނަށް ވެސް އަންގައިދިނުމަށެވެ.
"ދެން ނަސީމާ އެކު ފުރަތަމަ ޓުއާ ގްރޫޕް ގެންނަށް ވާހަކަ ދެކެވި، [ލަންކާ މަގުން] އެ ގްރޫޕު ގެނައުމުގެ ހުރިހާ ކަމެެއް ހަމަޖެހިގެން ދިޔައީ ވަރަށް ރަނގަޅަށް،" ކޯބިން ވިދާޅުވި އެވެ.
ފެބްރުއަރީ 16، 1972 ވަނަ ދުވަހު އިޓަލީ ވިލާތުގެ ގްރޫޕެއް ފުރަތަމަ ޓޫރިސްޓުންގެ ގޮތުގައި ކޯބިން ރާއްޖެ ގެންނެވި އެވެ. އެ ގްރޫޕުގައި ގިނައިން ހިމެނުނީ ނޫސްވެެރިންނެވެ. އެ މީހުން ބޭތިއްބީ މާލޭގަ އެވެ. ހ. މާގިރި އާއި ހ. ލަކްސްވުޑް އަދި މ. ކަނީރުވިލާގަ އެވެ. ދުވާލު ވަގުތު ހޭދަކުރަނީ ޑައިވްކުރުމުގަ އެވެ. މަސް މެރުމުގަ އެވެ. އަވީ ލެވުމުގަ އެވެ.

ރާއްޖެ އަށް 1972 ވަނަ އަހަރު އައި އިޓަލީގެ ޓްއަ ގްރޫޕް: މި ގްރޫޕުގައި ގިނައީ ނޫސްވެރިން
ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ރާއްޖެ ދުނިޔެ އަށް ހުޅުވާލަ ދެއްވި ބޭފުޅަކީ ކޯބިން އެވެ. އޭނާ ގެންނެވި ނޫސްވެރިންނެވެ. އެނބުރި ގައުމަށް ގޮސް، "އާ ސުވާރުގެ އެއް ފެނިއްޖެ" ކަމަށް ނޫސް ތަކުގައި ޖެހި އެވެ. ރާއްޖެ އާ ބެހޭ ފޮތެއް އިޓަލީ ބަހުންނާއި އިނގިރޭސި ބަހުން ކޯބިން ބައިވެރިވެގެން، 1973 ވަނަ އަހަރު ނެރުނެވެ. ބެލެވޭ ގޮތުގައި އެއީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގޮތުން ނެރުނު ފުރަތަމަ ފޮތެވެ.
ވިހަމަނާފުށީގައި (ކުރުނބާ) ރިސޯޓު ހެދުމުގެ ހިޔާލު ދެއްވާ، ރިސޯޓް ހުންނަންވީ ގޮތް ކިޔާ ދެއްވީ ވެސް ކޯބިން އެވެ. ނަސީމު ވިދާޅުވީ ހަގީގަތުގައި ވިޔަފާރި ކުރުމުގެ ވިސްނުމެއް ކޯބިން ގެ ނެތް ކަމަށެވެ. ކޯބިންގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ހެދި ރިސޯޓުގެ ހިއްސާ ފަހުން އޭނާ ދޫކޮށްލެއްވި އެވެ. ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓުން ގެނައީ ނަސީމު އާއި އެމްޔޫ މަނިކު ގެ ނަމަށް ނިސްބަތްވާ ގޮތަށް އުފެއްދި "އެމް.ޔޫ.އެމް.އޭ.އެން" (މިއުމަން) އެޖެންސީންނެވެ.
"ކޯބިން އަކީ އެޑްވެންޗަރާ އެއް، ވިޔަފާރި ކުރުމުގެ ވިސްނުމެއް އޭނާގެ ނެތް، [ރިސޯޓް ހެދުމަކީ] އެކަނި ކުރޭވަރަށްވުރެ ބޮޑު ކަމެއް ވީމަ، މުހައްމަދު އުމަރު މަނިކަށް ދެންނެވީ، އެންމެ ފުރަތަމަ މަޝްވަރާތައް ކުރެވުނީ އަޅުގަނޑުމެން ގޭ އުނދޯލީ ގަ،" ނަސީމު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބަންދުކޮށް ފޮނުވާލީމަ، ދައްތަ ސަލީމާ މުހައްމަދު މަނިކާ އެކު، ކުރުނބާ ހެދުމުގެ މަސައްކަތް ކުރެއްވީ."
ނަސީމު ވިދާޅުވި ގޮތުގައި އޭރުގެ ރައީސް އިބްރާހިމް ނާސިރު، އެ ވިޔަފާރީގައި ބައިވެރިވާން ބޭނުންފުޅުވެގެން އެދިވަޑައިގަތެވެ. ނަސީމު ގަބޫލު ކުރައްވާ ގޮތުގައި އޭނާ އޮސްޓްރޭލިޔާ އަށް ފޮނުވާލާ، ޗަމްޕާ ހުސެއިން އަފީފު، ހއ. ތުރާކުނަށް ފޮނުވާލައި އެމްޔޫ މަނިކު ގޭގައި ބަންދު ކުރެއްވީ ނާސިރު އަށް ވިޔަފާރީގަ ބައިވެރިވުމަށް ފުރުސަތު ނުދެއްވުމުންނެވެ.
ރާއްޖޭގެ ތާރީހުގައި އިގްތިސާދީ ގޮތުން އައި އެންމެ ބޮޑު ކުރިއެރުމަކަށް ވާނީ ޓޫރިޒަމް ފެށިގެން ދިއުމެކެވެ. މިދިޔަ 50 އަހަރު ރާއްޖެއިން ޓޫރިޒަމްގައި ހޯދި ކާމިޔާބީ ގަބޫލު ކުރަން ކޯބިން އަށް ދަތިވަނީ، އެޑްވެންޗާ އަކަށް ކުރެވި ދަތުރުން މަސްވެރި ފަގީރު ގައުމެއްގެ އިގްތިސާދު މިހާ ބޮޑަށް ކުރިއަރާ ހިނގައިދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ އެވެ.












