އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 3-2 އިން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ސަސް އިން ފުރަތަމަ ފަހަރަށް ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފަހަރު މި ވަނީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އަންނަ އާދިއްތަ ދުވަހު ފ، ނިލަންދޫ ޓާފް ދަނޑުގައި ކުޅޭ ފައިނަލުގައި ސަސް ކުޅޭނީ ކްލަބް އީގަލްސްއާ އެވެ. އީގަލްސް ފައިނަލުން ފުުރުސަތު ހޯދީ ޓީސީ ސްޕޯޓްސް ކްލަބް ސެމީގައި ބަލިކުރުމަށް ފަހު އެވެ.
މިރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފުގައި ޔުނައިޓެޑް ވިކްޓްރީން އެޓޭކަށް ޖެހިގެން ސަސްގެ ފަހަތަށް ބާރު ބޮޑުކުރި އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކުރިއަށް ކުޅޭ އަބްދުލް ރަހުމާން ތިބްޔާން އަލީ ސައީދު އާއި ޒައިޝާން އަޝްރަފަށް ލިބޭ ބޯޅަތަކުގައި ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ހުރީ ހުށިޔާރުވެގެންނެވެ. ޒައިޝާން އާއި ތިބްޔާން އަށް ފުރަތަމަ ހާފުގައި ލިބުނު ބޯޅަތައް ހުއްޓުވުމުގައި ސަސްގެ ޑިފެންޑަރުން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސަސް އިން އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުންތަކާއި ކޯނަރުތަކުގައި ޔުނައިޓެޑް ވިކްޓްރީގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން ސަސްގެ އެޓޭކްގެ އެންމެ އިސް ރޯލެއް ކުޅޭ ވިޝާހު އަބްދުލް މަޖީދަށް ފުރަތަމަ ހާފުގައި ޔުނައިޓެޑް ވިކްޓްރީގެ ގޯލުގައި ހުރި އަލީ ޝައިބާން ރަނގަޅަށް ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ.
ދެ ވަނަ ހާފްގައި ޔުނައިޓެޑް ވިކްޓްރީގެ ފުރަތަމަ ފުރުސަތު ލިބުނީ މެޗުގެ 62 ވަނަ މިނިޓްގައި ޒައިޝާން އަށެވެ. ޔުނައިޓެޑް ވިކްޓްރީގެ އަލްހިމް ފަލާހު ޝަރީފް ނެގި ހުރަހަކުން ޒައިޝާން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ސަސް އިން އެޓޭކުގައި ލިބޭ ބޯޅަތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފިދިޔަ ސަބަބަކީ ރަނގަޅު ވަގުތު ބޯޅަ ފޮނުވާނުލެވުމެވެ. ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރުން ކައިރިން ސަސްގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ހުސް ޖާގަ ލިބެމުންދިޔަ ނަމަވެސް ރަނގަޅު ވަގުތު ބޯޅަ ފޮނުވާނުލެވި، ފުރުސަތު ގެއްލެނީ އެވެ.
މެޗުގައި ގިނަ އެޓޭކްތަކެއް ކުރި ޔުނައިޓެޑް ވިކްޓްރީން މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭ ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި ސަސްގެ ވިޝާހު ފޮނުވާލި ހިލޭ ޖެހުން ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ޝައިބާން ވަނީ މަތަކޮށްފަ އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީގައި ސަސްގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ޒައިޝާން އެވެ. އެ ބޯޅަ ކީޕަރު މީސަމް ވަނީ ހުއްޓުވައިފަ އެވެ. ސަސްގެ ފުރަތަމަ ޕެނަލްޓީ ސާލިފް ހުސެއިން ޖެހިއިރު، ކީޕަރު ޝައިބާން ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު ޒައިން ސުޖާއު ޖެހި ޕެނަލްޓީ ވެސް ކީޕަރު މީސަމް ވަނީ މަތަކޮށްފަ އެވެ. ސަސްގެ ދެ ވަނަ ޕެނަލްޓީ އިޝް އާފް މުހައްމަދު ފިރާގު ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ތިން ވަނަ ޕެނަލްޓީ ލަމާން ޒުހައިރު ވަނީ ކާމިޔާބު ކޮށްފަ އެވެ. ސަސްގެ ތިން ވަނަ ޕެނަލްޓީ އަހުމަދު އައިހަމް މޫސާ ޖެހިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.
ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަނަ ޕެނަލްޓީ ޒަހުވާން މުހައްމަދު ފޮނުވާލިއިރު، ކީޕަރު މީސަމް މަތަކުރި އެވެ. އެކަމަކު، މީސަމް ކުރިއަށް ޖެހިފައި މަތަކުރުމުން ދެ ވަނަ ފަހަރަށް ޖަހަން ދިނުމުން ޒަހުވާން ވަނީ ގޯލަށް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ސަސްގެ ހަތަރު ވަނަ ޕެނަލްޓީ ވިޝާހު ވަނީ ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ތިބްޔާން އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ޖެހުމުން ކީޕަރު މީސަމް އެ ބޯޅަ ހުއްޓުވައި އެ ޓީމަށް މޮޅުވާން ފުރުސަތު ހޯދައިދިނެވެ. ސަސްގެ ފަސް ވަނަ ޕެނަލްޓީ ޖަހައި އަލީ ޒާލިފް ވަނީ އެ ޓީމު މޮޅުކޮށްދީފަ އެވެ.












