އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރުގެ މަގާމަށް އެ ކުންފުނީގެ ކުރީގެ ބޯޑު މެމްބަރު ހާލިދް ހަސަން އަލް ހަމާދީ މިއަދު ހަމަޖައްސައިފި އެވެ.
ހާލިދް ހަސަން އަލް ހަމާދީ މިހާތަނަށް ހުންނެވީ އެ ކުންފުނީގެ ކޮންސިއުމާ ސޭލްސް ޑިޕާޓްމަންޓުގެ ސީނިއާ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އޭގެ ކުރިން 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ހުންނެވީ ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ.
އުރީދޫއިން މިއަދު ލިންކްޑްއިންގައި ނެރުނު ކުރު ބަޔާނެއްގައި ބުނެފައި އޮތީ ހާލިދް ހަސަންއަކީ އެ ކުންފުނީގެ ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ކީ ޕާފޯމެންސް އިންޑިކޭޓާސް ތައްޔާރު ކުރެއްވީ އޭނާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އުރީދޫގެ އެތެރޭގެ އަދި ބޭރުގެ އެސެސްމެންޓުތައް ވެސް ހައްދަވަމުން ގެންދެނީ ހާލިދް ހަސަން ކަމަށް އުރީދޫގެ ބަޔާނުގައި ބުނެފައި އޮތެވެ.
"ހާލިދުގެ އޭނާގެ އާ މަގާމު އަދާ ކުރުމުގައި ކާމިޔާބީއަށް އެދެން،" އެ ބަޔާނުގައިވެ އެވެ.
ހާލިދް ހަސަން އުރީދޫއާ ގުޅިވަޑައިގެންނެވީ މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރެވެ.











