ދިވެހިން ސުލްހަވެރި ދިރިއުޅުމަށް ހަރުކަށި ފިކުރުގެ ހިޔަނި އެޅުނަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ސޯލިހު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަނީ: ވިދާޅުވީ މިދިޔަ އަހަރު އެންމެ އިސްކަމެއް ދެއްވީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަނީ: ވިދާޅުވީ މިދިޔަ އަހަރު އެންމެ އިސްކަމެއް ދެއްވީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރު ދިން ހަމަލާއިން ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ހާމަވި ކަމަށާއި ނަމަވެސް ޓެރަރިސްޓުންނަށް ދިވެހިންގެ ސުލްހަވެރި ދިރިއުޅުން ނާމާންކޮށްލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ގްރޫޕުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ދިން ބޮމުގެ ހަމަލާއިން "މުޖްތަމައުގެ ތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން" ހާމަވި ކަމަށެވެ.

"އެ ނުރައްކާތެރި ހަމަލާގެ ކުށާއެކުއެކީ ބޮޑު އެހެން ކަމެއް ސާބިތުވެގެން ހިނގައްޖެ. މުޖްތަމައުގެ ތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން. ދީނުގެ ނަމުގާ ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި ޢަމަލުތައް އެނގި ހާމަވީ އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާ ބުރަކަން،" ރައީސް ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ސާބިތުކަމާއެކު ރައީސް ވިދާޅުވީ ދިވެހިންގެ ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް "ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރިކަމަށް" ވެރިވެނުގަނެވޭނެ ކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުސަތެއް ނުދޭނެ. ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާ ހަތުރުވެރިކަމާ އަދާވާތްތެރިކަމަކަށް ވެރިވެއެއް ނުގަނެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދިނީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށާއި އިސްލާމީ އަހުލާގުގެ މަތީގައި ކުޑަކުދިން ބޮޑުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން 180 ރަށެއްގައި އިސްލާމް ދީނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް މިދިޔަ އަހަރު ސަރުކާރުން ކުރިއަށްގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް މަސައްކަތް ކުރުމަށް މިއަހަރު، "ދީނުގެ ނަމުގައާ ދީނާ ދެކޮޅަށް" ހަރުކަށި ފިކުރު ފަތުރާ މީހުންނަށް އަމާޒުކޮށްގެން "ނެޝަނަލް މޮޑެރޭޝަން ކެމްޕެއިނެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދީނުގެ ނަމުގައާ ދީނާ ދެކޮޅަށް، ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ފުރާނައާ މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ސައްހަ އަގީދާ ހާމަކޮށްދިނުމުގާ ދީނީ އިލްމުވެރިންގެ އެހީގާ މިއަހަރު 'ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން' ކުރިއަށް ގެންދެވޭނެ،" އެމަނިކުފާނު ހާމަކުރެއްވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވީ އެމަނިކުފާނު ދިރިއުޅުއްވި، ގ. ކެނެރީގެ ހުންނަ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސައިކަލެއްގަ ބޮމެއް ހަރުކޮށްގެނެވެ. އެ ހަމަލާގެ ސަބަބުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ.

ބެއަރިން ބޯލްސްތަކެއް އަޅައިގެން ވަރަށް ބާރުގަދަކޮށް ހަދާފައިވާ ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ އެމަނިކުފާނު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ.

އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox