މެންޗެސްޓާ (ފެބްރުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން ހޯލްޑް އެންޑް އަލްބިއަން އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދައިފި އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއް ޖެހިއިރު، މިއީ އެންމެ ފަހުން ހަތް މެޗުގައި ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ. މިއީ 2009 ވަަނަ އަހަރަށް ފަހު ރޮނާލްޑޯ އަށް ލަނޑެއް ނުޖެހި ހޭދަވި އެންމެ ދިގު މުއްދަތެވެ.
ޔުނައިޓެޑުން ވަނީ ރޭ ބްރައިޓަން ބަލިކޮށް ގަދަ ހަތަރަކުން ފުރުސަތު ހޯދައިފަ އެވެ. އެއީ 25 މެޗު ކުޅެގެން 43 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް މިހާރު ފަސް ވަނައިގައި އޮތީ 25 މެޗުން 41 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތީ 22 މެޗުން 39 ޕޮއިންޓާ އެކު އާސެނަލް އެވެ. މެޗު ހަމަކުރާއިރު، ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު އާސެނަލަށް އެބައޮތެވެ.
އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑާއި ބްރައިޓަން އިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ލީޑުނަގަން ކުރި މަސައްކަތުގައި ބްރައިޓަންގެ ޔަކޫބް މޯޑާ ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ޔުނައިޓެޑުން ލީޑުނެގީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ރޮނާލްޑޯ ވައްދާލި ގޯލުންނެވެ. މިއީ ސްކޮޓް މެކްޓޮމިނޭއި ދިން ބޯޅައަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި ނުވަ ވަަަނަ ގޯލެވެ. މި އަހަރު ފެށި ފަހުން ޖެހުނު ފުރަަތަމަ ގޯލާ އެކު ރޮނާލްޑޯ އަށް ހަމަނޭވައެއް ލެވޭނެ އެވެ.
ޔުނައިޓެޑުން ލީޑުނެގިތާ ތިން މިނިޓް ތެރޭ ބްރައިޓަންގެ ޑިފެންޑަރު ލެވިސް ޑަންކަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ޔުނައިޓެޑްގެ އެންތަނީ އެލަންގާ އަށް ޑަންކް ކުރި ފައުލަކަށް ރަތް ކާޑު ދައްކަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ބްރައިޓަންގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޔުނައިޓެޑަށް ދެ ވަނަ ގޯލެއް ޖެހޭވަރުވީ މެޗުގެ އިތުުރުވަގުތުގަ އެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުގެ ވެސް ހަތް ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލު ޖެހި ބްރޫނޯ ފެނާންޑޭސް އެވެ. މި ގޯލު ޖެހުމުގެ ކުރިން ފެނާންޑޭސަށް ގޯލު ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ޔުނައިޓެޑަށް ލީޑުނަގާފައި އެ ނަތީޖާގައި ނުހިފެހެއްޓުނެވެ. އެކަމަކު، މި މެޗުގައި ލަނޑު ޖަހާފައި ޑިފެންސްކުރުމުގައި ޔުނައިޓެޑުން ކުރިއެރުންތަކެއް ހޯދާފައިވާތީ ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ވަނީ އެކަން ފާހަގަކޮށްފަ އެވެ.












