މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެކަމުގެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމާއަތެއް ކަމަށްވާ ގްލޯބަލް ސެންޓާ ފޯ އެޑަޕްޓޭޝަންގެ ސީއީއޯ ޑރ. ޕެޓްރިކް ވެރޮކޮޔަން އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ބުނެފި އެވެ.
އެންވަޔަރްމަންޓް ކޮމިޓީން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު އަދި ހޯރަފުޑީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ޖީސީއޭގެ ސީއީއޯ ވެރޮކޮޔަން ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި އެކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެކަމަށް ޓަކައި އަންނަ އާދީއްތަ ދުވަހު ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އަންގަވައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވި ގޮތުގައި ޖީސީއޭގެ ސީއީއޯގެ އެ ދަތުރުގެ މައިގަނޑު ބޭނުމަކީ ރަށްގިރުމުގެ މައްސަލައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ފައިސާ ހޯދަން އޭނާގެ ޖަމިއްޔާއިން ކުރާ މަސައްކަތްތައް ފެށުން ކަމަށެވެ.
"ޕެޓްރިކްގެ އޯގަނައިޒޭޝަނާ އެކުގައި ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައި 200 މިލިޔަން ޑޮލަރު މޮބިލައިޒްކުރުމަށް. އެ ފައިސާ ހޯދުމުގެ މަސައްކަތް ފެށުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު މި ދަތުރުފުޅަކީ،" ސަލީމް ވިދާޅުވި އެވެ.
ކޮމިޓީން މިއަދު ނިންމީ ޖީސީއޭގެ ސީއީއޯ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމަކީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދާށެވެ. އެ ބައްދަލުވުން ކޮމިޓީގެ މުގައްރިރު ސަލީމް ތައާރަފްކޮށްދެއްވުމަށް ފަހު ޖީސީއޭގެ ސީއީއޯއަށް ފުރުސަތު ދީފައި، އެއަށް ފަހު ވާހަކަފުޅުދައްކަވާނީ ނަޝީދެވެ. ކޮމިޓީން މިއަދު އެކުލަވައިލި އެޖެންޑާގައިވާ ގޮތުން މެމްބަރުންނަށް ވެސް އޭގެ ފަހުން ފުރުސަތު ދޭނެ އެވެ.













