ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ތަރައްގީކުރާ ޗެނަލް ޕާކުގެ ކޯރު މޫދު ކުޅިވަރު ކުޅެން ބޭނުން ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އިލްތިމާސްކޮށްފި އެވެ.
މުނިފޫހިފިލުވާ ތަންތަނާއި އެހެނިހެން ކުޅިވަރުތަކާއި ހަރަކާތްތައް ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ޗެނަލް ޕާކުގެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ. އެކަމަކު އަދިވެސް ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނުނިމޭތީ މޫދު ކުޅިވަރު ކުޅެން މި ސަރަހައްދު ބޭނުން ނުކުރަން ވަނީ އަންގާފަ އެވެ.
އެ އެންގުމާ ހިލާފަށް ޗެނަލް ޕާކު ކޯރުގައި ބައެއް މީހުން މޫދު ކުޅިވަރު ކުޅޭ ކަން ފާހަގަވާތީ އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދަކީ އަދި ރައްކާތެރި ސަރަހައްދެއް ނޫން ކަމަށެވެ.
އެހެންކަމުން ލިބިދާނެ އަނިޔާއަކުން ރައްކާތެރިވާން އާންމުން އެތަނުން ދަތުރު ނުކުރާށާއި މޫދު ކުޅިވަރަށް އެތަން ބޭނުން ނުކުރަން އެ ކޯޕަރޭޝަނުން އިލްތިމާސްކުރި އެވެ.

މި ސަރަހައްދަކީ މުސްތަގުބަލުގައި މޫދު ކުޅިވަރުތަކަށް ބޭނުން ކުރެވޭނެ ސަރަހައްދެކެވެ. މިހާރު ޗެނަލް ޕާކަށް އެޗްޑީސީން ހަދާފައިވާ ކޮންސެޕްޓުގެ ތެރޭގައި މިކަމަށް ހާއްސަ ތަންތަނާއި ވަސީލަތްތައް ހުންނާނެ އެވެ.
އެޗްޑީސީން ވަނީ ޗެނަލް ޕާކުގައި ރެސްޓޯރަންޓު/ކެފޭ ހަދަން ފުރުސަތު ހުޅުވާލާފަ އެވެ.











