މިލާން (ފެބްރުއަރީ 5) - އިޓާލިއަން ލީގުގައި މިރޭ ތިން މިނިޓް ތެރޭ އޮލިވިއޭ ޖިރޫޑް ޖެހި ދެ ގޯލުން އޭސީ މިލާނުން 2-1 އިން އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ބަލިކޮށްފި އެވެ.
އުމުރުން 35 އަހަރުގެ ޖިރޫޑް މިރޭ އިންޓައާ ދެކޮޅަށް ކުޅެން ނެރުނު އެންމެ ބޮޑު ސަބަބަކީ މިލާންގެ އެއް ވަނަ ފޯވާޑްގެ ރޯލު އަދާކުރަމުން އަންނަ ޒްލަޓާން އިބްރަހިމޮވިޗަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުމެވެ.
މިރޭގެ މެޗަކީ މިލާން ޑާބީގެ ލީގު މެޗެއްގައި 2004 ވަނަ އަހަރުގެ ފެބްރުއަރީ މަހުުގެ ފަހުން އޭސީ މިލާން ފަހަތުން އަރައި މޮޅުވި ފުރަތަމަ ފަހަރެވެ. މި މޮޅާ އެކު މިލާނުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އިންޓައާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. އިންޓަ އެއް ވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. މިލާން ދެ ވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.
އިންޓަ އިން މެޗުގެ ކުރީކޮޅުގައި ޑެންޒަލް ޑަމްފްރީސް ގޯލެއް ޖެހި ނަމަވެސް އެ އެޓޭކް ފެށުމުގެ ތެރޭގައި އިންޓަގެ ކުޅުންތެރިއަކު އޮފްސައިޑްވެފައި ވާތީ ގޯލު ބަލައިނުގަނެ އެވެ. މިލާންގެ ރަފައެލް ލެއާއޯ އަށް ގޯލެއް ޖަހަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.
މިލާންގެ ކީޕަރު ފްރާންސްގެ މައިކް މައިންގްނޯން އިންޓަގެ ހަމަލާތަކެއް ހުއްޓުވަމުން ދިޔަ ނަމަވެސް އިންޓަ އިން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. މެޗުގެ 38 ވަނަ މިނިޓްގައި އިންޓަގެ ހަކަން ޗަނޮނޮގްލޫ ނެގި ކޯނަރަކުން އިވާން ޕެރިސިޗް ޖެހި ވޮލީ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ކްރޮއޭޝިއާގެ ޕެރިސިޗް އިންޓަ އަށް ޖަހައިދިން 50 ވަނަ ގޯލެވެ.
ލީގުގެ ރޭހުގައި ދެމިއޮންނަން މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން ނުކުމެ، މިލާނުން ވަނީ ދެ ވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ އަނބުރާލައިފަ އެވެ.
މެޗުގެ 75 ވަނަ މިނިޓްގައި މިލާނަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖިރޫޑް ޖެހީ އޭރިއާތެރެއިން ރަނގަޅު ތަނަށް ހުސްވެ ހުރެ އެވެ. މިލާންގެ ބްރާހިމް ޑިއާޒް ޖެހި ބޯޅައެއް އިންޓަގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ ގައިގައި ޖެހިފައި ބޭރުވާން ދަނިކޮށް ކުޑަ އޭރިއާތެރެއިން ޖިރޫޑް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އޭގެ ތިން މިނިޓް ފަހުން މިލާންގެ ޑޭވިޑް ކަލާބްރިއާ ޖައްސާލި ބޯޅައެއް ކޮންޓްރޯލްކޮށްލައި، އޭރިއާތެރެއިން ޖާގައެއް ހޯދުމަށް ފަހު ޖިރޫޑް ވަނީ އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗް އަތުގައި ޖައްސައި، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ޖިރޫޑަކީ އިޓާލިއަން ލީގުގެ މެޗެއްގައި އިންޓަ ކޮޅަށް ދެ ގޯލު ޖެހި ފްރާންސަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ.
މެޗުގެ އިތުރު ވަގުތުގައި މިލާނަށް ކުޅޭ ފްރާންސް ފުލްބެކް ތިއޯ ހެނާންޑޭޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އިންޓަގެ ޑަމްފްރީސް އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.
އިޓާލިއަން ލީގުގައި މިރޭ ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވަނީ ޖެނޯއާއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.












