ތިމާވެއްޓަށް ބޮޑު ގެއްލުމެއްވާނެތީ, ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިން ހިއްކުމުގެ މަޝްރޫއު، އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އިތުރު ޖަމިއްޔާތަކަކުން ގޮވާލައިފި އެވެ.
އޭޑީޕީއަކީ އައްޑޫގެ އިގްތިސާދު ކުރިއަރުވާ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމެންޓްތައް އައްޑޫއަށް ގެނައުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއުއެކެވެ.
އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާނެ އެވެ. އަދި އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިމުގެ އޭރިޔާއެއް އުފެއްދޭނެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 'ވަން-އޮފް' މަޝްރޫއުއެއް ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ގައި ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކަމާ ދެކޮޅަށް ޖުމްލަ ހަ ޖަމިއްޔާއަކުން ނެރުނު އެ ބަޔާނުގައި ބައިވެރިވެފައި ވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސް، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް، މޯލްޑިވްސް ރިސިލިއަންޓް ރީފްސް، ލޭންޑް ސީ މޯލްޑިވްސް، އިކޯކެއާ މޯލްޑިވްސް އެވެ.

ޖަމިއްޔާތަކުން ބުނީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކަމުން ލިބެމުންދާ ގެއްލުންތަކުން އެންމެ ނޭދެވޭ އަސަރު ޖެހިފައިވާ އެއް ގައުމަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރާއްޖެ ކަމަށެވެ.
އެގޮތުން އެންމެ ފަހުން އާންމުކޮށްފައިވާ ދުނިޔޭގެ ސައިންޓިސްޓުން އިއްތިފާގުވާ އައިޕީސީސީގެ ރިޕޯޓުގައިވެސް ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުން ދިވެހިރާއްޖެ ފަދަ ބިން ތިރި ގައުމުތަކަށް ބޮޑެތި ގެއްލުން ލިބޭނެކަން ވަނީ ފާހަގަކޮށްފައިވާ ކަމަށްވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.
"ނަމަވެސް ރާއްޖޭގައި ހިންގަމުންދާ ގިނަ މަޝްރޫއުތައް ހިންގަމުން ދަނީ ތިމާވެއްޓަށާއި އެ ތަންތަނުގެ ދިރުންތަކަށާއި އަދި އެތަންތަނުގެ ބޭނުން ހިފަމުން އަންނަ ފަރާތްތަކަށް ނުހަނު ބޮޑެތި ގެއްލުންވާގޮތަށް،" ޓްރާންސްޕޭރެންސީން ބުންޏެވެ.
އައްޑޫ ސިޓީ ތަރައްގީކުރުމަށް ސަރުކާރުން އެކުލަވާލައިފައިވާ "އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން އައްޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށް އަލަށް ފަސް ރިސޯޓެއް ތަރައްގީކުރުމަށް 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ އީއައިއޭ ރިޕޯޓެއް ވަނީ އީޕީއޭއަށް ހުށައަޅާފަ އެވެ.
އެ މަޝްރޫއު ހިންގައިފިނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށް އަގު ނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ އިރު، މިއީ އެ ޖަމިއްޔާތަކުން ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 6.9 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވެ އެވެ. އެއީ ގާތްގަނޑަކަށް 465 ފުޓްބޯޅަ ދަނޑުގެ ތެރެއަށް ދެ މީޓަރު އުސްމިނަށް އަޅާނެހާ ވެއްޔެވެ. އަދި މިކަމަށް ބޭނުންވާ ވެލި ނަގާނީ އައްޑޫގެ އެތެރެވަރިން ދެ ސަރަހައްދަކުންނެވެ.
އެހާ ގިނަ އަދަދެއްގެ ވެލި ނެގުމަކީ އައްޑު އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދެއް މުޅިން ކިލަނބުވެ، ކަނޑާއި ކަނޑުގައިވާ މުރަކަ ފަރުތަކާއި މަސްމަހާމެހީގެ ވެށިތައް ހަލާކުވެ މަރުވެގެންދާނެ ކަމަށް އެ ޖަމިއްޔާތަކުން ކުރި ދިރާސާއަކުން އެނގިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
"މިމަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދު ވިނައިގެ މައްޗަށް ކިސަޑު އެޅިގެން ދާނެ. މޫދުވިނައިގެ ސަބަބުން ވަށައިގެންވާ މާހައުލަށް އަހަރެއްގެ މައްޗަށް 6.4 މިލިއަން ޑޮލަރުގެ ފައިދާ ލިބޭނެ ކަމަށް ބެލެވޭ އިރު ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބަލައިފިނަމަ 21 ހެކްޓަރުގެ މުރަކަ އަގުކުރުމުން 343-858 މިލިއަން ޑޮލަރަށް އަރާ،" ޖަމިއްޔާތަކުން ބުންޏެވެ.
މިފަދަ ބޮޑު ގެއްލުމެއް އައްޑުއަތޮޅަށް ދޭނޭފަދަ މަޝްރޫއެއް ދައުލަތުން ހިންގުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ގާނޫނު އަސާސީގައިވާ ދެމެހެއްޓެނިވި ތަރައްގީގެ މިންގަނޑުތަކުން ބޭރުވެ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކާ ހިލާފުކަމެއްކަން ސަރުކާރަށް ވަނީ ހަންދާންކޮށްދީފަ އެވެ.
އަދި އައްޑޫއަކީ ބައޮސްފިއާ ރިސާވްގެ ލަގަބު ދީފައިވާ އަތޮޅަކަށްވެފައި އެ މަޝްރޫއަށް ވެލި ނަގާ ސަރަހައްދުތަކާއި ކައިރީގައި ހުރި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް، ކުޑަކަނޑު ފަދަ ސަރަހައްދުތަކަށްވެސް އެތައް ގެއްލުން ކުރިމަތިވާނެކަމަށް ހެދި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
"އެހެންކަމުން ވެލި ނަގާ އެ ސަރަހައްދުގައި އުފެދޭ ކިލަނބުގަނޑު ނުފިލާ ގިނަ ދުވަސްވުމަކީ މަންޓާ ޕޮއިންޓުން މަންޓާ މަދުވެ، ކުޑަ ކަނޑު ސަރަހައްދުން ފެންނަ ކޯމަހާއި ވެލާ، މަޑި އަދި އެހެނިހެން މަހުގެ ބާވަތްތަކަށާއި ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަމެއް،" ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އައްޑޫ އަތޮޅުގެ އެތެރެވަރީގެ ދިރިއޮތް މާހައުލީ ނިޒާމުތަކަކީ އެ އަތޮޅުގެ ޓޫރިޒަމްއާ ވަރަށް ބޮޑަށް ގުޅިފައިވާ ކޮންމެހެން ބޭނުންވާނެ ތަނެއް ކަމަށެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން ބޭނުންކުރި މަނަވަރެއް ފައްތާފައިވާ ބްރިޓިޝް ލޯޔަލްޓީ ޝިޕްވްރެކް ސަރަހައްދުން ފެންނަ މިޔަރު ފަދަ ދިރުންތައް މަދުވުމަކީ އައްޑޫގެ ޓޫރިޒަމް އިންޑަސްޓްރީއަށް 17- 27.4 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ފަސް ރިސޯޓެއް ހިއްކާ ސަރަހައްދުގައި ހެދުމަށް ނިންމާފައިވާއިރު މިހާރު ވެސް އައްޑޫގައި އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓް ކުރަމުން ނުދާ އެތަށް ރިސޯޓުތަކެއް ހުރި އިރު އެ ސަރަހައްދު ފަނާވެގެން ދިއުމަކީ އެތަންތަނަށް ބަރޯސާވާ ރައްޔިތުންނަށް އެތައް ގެއްލުމެއްލިބޭނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
"މިފަދަ ހާލަތެއްގައި އާ ރިސޯޓުތައް މި އަތޮޅުގައި ހެދުމަކީ ރައްޔިތުންނަށް އޭގެއިން އިތުރު މަންފާއެއް ކަމެއްކަމަށް ޖަމްއިއްޔާތަކުން ނުދެކެން. އެހެންކަމުން މިފަދަ ތަންތަން ނައްތާލާއި ކުރިއެރުވޭނީ ކޮން ކަހަލަ ޓޫރިޒަމްއެއްތޯ އާއި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދިކަން ނައްތާލާފައި ރައްޔިތުންނަށް ލިބޭ ނަފާއަކީ ކޮބައިތޯ ސުވާލު އުފެދޭ،" ބަޔާނުގައިވެ އެވެ.
މީގެ ކުރިން ހިންގުނު ބިންހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރުތައް އައްޑޫއިން ފެނިފައިވާ ކަމަށައި އެގޮތުން ފޭދޫ ހިއްކުމުގެ ފަހުން އެ ސަރަހައްދުގެ އެތެރެވަރި ކިލަނބުވެ މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއްކޮށްފައިވާ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
"އޭރު އެންވެރިކަން ދަށްވެ މަސްވެރިން އެންވެރިކަމަށް ދަތުރުކޮށްފައިވަނީ ހުވަދޫ އަތޮޅަށެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ އެންވެރިކަމަށް އަސަރުކޮށް އަތޮޅުގެ މަސްވެރިކަމަށް އިޔާދަނުކުރެވޭ ގެއްލުންވުމަކީ ޖަމްއިއްޔާތަކުން ނުހަނު ކަންބޮޑުވާކަމެކެވެ." ބަޔާނުގައިވެ އެވެ.
އެ ކަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި މިފަދަ އެހެން ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ ކަމަކަށް ވާތީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން އެ ޖަމިއްޔާތާކުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސަރުކާރުން އެކި ބައިނަލްއަގްވާމީ މުއާހަދާތައް ބަލައިގަނެފައިވާ ހިނދު އަދި ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތު ކުރާ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތުގައި ތިމާވެށްޓާ އެއްކީލިވާގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވެސް ގޮވާލާފަ އެވެ.
އައްޑޫގެ މަގުތައް ތަރައްގީކޮށް ބިން ހިއްކުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.













