ރިޕޯޓުއޭސީސީ ގާނޫނީ ހުސްކަމެއް، ކޮރަޕްޝަން ބެލޭނެ ގޮތެއް ނެތް

އޭސީސީ ގާނޫނީ ހުސްކަމެއް، ކޮރަޕްޝަން ބެލޭނެ ގޮތެއް ނެތް

މިވަގުތު އޭސީސީ ގައި އެއްވެސް މެމްބަރަކު ނެތް. ޑިސެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދީފައިވާއިރު ގާނޫނުގައި ބުނަނީ 60 ދުވަހުގެ ތެރޭގައި ހުސްވާ މަގާމަކަށް މީހަކު އައްޔަނު ކުރަން ޖެހޭ ކަމަށް. އެ މުއްދަތު ވަނީ ފާއިތުވެގެން ގޮސްފައި.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ. މިވަގުތު ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި. -- ފޮޓޯ: އަދަދު
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ. މިވަގުތު ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި. -- ފޮޓޯ: އަދަދު

"(ކޮރަޕްޝަން ޕާސެޕްޝަން) އިންޑެކްސްގައި ރާއްޖޭގެ ހާލަތު މިއަދު ފެންނަނީ އެއްގޮތަކަށް ވެސް އަޅުގަނޑު ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ."

މިއީ ޑިސެމްބަރު 9 ގައި ފާހަގަކުރާ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން 2018 ވަނަ އަހަރު ނެރުނު ސަޕްލިމެންޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވި ވާހަކަފުޅެކެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އިއުލާން ކުރެއްވި "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ސިޔާސާތާއެކު އެ އިންޑެކްސްގައި ރާއްޖޭން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ.

ދެހާސް ނަވާރަވަނަ އަހަރު 130 ވަނައިގައި ރޭންކް ކުރެވިފައި އޮތް ރާއްޖެ ޖެހިގެން އައި 2020 ވަނަ އަހަރު ރޭންކް ކޮށްފައި އޮތީ 75 ވަނައިގަ އެވެ. ވަރަށް ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، މިދިޔަ އަހަރު ރާއްޖެ ރޭންކް ކުރެވުނީ 85 ވަނައިގަ އެވެ. މިދިޔަ އަހަރުގެ ރޭންކިން މި ޖެނުއަރީގައި ނެރުނު އިރު ދައުލަތުން ހިންގާ ކޮރަޕްޝަން ތަހުގީގު ކުރަން އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ "ޕެރަލައިޒް" ވެފަ އެވެ.

ޑިސެމްބަރު 27، 2021 އިން ފެށިގެން ފަސް މެމްބަރުން ތިބެން ޖެހޭ ކޮމިޝަނުގައި އެއްވެސް މެމްބަރަކު ނެތެވެ. ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތެވެ. މައްސަލަތައް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ބެލޭނެ ގާނޫނީ ބާރެއް ނެތެވެ. ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް ތަހުގީގު ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތެވެ.

މެމްބަރުން އިސްތިއުފާ ދިނުން

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ވެންޓިލޭޓަރު މައްސަލަ ހިމެނޭހެން އޭސީސީގެ މަސައްކަތްތައް ލަސްވާކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އައީ ކުރަމުންނެވެ. މިކަމާ ގުޅިގެން ނޮވެމްބަރު 9، ގައި އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން ހާޒިރުކޮށް، އެ ކޮމިޝަންގެ ޕާފޯމެންސް އޮޑިޓެއް ހެދުމަށް ފަހު، މެމްބަރުން ވަކިކުރަން ޖެހޭނަމަ އެކަން ކުރަން ފާސްކުރި އެވެ.

އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ޑިސެމްބަރު 9، 2021 ގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އޭގެ ކުރިން، ޑިސެމްބަރު 2، ގައި ކޮމިޝަންގެ މެމްބަރުންގެ ތެރެއިން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ އަލީ އަޝްރަފް އެވެ. އޭގެ ފަހުން ޑިސެމްބަރު 15، ގަ އިސްތިއުފާ ދެއްވީ މެމްބަރު އިބްރާހިމް ޝަކީލެވެ.

އިޖުރާއަތްތައް ފުރިހަމަކޮށް އޭސީސީގެ މެމްބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލި އެވެ. އޭސީސީގެ މެމްބަރުން ލިޔުމުން ޖަވާބުދާރީވީ ޑިސެމްބަރު 26، ގަ އެވެ.

މި މައްސަލަ ތާވަލްކޮށްފައި އޮއްވައި ކޮރަޕްޝަންގެ މައްސަލަތަކެއް ގަނޑުކޮށް ބަލާ ކަމަށް ބުނެ އެ ކޮމިޝަންގެ މެމްބަރުންގެ މައްސަލައެއް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުނެވެ. އެއީ، އޭސީސީގެ މެމްބަރުން "އުސޫލާ ހިލާފަށް ކަންކަން ހިންގާ" ކަމަށް ބުނެ ހުށަހެޅި މައްސަލަ އެކެވެ.

"މިއީ ހަގީގަތެއް ނެތް އަދި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް. ގަނޑުކޮށް މައްސަލަ ބަލާކަށް ނޫޅޭ އަދި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ، ނުވެސް ކުރެވޭނެ،" މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އޭރު އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައިވެ އެވެ.

ސިޔާސީ ގޮތުން ކުރިމަތިވަމުން ދިޔަ ޕްރެޝަރުތަކާއި އަދި މަޖިލީހުން ވަކިކުރަން ނިންމާފައި ވަނިކޮށް އޭރު ކޮމިޝަންގައި ކޮމިޝަންގެ ރައީސް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ލިޔުމުން ޖަވާބު ދިންތާ އެއް ދުވަސް ފަހުންނެވެ.

އިންތިހާބެއް ބާއްވައިފި، މައްސަލަ ބެލޭނެ ގޮތެއް ނެތް

ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޭސީސީ އޮންނަތާ 40 ދުވަސް މިވަނީ ވެފަ އެވެ. މި ދަނޑިވަޅަކީ ވާދަވެރި އިންތިހާބެއް ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައި ބޭއްވިގެން ދިޔަ ދުވަސްވަރެކެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުގެ ފަރާތުން ގިނަ އަދަދެއްގެ މަޝްރޫއުތަކެއް މި ތިން ރަށުގައި ފެށުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

"ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށައި، އިއުލާންކޮށް، އިފްތިތާހު ކުރުމަށް ޖަލްސާ ބޭއްވުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން. މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން އިންތިހާބުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާ ހަމަހަމަކަމާއެކު ކެންޑިޑޭޓެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ހަނިވޭ," ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކުރަމުން ނެރުނު ބަޔާނެއްގައި ވެ އެވެ.

އަމިއްލަ ފަރާތަކުން ވަނީ ދެ ކޮމަންޑޫ ގުޅާލުމަށް ހިންގާ ޕްރޮޖެކްޓްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފަ އެވެ. އިންތިހާބާއި ގުޅޭ އިތުރު މައްސަލައެއް ހުށަހަޅާފައި ނެތް ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އޭސީސީ "ނެތިކޮށްލުމަކީ" އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި ސިޔާސީ ފައިދާއަށް ސަރުކާރުން ކުރާ ކަމެކެވެ.

"ގާނޫނޫ ލިޔުނީ ހުރިހާ މެމްބަރުން އެއްފަހަރާ ހުސްވެދާނެ ކަމަށް ބަލާފައެއް ނޫން. އެއްވެސް އިރެއްގައި ގާނޫނުގައި އޮންނަ މުއްދަތަށް ކަންކަން ނުކުރޭ. މިއީ، ގަސްތުގައި އިންތިހާބަކަށް ހުރަސް އަޅަން ކުރި ކަމެއް ކަމަށް ގަބޫލެއް ނުކުރަން." ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މި ނޫހަށް ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރުން ވެސް އޭސީސީއަށް ވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި 60 މައްސަލައެއް ހުށަހަޅާފަ އެވެ. މެމްބަރުން އިސްތިއުފާ ދިން އިރު ވެސް ބަލަން ކަނޑައަޅާފައި ހުރި މައްސަލަތަކެއް ހުއްޓެވެ. ނަމަވެސް، މިވަގުތު ކޮމިޝަނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ މައްސަލަތައް ދިރާސާ ކުރުމެވެ. އިތުރު އެއްވެސް ފިޔަވަޅެއް އެޅެން ނެތެވެ. ނިންމުމެއް ވެސް ނިންމޭކަށް ނެތެވެ. އެއްވެސް މައްސަލައެއް ބެލޭނެ ގޮތެއް ނެތި ކޮމިޝަން އޮތީ ހުއްޓިފަ އެވެ.

"ދަސްކުރަން ވެއްޖެ ގާނޫނުތަކުގައި ވަކި މުއްދަތަކަށް ކަންކަން ކުރަން އޮންނަމަ އެކަމެއް އެ މުއްދަތުގައި ކުރުމަށް. އެ ކަންކަން ނުކުރެވިއްޖެނަމަ ޒިންމާ ކުރެވޭނެ ގޮތެއް ނެތް ގާނޫނުގެ ތެރެއިން ކަނޑައެޅިފައި." މިފަދަ ހާލަތްތަކުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒިންމާދާރު ކުރެވޭނެ ގޮތްތަކެއް ނެތުން ކަމަށް މުހުތާޒް ވިދާޅުވި އެވެ.

ގާނޫނޫގައި އޮތް މުއްދަތަށް މެމްބަރަކު އައްޔަނު ނުކުރެވުނު

އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތީ އެ ކޮމިޝަނުގެ މެމްބަރަކު މަގާމުން އިސްތިއުފާ ދީފި ނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަނުކުރަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަންގެ މެމްބަރު ކަމުން އަޝްރަފް އިސްތިއުފާ ދެއްވިތާ މިހާރު މިވަނީ 65 ދުވަސް ވެފަ އެވެ. އެހެންކަމުން، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް މެމްބަރަކު އައްޔަނު ކުރެވިފައެއް ނުވެ އެވެ.

އަޝްރަފްގެ އިސްތިއުފާ އާއެކު މިދިޔަ ޑިސެމްބަރު 5، ގައި އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި އެވެ. އަދި އޭގެ ފަހުން ދެން ތިބި މެމްބަރުންގެ އިސްތިއުފާއާއެކު ވެސް ދެ ފަހަރެއްގެ މަތިން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލި އެވެ.

އެނގިފައިވާ ގޮތުގައި ފުރަތަމަ ފަހަރު އިއުލާން ކުރުމުން އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިލާފައި ނުވެ އެވެ. ނަމަވެސް، އޭސީސީގެ މެމްބަރަކަށްވުމަށް އެންމެ ފުރަތަމަ ހުޅުވާލި ދެ ފުރުސަތުގައި ކުރިމަތިލި މީހުންގެ އަދަދު ރައީސްގެ އޮފީހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެންމެ ފަހުން ހުޅުވާލި ފުރުސަތަށް 34 މީހުން ކުރިމަތިލާފައިވެ އެވެ.

"ހަގީގަތަކީ މުއައްސަސާތައް ފަންކަޝަން ނުކުރޭ. ޖުޑިޝިއަލް ޕްރޮސެސް މިފަދަ ކަންކަމުގައި ހިންގާނެ. ކޮންސްޓިޓިއުޝަނަލް މައްސަލަ ވެއްދޭނެ." މުހުތާޒް ވިދާޅުވި އެވެ.

އޭނާ ދެކޭ ގޮތުގައި މިފަދަ ހާލަތްތަކުގައި ކޯޓުތަކަށް ދުސްތޫރީ މައްސަލަ ނުވައްދަނީ ދެ ސަބަބަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ ސިޔާސީ ބޭނުންތަކަށެވެ. އަދި ދެވަނަ ސަބަބެއް ކަމަށް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ޝަރުއީ ނިޒާމަށް އަދިވެސް ނެތުމެވެ.

ކުރިމަތިލި މީހުންގެ ނަންތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވުމުން ދެން އޮންނާނީ ކޮމިޓީން ދިރާސާކޮށް އިންޓަވިއު ކުރުމުގެ މަރުހަލާ އެވެ. ކޮރަޕްޝަން ބަލާ މުއައްސަސާ ހުސްކޮށް އޮތް ދުވަސްތަކުގައި މަޖިލިސް އޮތީ ޗުއްޓީގަ އެވެ. މި އަހަރުގެ މަޖިލިސް އާ ދައުރަކަށް ހުޅުވިއިރު މިއީ އެންމެ އަހަންމިއްޔަތު ކަމެއް ދީގެން ކުރަން ޖެހިފައި އޮތް މަސައްކަތެވެ.

"އަޅުގަނޑު އެދެނީ އަދި އުންމީދު ކުރަނީ މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން އޭސީސީގެ މެމްބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވާ ދެއްވާނެ ކަމަށް." އޭސީސީއަށް މެމްބަރުން އައްޔަނުކުރުން އަވަސް ކޮށްދިނުމަށް ރިޔާސީ ބަޔާނުގައި އެދިވަޑައިގަންނަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ހާމަކަން ބޮޑު ނަޒާހަތްތެރި ދައުލަތެއް ބިނާކުރުމަށް އެންމެ މުހިންމު އެއް މުއައްސަސާއަކީ އޭސީސީ އެވެ. ޖެހިލުންވުމެއް ނެތި ދައުލަތުގެ އެންމެހާ މުއައްސަސާއަކުން ކޮރަޕްޝަން ނައްތާލުމުގެ ބުރަ ޒިންމާ މަތިކޮށްފައި އޮތް މުއައްސަސާ އޮތީ އެއްވެސް ބާރެއް ނެތް ހުސް ތަނެއްގެ ގޮތުގަ އެވެ. އޭސީސީ އަލުން އެކުލަވާލައި ފުނިޖެހިފައި ހުރި މައްސަލަތައް ނިންމަން ޖެހެ އެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox