ރިޕޯޓުކުޅުދުއްފުށި ވިޔަފާރި ބަނދަރު: އުތުރުގެ ތިން އަތޮޅުގެ އުންމީދާ ގުޅިފައި

ކުޅުދުއްފުށި ވިޔަފާރި ބަނދަރު: އުތުރުގެ ތިން އަތޮޅުގެ އުންމީދާ ގުޅިފައި

ކުޅުދުއްފުށީ ބަނދަރުގެ އެކަށީގެންވާ ބޭނުމެއް ނުހިފި އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ބަނދަރު ހެދިއިރު ކޮންޓޭނާ އުފުލާ ބޮޑެތި ބޯޓު ފަހަރަށް ބަނދަރާ ގާތް ކުރެވޭ ގޮތަށް ހަދާފައި ނެތުން. ތަޖުރިބާކާރުން ބުނަނީ ކުޅުދުއްފުށީ ބަނދަރަށް ބޯޓު އޮޕަރޭޓްކޮށްގެންވާނީ ގެއްލުން ކަމަށް.

ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރު: މިހާތަނަށް މި ބަނދަރުން މާ ބޮޑު ބޭނުމެއް ނުހިފި އޮންނަނީ ގާތްގަނޑަކަށް ހުހަށް -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރު: މިހާތަނަށް މި ބަނދަރުން މާ ބޮޑު ބޭނުމެއް ނުހިފި އޮންނަނީ ގާތްގަނޑަކަށް ހުހަށް -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މާލެ ނަގާފައި ވިޔަފާރި އެންމެ ފުޅާކޮށް ހިނގާ އެއް ރަށަކީ ހދ. ކުޅުދުއްފުއްޓެވެ. އުތުރުގެ ތިން އަތޮޅުގައި ދިރިއުޅޭ 60،000 އަށްވުރެ ބޮޑު އާބާދީ ބަރޯސާ ވަނީ އެ ރަށަށެވެ. މީގެ 16 އަހަރު ކުރިން ކުޅުދުއްފުށީގަ ހުޅުވި ސަރަހައްދީ ވިޔަފާރި ބަނދަރަކީ، އެ ސަރަހައްދުގެ ގިނަ ބައެއްގެ އުންމީދު ތަކާއި ގުޅިފައިވާ, މިއަދާ ހަމައަށް ވެސް ނަމެއްގައި އޮތް ބަނދަރެކެވެ.

ކުޅުދުއްފުށީ ބަނދަރުގެ އެކަށީގެންވާ ބޭނުމެއް ނުހިފި އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ބަނދަރު ހެދިއިރު ކޮންޓޭނާ އުފުލާ ބޮޑެތި ބޯޓު ފަހަރަށް ބަނދަރާ ގާތް ކުރެވޭ ގޮތަށް ހަދާފައި ނެތުމެވެ. ދުއިސައްތަ މީޓަރުގެ ބާތެެއް ހަދާފައިވާ ކުޅުދުއްފުށީ ބަނދަރަށް ގާތް ކުރެވެނީ 1,000 ޓަނަށްވުރެ ކުދި ބޯޓު ފަހަރެވެ. ކޮންޓެއިނާ އުފުލާ ބޯޓެއް ނަމަ، މުދާ ބާލަން ޖެހެނީ ބޯޓު ބޭރުގައި ބާއްވައިގެން މުދާ އުފުލާ ބަނޑަކަށް ނުވަތަ ދޯންޏަކަށް ބަރުކޮށްގެންވެ. އެއީ ރަންކާތެރި ކަމަށް ބަލާއިރު އާއި ހޭދަވާ ވަގުތަށް ބަލާއިރު ސިޕިން ލައިން ތަކުން ހިތްހަމަ ޖެހޭ ކަމަކަށް ނުވެ އެވެ.

ބާލާ މުދަލުގެ ޑިޔުޓީން 30 ޕަސެންޓް މާފުކޮށްދިން ނަމަވެސް، ކުޅުދުއްފުށީ ބަނދަރުން އެކަށީގެންވާ ހިދުމަތެއް ނުދެވުމުން އެ ބަނދަރު ވެފައިވަނީ މަގުސަދު ހާސިލު ނުވާ ހަރަދު ހިނގާ ތަނަކަށެވެ. ވިޔަފާރި ކުރާ ފަރާތްތަކުން ބަނދަރުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ބޭނުން ހާސިލު ނުވެ އޮތީ ވެސް އެކަށީގެންވާ ގޮތަކަށް މުދާ ނުބޭލޭތީ އެވެ.

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް މިދިޔަ އަހަރު ބޭލި މުދާ

  • ހިދުމަތް ދިން ބޯޓު ފަހަރުގެ އަދަދު: 193
  • އެތެރެކުރި ކޮންޓޭނާގެ އަދަދު: 454
  • ބޭރުކުރި ކޮންޓޭނާގެ އަދަދު: 138
  • އެތެރެކުރި މުދަލުގެ އަދަދު (ޕްރައިޓް ޓަނުން): 6،160
  • ބޭރުކުރި މުދަލުގެ އަދަދު (ފްރައިޓް ޓަނުން): 102.6
  • ބަނދަރުގައި އުޅަނދެއް ހޭދަ ކުރި އެވަރެޖް މުއްދަތު: އެއް ދުވަސް

ބޮޑެތި އާގު ބޯޓު ފަހަރު ގާތްކޮށްގެން، ކޮންޓޭނާ މުދާ ކުޅުދުއްފުއްޓަށް ބޭލޭނެ ގޮތެއް ހަމަޖެހިގެން ދިޔުމުން އުތުރުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. އެކަން ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ މަހު ފަހުކޮޅު ވަނީ އެމްޓީސީސީ އާ ހަވާލުކޮށްފަ އެވެ.

ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގެ ތަފްސީލު

  • ޕްރޮޖެކްޓުގެ އަގު: 138.9 މިލިއަން ރުފިޔާ
  • ޕްރޮޖެކްޓުގެ މުއްދަތު: 495 ދުވަސް
  • ބޮޑެތި ބޯޓު ފަހަރަށް ގާތްކޮށް މުދާ ބޭލޭނެ ވަރުގެ 50 މީޓަރު ފުޅާ 150 މީޓަރު ދިގު މަގަތު ފާލަމެއް ހެދުން
  • ފަޅު ފުންކުރުމާއި ބިން ހިއްކުން
  • އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުން
  • ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުން
ކުޅުދުއްފުށި
ކުޅުދުއްފުށި

ކުޅުދުއްފުށި ވިޔަފާރި ބަނދަރު ތަރައްގީ ކުރާ ގޮތުގެ ޕެލޭން-- ފޮޓޯ/ ކޭޕީއެލް

ކުޅުދުއްފުށި ޕޯޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޕީއެލް ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ބަނދަރު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު ނިމުމުން، ބަނދަރަށް މުދާ ބޭލުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.

މި ބަދަލުގެ ސަބަބުން ކުޅުދުއްފުށި ބަނދަރުގައި މިހާރު ހުރި މުދާ ބޭލުމުގެ ދަތިތައް ފިލައިގެންދާނެ، އެއާއެކު ވިޔަފާރިވެެރިންނަށް ވަރަށް ބޮޑުތައް ފަސޭހަވެ، އެ ބަނދަރަށް އެތެރެކުރާ މުދާ އިތުރުވެގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ. "ބަނދަރުން ބިން ނަގާފައިވާ ފަރާތްތަކަށް ބިމުގެ ބޭނުން އޭރުން އެކަށީގެންވާ ގޮތެއްގައި ހިފޭނެ."

ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ވިޔާފާރި ކުރާ މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވި ގޮތުގައި ބަނދަރު ތަރައްގީ ކުރުމުގެ ހެޔޮ ބަދަލު ފެންނާނީ ސިޕިން ލައިންތަކުން އެ ފުރުސަތުގެ ބޭނުން ހިފައިގެންނެވެ.

"ބަނދަރު ތަރައްގީ ކުރުމަކީ ކުރަން ޖެހޭ ކަމެއް، އެކަމަކު އެކަމުން އެކަނި ކުރިއެރުމެއް ނާންނާނެ، ކުރިއެރުން ފެންނާނީ ޝިޕިން ލައިންތަކުން ކޮލަމްބޯ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރު ކޮށްދީގެން، އެކަން ކޮންދީގެން މުދާ ގެނެވޭނީ،" ޒުހެއިރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ވިޔަފާރި ބަނދަރަށް ދޯންޏަކުން މުދާ ބާލަނީ:
ކުޅުދުއްފުށީ ވިޔަފާރި ބަނދަރަށް ދޯންޏަކުން މުދާ ބާލަނީ:

ކުޅުދުއްފުށީ ވިޔަފާރި ބަނދަރަށް ދޯންޏަކުން މުދާ ބާލަނީ: ބޮޑެރި ބޯޓު ފަހަރަށް ބަނދަރަށް ކައިރިއެއް ނުކުރެވޭ-- ފޮޓޯ/ ކޭޕީއެލް

އޭނާ ވިދާޅުވި ގޮތުގައި ބަނދަރަށް ބާލާ މުދާ ކަސްޓަމްސް އިން ކުލިއާ ކުރުމަށްފަހު، ބަނދަރުން ނެރެގެން ނުގެންގޮސް ދޯނި ފަހަރަށް އެރުވޭނެ ގޮތެއް ހަމަޖައްސައި ދިނުމަކީ ބަނދަރު ތަރައްގީ ކުރާއިރު ވިސްނަން ޖެހޭ ކަމެކެވެ.

"ވިސްނަން ޖެހޭނީ ހަމައެކަނި ކުޅުދުއްފުއްޓަކަށް ނޫން، އެހެން ރަށްރަށް ގެންދާ މުދާ ބަނދަރުން ނުނެރެ ދޯންޏަށް އެރުވޭނެ ލޯކަލް ބައެއް ބަނދަރުގައި އެބަ އޮންނަން ޖެހޭ،" ޒުހެއިރު ވިދާޅުވީ އެއީ ވިޔަފާރިވެރިން ކުރަން ޖެހޭ ހޭދަ ކުޑަވެ ވަގުތު ވެސް ސަލާމަތް ކޮށްދިނުމަށް މުހިންމު ކަމެއް ކަމަށެެވެ.

ކޮންޓޭނާ ބޯޓު ފަހަރު އޮޕްރޭޓް ކުރާ ލިލީ ޝިފިން އެންޑް ޓްރޭޑިންގެ ވެރިޔާ މައްލާ އަހުމަދު ނާސިރު ދެކެވަޑައިގަންނަވާ ގޮތުގައި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަކީ ޝިޕިން ލައިންތަކުން އޮޕަރޭޓް ކުރަން ބޭނުންވާވަރުގެ ޑިމާންޑެއް އޮތް ބަނދަރެއް ނޫނެވެ.

"ރޯދަ އަށް މުދާ ކޮޅެއް ގެނެސްފާނެ، އެހެން ނޫނީ މާ ގިނަ މުދަލެއް ކުޅުދުއްފުއްޓަކަށް ނާންނާނެ، ބޯޓު އޮޕްރޭޓް ކުރާ ވަރުގެ ޑިމާންޑެއް އެތަނަކު ނޯންނާނެ،" ނާސިރު ވިދާޅުވި ގޮތުގައި ސީދާ ކުޅުދުއްފުއްޓަށް މުދާ އުފުލާ ނަމަ އެ ވާނީ ބޯޓު އޮޕްރޭޓްކުރާ ފަރާތްތަކަށް އިތުރަށް ހިނގާ ހަރަދަކަށެވެ.

"ޑިއުޓީގެ އިނާޔަތް ދިނަސް، އެހާ ކުޑަ މުދާ ކޮޅެއް ހިފައިގެން ބޯޓެއް ނުދާނެ، އެއީ އިތުރު ހަރަދަކަށް ވާނީ، އެއަށްވުރެ ހަރަދު ކުޑަވާނެ މާލެ ބަނދަރަށް ބާލާފައި ދޯންޏަކަށް އަރުވައިގެން ކޮންޓޭނާ ގެންދިއުން."

ނާސިރު ވިދާޅުވި ގޮތުގައި މާލޭގެ ވިޔަފާރި ބަނދަރަށް އެތެރެކުރާ މުދަލުގެ ތެރޭގައި އާންމު ބޭނުންތަކަށް އެތެރެކުރާ މުދަލުގެ އިތުރުން، މާލެ ކައިރި ރިސޯޓް ތަކަށާއި ތަފާތު ޕްރޮޖެކްޓު ތަކަށް އެތެެރެކުރާ މުދާ ގިނަ އަދަދަކަށް ހިމެނެ އެވެ.

ކުޅުދުއްފުއްޓާއި މާލެ އާ ދެމެދު ދަތުރުކުރާ ދޯނި ފަހަރުން މަހެއްގެ މައްޗަށް ފަނަރަ ވަރަކަށް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ ކުޅުދުއްފުއްޓަށް އުފުލާނެ ކަމަށް ބައެއް ފަރާތަތަކުން ލާފަ ކުރެ އެވެ.

ކުޅުދުއްފުށީގެ އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި އެ ރަށުގައި މާލޭގެ ބޮޑެތި ވިޔަފާރި ތަކުން އިންވެސްޓް ކުރަމުން ދިއުމަކީ، ވިޔަފާރި ބަނދަރަށް ޑިމާންޑް އޮތްކަން ދައްކައިދޭ ކަމެކެވެ.

"މި ރަށަށް އެންމެ ގިނައިން އެތެރެ ކުރަނީ ވެހިކަލް، އެއީ ޑިއުޓީން ބޮޑު އެއްޗެއް މާފުވާތީ، ބަނދަރު ތަރައްގީ ކުރީމަ، އެ ޑިމާންޑް ވެސް ވަރަށް ބޮޑުތައް އިތުރު ވާނެ، މާލެ އަށްވުރެ ބިމުކުލި ކުޑަަވީމަ، ކުޅުދުއްފުއްޓަށް މުދާ އެތެރެކޮށް ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތައް ތިބޭނެ،" އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަކީ މުހިންމު ކަމެކެވެ. އެއާއެކު އުތުރުގެ އިގްތިސާދު ވަރުގަދަކޮށް ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރަން ޖެހެ އެވެ. އުތުރުގަ ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތައް އިތުރުކޮށް، ސިދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރުމުގެ ޑިމާންޑެއް އުފައްދަން ޖެހެ އެވެ.

އަހުމަދު ސައީދު

އެސޯސިއޭޓް އެޑިޓަރ

އަހުމަދު ސައީދަކީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ ހަބަރުތައް ކަވަރުކުރުމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ "ހަވީރު" ނޫހުގައި 13 އަހަރު މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox