ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި ބާނީންގެ ދުލުން، ޓޫރިޒަމް ފެށުނު ގޮތުގެ ވާހަކަ ދަރިވަރުންނަށް ކިޔާ ދިނުމަށް ހާއްސަ ބަދަލުވުމެއް އިންތިޒާމު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތުގެ ތެރެއިން މި ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ސްކޫލް އަދި ކޮލެޖްތަކުގެ ދަރިވަރުންނަށް ދައުވަތު ދީގެން ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މި ހަފުތާގެ ތެރޭގައި ހުޅުވާލެވޭނެ އެވެ.
"ޝެސަންގެ ބައިވެރިން އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާކުރައްވާއިރު، ދަރިވަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި، ޗަމްޕާ ހުސައިން އަފީފު އާއި، އިޓަލީގެ ޖޯޖް ކޯބިންގެ އިތުރުން، ކުރިން ލަންކާގައި ހުންނަ ދިވެހި އެންބަސީގައި މަސައްކަތް ކުރެއްވި، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
މީގެ 50 އަހަރު ކުރިން އިޓަލީގެ ޓްރެވަލް އެޖެންޓު ކޯބިން، ލަންކާ އެމްބަސީގައި އޭރު މަސައްކަތް ކުރެވި ނަސީމް އާ ބައްދަލުވެ، ރާއްޖެ އަށް ޓޫރިސްޓުން ފޮނުވުމުގެ ހިޔާލު ހިއްސާ ކުރެވި އެވެ.
ކޯބިން ނަސީމާއެކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ 1971 ވަނަ އަހަރު ކާގޯ ބޯޓެއްގަ އެވެ. ކޯބިން ފޮނުވި އެންމެ ފުރަތަމަ ޓޫރިސްޓު ގްރޫޕް މާލެ އައީ 1972 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ނޫސްވެރިން ހިމެނޭ އެ ގްރޫޕް، މާލޭގެ ތިން ގެއެއްގައި މަޑުކުރުމުގެ އިންތިޒާމު ހަމަޖެއްސީ އެމްޔޫ މަނިކާއި ހުސެން އަފީފުގެ ބެއްލެވުމުގެ ދަށުންނެވެ.











