ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސިފައިންގެ ފްލެޓްތައް ކުރިމަތީ އޮތް ހުސް ބިމުގައި ރޭ އަލިފާން ރޯވި ސަބަބު ހޯދިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ރޭ ގާތްގަނޑަކަށް 10:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ އެ ސަރަހައްދުގައި ހުރި ހިކި ގަސްތަކެއްގަ އެވެ. އެ ގަސްތަކުގައި އަލިފާންގަނޑު ވަރަށް ބޮޑަށް ހިފާފައި ފެތުރުނެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހަތަރު ގަޑިއުރު ފަހުންނެވެ.
އެކަމާ ގުޅިގެން މި ނޫހުން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޯވީ މީހުން ނޫޅޭ ހުސް ބިމެއްގައި ކަމުން ރޯވި ސަބަބު ހޯދަން އުނދަގޫ ވާނެ ކަމަށެވެ.
"މީހަކު ގަސްތުގަ ރޯކޮށްލީ ކަމެއް ނޫނީ ސިނގިރޭޓެއް ބޮއެފަ އެއްލާލިތަނާ ރޯވީ ކަމެއް. އެހެން ނުހޯދޭ،" އޭނާ ވިދާޅުވި އެވެ.
އަލިފާންގަނޑުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއްނުވާ ކަމަށް ސިފައިން މައުލޫމާތުދެ އެވެ.














