ގްރެޖުއޭޓް ޓީޗަރުންގެ މުސާރަ 56 ޕަސެންޓަށް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމެވި ނިންމުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ތައުރީފުކުރައްވައިފި އެވެ.
ރައީސްގެ ރިޔާސީ ވައުދެއް ކަމަށްވާ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ވައުދު ފުއްދަވާނެކަން އިއުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މިއަދު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގަ އެވެ.
އެކަމާ ގުޅިގެން ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީޗަރުންގެ މުސާރަ 56 ޕަސެންޓުން ބޮޑުކުރުން މިއީ ރާއްޖޭގެ ތާރީހުގައި ވެސް ނުވާ ވަރުގެ ކަމެއް ކަމަށެވެ. އަދި ލިބުން ހައްގު މި ކުރިއެރުމާއި އެކު ހުނަރުވެރި ތައުލީމީ ރަށްވެހިންގެ އާ ޖީލެއް ބިނާކުރުމަށް ޓަކައި ގާބިލު ދަރިވަރުން ކެރިއަރެއްގެ ގޮތުގައި ޓީޗިން ނަގާނެ ކަމަށް ހަސަން ލަފާކުރެއްވި އެވެ.
"ޝުކުރިއްޔާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ސޯލިހު. ހުރިހާ ޓީޗަރުންނަށް ތަހުނިޔާ،" ހަސަން ޓްވީޓްކުރެއްވި އެވެ.
ގައުމީ ޔުނިވާސިޓީ އަކީ ޓީޗަރުން ތަމްރީންކުރާ ރާއްޖޭގެ އެންމެ ބޮޑު ތައުލީމީ މުއައްސަސާ އެވެ.

ރައީސް މިއަދު ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށާއި އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ ވައުދެއް ކަމަށެވެ.
"އަންނަ މޭމަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.
ހަސަން އިއްޔެ އާއްމުކުރެއްވި ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދިރާސާގައި ބުނެފައިވާ ގޮތުގައި ސްކޫލް ނިންމާ ޒުވާނުން ޓީޗިން އަށް ނުވަންނަ އެންމެ ބޮޑު ތިން ސަބަބުގެ ތެރެއިން އެއް ސަބަބަކީ މުސާރަކުޑަވުމެވެ. އަނެއް ދެ ސަބަބަކީ އިތުރު ގަޑި މަދުވުމާއި މަސައްކަތުގެ ބުރަ ބޮޑުވުމެވެ.









