އުރީދޫ ކަސްޓަމަރުންގެ އިންޓަނެޓް ހިދުމަތަށް ބުރޫތަކެއް ދިމާވެދާނެ ކަަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ ކަސްޓަމަރުންނަށް އިންޓަނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވީ އުރީދޫއަށް އިންޓަނެޓް ފޯރުކޮށްދޭ ބައިނަލްއަގްވާމީ ކުންފުނީގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.
އެ ކުންފުނިން ބުނީ މިއަދު އެކި ގަޑިތަކުގައި އިންޓަނެޓް ކެނޑުން އެކަށީގެންވާ ކަމަށެވެ. އަދި އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމަށް އުރީދޫގެ އިންޖިއަރުން ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"މިކަމާ ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" އުރީދޫއިން ބުނެފައިވެ އެވެ.
އުރީދޫއަކީ ދިވެހިރާއްޖޭގައި ޓެލެކޮމްގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. ދިވެހިރާއްޖޭގައި އުރީދޫގެ 368،000 އަށްވުރެ ގިނަ ކަސްޓަމަރުން އުޅެ އެވެ.











