ވައިރަލްވެގެން އުޅޭ ޓްވީޓެކެވެ. އޭގައި މީހަކު ކިޔައިދެނީ އޭނާގެ މަންމަގެ ސާޖަރީއަކަށް ފަހު ލިބުނު ބިލުގައި ހުރި އަދަދުގެ ބޮޑު ކަމުގެ ވާހަކަ އެވެ. އޭނާއަށް ލިބުނު ބިލުގައިވާ ގޮތުން ބިލަށް 631،728.96ރ. އެރިއިރު، އާސަންދައިން ކަނޑައިދިނީ 6،463.16ރ. އެވެ. ބާކީ 625،265.80ރ. ދައްކަން ޖެހޭނީ އޭނާ އެވެ.
މިއީ އާދައިގެ މީހަކަށް ދެއްކޭނެ ވަރުގެ އަދަދަކަށް ނުވާއިރު، ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭޑީކޭއިން ބުނަނީ މި ސާޖަރީގެ އަގު ބޮޑުވަނީ ސާޖަރީ އުނދަގޫވެފައި، ބޭނުންކުރާ ސާމާނުތަކުގެ އަގު ބޮޑު ކަމުންނެވެ.
އެންޑޯވެސްކިއުލާ ނިއުރޯ ސާޖަރީއަކީ ކޮބާ؟
އެންޑޯވެސްކިއުލާ ސާޖަރިއޭ ބުނަނީ މި ސާޖަރީތަކުގެ މައިގަނޑު ހުރިހާ ކަމެއް ނާރުތަކުގެ އެތެރޭގައި ކުރާތީ އެވެ. އެންޑޯވެސްކިޔުލާ ނިއުރޯ ސާޖަރީއަކީ މި ސާޖަރީގެ ގޮތްޕެކެވެ.
އެންޑޯވެސްކިޔުލާ ނިއުރޯ ސާޖަރީއަކީ ސިކުނޑިއަށް ދިމާވާ ބައެއް މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ރޭޑިއޮލޮޖީ (ތަފާތު ވައްތަރުގެ ރޭޑިއޭޝަން) ނޫނީ އެކި ވައްތަރުގެ އެހެނިހެން ވަސީލަތްތަކުގެ އެހީގައި ސިކުނޑިއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާ ކުރުމަށް ޑޮކްޓަރުން ކިޔާ ނަމެކެވެ.
މި ބާވަތުގެ ސާޖަރީއަށް އާންމުކޮށް ބޭނުން ކުރަނީ ކެތީޓާޒް (ކުޑަ ހޮޅިކޮޅެއް ކަހަލަ އެއްޗެއް) އެވެ. ކެތީޓާޒްގެ އެހީގައި ޑޮކްޓަރުންނަށް ސިކުނޑީގެ ލޭނާރުތަކުގެ އެތެރޭގެ ހާލަތު ދެނެގަނެވޭނެ އެވެ. އެއީ ބޮޑު ސާޖަރީއެއް ނުކޮށް ނުވަތަ ބޮލުގެ ނާށިގަނޑުން ބައެއް ކަފާލުމަކާ ނުލާ ކުރާ ކަމެކެވެ.

މި ސާޖަރީ ކުރަނީ މީހާގެ އުކުޅުވަޅާ ދިމާލުން ކުޑަ ތަންކޮޅެއް ކަފާލައިގެންނެވެ. ސިކުނޑިއާ ދިމާލަށް އެ ހޮޅިކޮޅު ގެންދަނީ އެ ދިމާލުން ވަދެގެން ނާރުތަކުގެ ތެރެއިން ލާފައި ގޮހެވެ. މި ދަތުރު ކުރަނީ ނާރުތަކުގެ ތެރެއިން ވަކި މަގަކުން ވަދެގެން ގޮސް ހިތުގެ ތެރެއިން ލާފައި މައި ނާރަކުން މައްޗަށް ގޮސް ކަރުގެ ނާރުތަކުގެ ތެރެއިންނެވެ.
މިއީ ވަރަށް އުނދަގޫ އަދި ކަވި މަސައްކަތެކެވެ. ވަރަށް ރަނގަޅަށް އެނގިގެން ތަމްރީނު ލިބިގެން ނޫނީ ނުކުރެވޭ ކަމެކެވެ. ހޮޅިކޮޅު ގެންދަން ޖެހޭ ސީދާ ރާސްތާ އެނގެން ޖެހެ އެވެ. މި ހުރިހާ ވަގުތެއްގައި ޑޮކްޓަރަށް ދާންވާ ދިމާ ދައްކައިދޭން އެހީތެރިވެނީ ހާއްސަ މި ސާޖަރީތަކުގައި ބޭނުންކުރާ ހާއްސަ އެކްސްރޭ މެޝިނެކެވެ.
މިއީ ފުރާނަ ރައްކާތެރިކުރާށާއި ދިރިހުރުމަށް މުހިންމު ސާޖަރީއެއް
ނިއުރޯ އެންޑޯވެސްކިޔުލާ ސާޖަރީ ހަދަނީ ސިކުނޑީގެ ލޭ ހޮޅިއެއްގައި ގަނޑު ލޭކޮޅެއް ތާށިވެގެން ނޫނީ ސަރުބީ ޖަހައިގެން އެ ހޮޅި ބެދޭ ހާލަތްތަކުގަ އެވެ. މިގޮތަށް ބެދޭ ހާލަތްތަކުގައި ލައްވަނީ ސްޓެންޓެކެވެ. ދެން މި ސާޖަރީ ހަދަނީ ސިކުނޑީގެ ލޭ ހޮޅީގައި އައިބުކޮށް ފުއްޕާފައި ހުންނަ ތަންކޮޅެއް ބޭރަށް "ބެލޫން އައުޓް" ވާ ހާލަތްތަކުގަ އެވެ. މިގޮތަށް ބެލޫން އައުޓްވާ ތަންކޮޅު ބައްދަނީ އެތަންކޮޅަށް ކޮއިލުކޮޅެއް ލައްވައިގެންނެވެ.
މިއީ ގިނަ ފަހަރު އިސްތައްޓެއްގެ ބޯމިން ވެސް ނުހުންނަ ޕްލެޓިނަމުން ހަދާފައި ހުންނަ ކުޑަކުޑަ ކޮއިލުކޮޅެކެވެ. މި ކޮއިލު ކޮޅު އެތެރެއަށް ލެއްވުމުން ފުއްޕާފައި އިންނަ ތަންކޮޅު ފާރުވެ، އެތަންކޮޅަށް ލޭ ވަނުން މަނާކުރެ އެވެ. މިއީ ދާއިމީކޮށް ބައިންދާ އެތިކޮޅެކެވެ.
މިއީ ސްޓްރޯކް ޖެހުމުން ރައްކާތެރިކޮށްދޭން މުހިންމު ޕްރޮސީޖާއެކެވެ. ސަބަބަކީ މިގޮތަށް ނާރު ބަލިވެފައި އިންނަ ތަންކޮޅެއް ފަޅައިގެން ގޮސް ލޭ ބޭރުވުމުގެ ފުރުސަތު އޮންނާތީ އެވެ. މިސާލަކަށް ސިކުނޑީގެ ލޭ ހޮޅިއެއްގައި ފަޅައިގެން ގޮސްފި ހާލަތެއްގައި ލޭ އެޅޭނީ ސީދާ ސިކުނޑިއަށެވެ. މިހެން ވުމުން އިންވެގެން ހުންނަ ސަރަހައްދަށް ވެސް އޭގެ އަސަރުކޮށް ފުރާނަ ނުރައްކަލަށް ވައްޓާލަ އެވެ.
ބޮލުގެ ނާށިގަނޑު ފަޅާލައިގެން ކުރާ ސާޖަރީތަކަށް ވުރެ މި ސާޖަރީތައް ރަނގަޅީ މާ އަވަހަށް މީހާ ފަސޭހަވެ، ތަހައްމަލު ކުރަން ޖެހޭ އުނދަގޫތައް މަދުވާތީ އެވެ. އަދި މިއީ އެހެން ބައްޔެއް ހުންނަ މީހުންނަށް ވެސް ރައްކާތެރި ގޮތެކެވެ. ހަމަ އެހެންމެ އުމުރުން ދުވަސްވީ މީހުންނަށް ވެސް ނާރުގައި ލޭ ގަނޑުވުމުގެ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެންމެ ރައްކާތެރީ މި ސާޖަރީ އެވެ.
އަގު ބޮޑީ އުނދަގުލާއި ބޭނުންކުރާ ޑިވައިސްތަކުގެ ސަބަބުން
ނިއުރޯ އެންޑޯވެސްކިޔުލާ ސާޖަރީއަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އަގު ބޮޑު ސާޖަރީއެކެވެ. ސަބަބަކީ މި ސާޖަރީގައި ބޭނުންކުރާ ސާމާނުތައް އަގު ބޮޑުވުމެވެ. ނާށިގަނޑު ފަޅާލައިގެން ކުރާ ސާޖަރީތަކާ މި ސާޖަރީއާ އަގު ތަފާތުވާ ހަމައެކަނި ކަމަކީ ވެސް މިއީ އެވެ.
މި ސާޖަރީގައި ބޭނުންކުރާ ޑިވައިސްތަކާ ގުޅޭ ގޮތުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް މި ނޫހަށް ވިދާޅުވީ އެ ހޮސްޕިޓަލުން މި ޕްރޮސީޖާގައި ބޭނުންކުރާ މެޝިންތަކާއި ޑިވައިސްތަކަކީ އެންމެ ކޮލިޓީ އެންމެ މޮޅު ޑިވައިސްތައް ކަމަށެވެ. އަދި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހޮސްޕިޓަލުތަކުގައި ވެސް ބޭނުންކުރަނީ މި ޑިވައިސްތައް ކަމަށް ބުންޏެވެ. ނިޔާފް ވިދާޅުވީ މިއީ ސިކުނޑީގައި ދާއިމަށް ބަހައްޓާ އެތިކޮޅެއް ކަމުން ކޮލިޓީ އެއްޗެއް ނޫނީ ބޭނުން ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ކޮމްޕްރޮމައިޒްއެއް ނުކުރެވޭނެ ޕޭޝަންޓެއް. އެހެންވީމަ އެންމެ ކޮލިޓީ ރަނގަޅު ޑިވައިސްތައް ގަނެގެން ބޭނުންކުރަނީ," ނިޔާފް ވިދާޅުވި އެވެ.
މި ސާޖަރީގައި ބޭނުންކުރާ ޑިވައިސްތަކަކީ މަދު ބަޔަކު އުފައްދާ ޕެޓެންޓަޑް ޑިވައިސްތަކެކެވެ. މާނައަކީ އެ މީހުންގެ ހުއްދަ ނެތިގެން ނޫނީ މި ޑިވައިސްތައް އެހެން ބަޔަކަށް ނުވެސް އުފެއްދޭނެ އެވެ. ނިޔާފް ވިދާޅުވި ގޮތުގައި ޕޭޝަންޓުން އުފުލާ މާލީ ބުރަ ކުޑަކޮށްދިނުމުގެ ގޮތުން އޭޑީކޭއިން މި ޑިވައިސްތަކަށް އިތުރު އަގެއް ނުލަ އެވެ. ލިބެން ހުންނަ އަގު ބޮޑު ކަމުން އިތުރަށް އަގެއް ލައިފި ނަމަ މާ އަގު ބޮޑު ވާނެ ކަން އިނގޭތީ އެވެ.
އަނެއް ކަމަކަށް، މި ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އެ ކުންފުނީގެ މީހުން ލައްވާ މެނުވީ މިކަން ކުރަން ފުރުސަތެއް ނުދެ އެވެ. ކިތަންމެ މޮޅު ތަޖުރިބާހުރި ޑޮކްޓަރަކު ހުއްޓަސް، އެ މީހުންގެ ޓީމެއް ނުގެނެސް އެކަން ނުވާ ކަމަށް ނިޔާފް ވިދާޅުވި އެވެ. މިކަމަށް ވެސް އޭޑީކޭއިން އިތުރު ހަރަދެއް ނުލަ އެވެ. ނިޔާފް ވިދާޅުވީ އެ ޑިވައިސްތަކުގެ އަގު ކުޑަކުރަން މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އެންމެ ބޭނުންވާ ނަތީޖާ ނުނެރެވޭ ކަމަށެވެ.
"އަގު ހެޔޮކޮށް ލިބެނީ ބައިވަރު ގަނެގެން. އެކަމަކު އަޅުގަނޑުމެންނަކަށް ނޯވޭ އެހާ ބައިވަރު ބޮޑު އަގު ދީފަ ގަނެގެން އައިސް ސްޓޮކް ކުރަން. އެކަމަކު އަދިވެސް މިދަނީ އެކަން ކުރަން މަސައްކަތް ކުރަމުން," ނިޔާފް ވިދާޅުވި އެވެ.
އާސަންދަ ނުލިބޭ، އެކަމަކު އެންސްޕާއިން އެހީވޭ
މި ސާޖަރީގެ ބިލު ފެނުނު ގިނަ ބަޔަކު ކުރި އެންމެ އާންމު ސުވާލަކީ އާސަންދަ ނުލިބުނު ސަބަބާ މެދު އެވެ. މިހާ އަގު ބޮޑު ސާޖަރީއަކަށް އާސަންދަ ނުލިބޭނަމަ އާންމުންގެ މީހާކު މިކަން ކުރާނެ ގޮތެއް އެ މީހުންނަށް ނުވިސްނޭތީ އެވެ. މިގޮތަށް ނާރަށް ދިމާވާ މައްސަލަތަކުގައި އާސަންދަ ލިބެނީ ނާށިގަނޑު ފަޅާލައިގެން ކުރާ އޮޕަރޭޝަނަށެވެ. އަދި، އާސަންދައެއް ނުލިބެ އެވެ.
އާސަންދަ ނުލިބުނު ނަމަވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހޮސްޕިޓަލު ބިލުތައް ދައްކަން އެހީތެރިވެދެ އެވެ. އެނގިފައިވާ ގޮތުގައި ވައިރަލް ވެގެން އުޅޭ ބިލުގެ 95 ޕަސެންޓު ދެއްކީ އެންސްޕާއިންނެވެ.












