ޓޯކިޔޯ، ޖަޕާން - އެންމެ މަޝްހޫރު އެނިމޭ ސްޓޫޑިއޯ، ސްޓޫޑިއޯ ގިބްލީގެ ފިލްމުތަކުގެ މައްޗަށް ބިނާކޮށް ޖަޕާނުގައި ހަދާ ތީމް ޕާކް ނޮވެމްބަރު އެއް ވަނަ ދުވަހު ހުޅުވާނެކަން އިއުލާނުކޮށްފި އެވެ.
ގިނަ ފޭނުން އިންތިޒާރު ކުރަމުންދާ "ގިބްލީ ޕާކް" ހުޅުވާނެ ތާރީހް އިއުލާނު ކުރީ ސްޓޫޑިއޯގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ.
ޕާކް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، އެ ތަން ހުންނަނީ ޖަޕާނުގެ މެދުތެރޭގައި އައިޗީ ސަރަހައްދުގައި ޓޯކިޔޯގެ ހުޅަނގުން 250 ކިލޯމީޓަރު ދުރުގަ އެވެ. އެ މަސައްކަތަށް 300 މިލިއަން ޑޮލަރު (34 ބިލިއަން ޔެން) ހަރަދުވެ އެވެ.
ތީމް ޕާކް ފަސް ސަރަހައްދަކަށް ބަހާލާފައިވާ އިރު، އޭގެ ތެރެއިން އެއް ސަރަހައްދުގައި 1988 ވަނަ އަހަރުގެ ކްލެސިކް ފިލްމު "މައި ނެއިބާ ޓޮޓޯރޯ" ގެ މައިގަނޑު ކެރެކްޓަރުން ދިރިއުޅުނު ގޭގެ ލައިފް ސައިޒް މޮޑެލްއެއް ހުންނާނެ އެވެ.
ގިބްލީ ޕާކް މި އަހަރު ހުޅުވާ އިރު، އެންމެ ފުރަތަމަ ހުޅުވާނީ ޕާކްގެ އެ ސަރަހައްދު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕާކުގެ އެހެން ސަރަހައްދެއް ހުންނާނީ "ޕްރިންސެސް މޮނޮނޮކޭ" އަށް ހާއްސަކޮށްފަ އެވެ. އޭގެ އިތުރުން "ކީކީޒް ޑެލިވެރީ ސާވިސް" އަދި "ހައުލްސް މޫވިން ކާސްލް" އަށް ހާއްސަކޮށް ވެސް އެއް ސަރަހައްދު ތަރައްގީ ކުރެ އެެވެ. އެ ސަރަހައްދުތައް އާއްމުންނަށް ހުޅުވާނީ އަންނަ އަހަރު އެވެ.
ސްޓޫޑިއޯ ގިބްލީގެ ފައުންޑަރަކީ ހަޔާއޯ މިޔަޒާކީ އެވެ. އޭނާއަށް ބައިނަލްއަގްވާމީ މަޝްހޫރުކަން ލިބުނީ 2001 ވަނަ އަހަރު ނެރުނު ފިލްމް "ސްޕިރިޓެޑް އަވޭ" ޑައިރެކްޓް ކުރުމުންނެވެ.
ޓޯކިޔޯ ކައިރީގައި ހުންނަ މަގްބޫލް ގިބްލީ މިޔުޒިއަމް ވެސް އެ ސްޓޫޑިއޯ އިން މިހާރު ދަނީ ހިންގަމުންނެވެ. މިޔުޒިއަމްގެ ޓިކެޓް ވިއްކަން ފަށަނީ ކޮންމެ މަހެއް ފެށުމުންނެވެ. ވިއްކަން ހުޅުވާލާތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހުރިހާ ޓިކެޓެއް ހުސްވެ އެވެ.










