އެމްޓީސީއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 224 މިލިޔަން ރުފިޔާ ލިބުނު ކަމަށް އެކުންފުނީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްޓީސީން މިއަދު އާއްމުކުރި އެ ކުންފުނީގެ އަހަރީ ހިސާބުތަކުގައިވާ ގޮތުން އެކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ 626 މިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން ހަރަދުތައް ކަނޑައި، ސާފު ފައިދާއަކީ 44 މިލިަޔން ރުުފިޔާ އެވެ. މިއީ 2020 ވަނަ އަހަރުގެ މިމުއްދަތުގައި އެކުންފުންޏަށް ލިބުނު ސާފު ފައިދާއަށް ވުރެ ދަށް އަދަދެކެވެ.
އެމްޓީސީސީއަށް 2020 ވަނަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 400 މިލިޔަން ރުފިޔާ ލިބުނު އިރު ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 53.4 މިލިޔަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކަ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިސާބުތައް
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ސާފު ފައިދާ އެ އަހަރުގެ އަނެއް ތިން ކުއާޓަރާ އަޅަައި ބަލާއިރު ވެސް ދަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 423 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، ޓެކުހަށް ކެނޑުމަށް ފައިދާ އަކީ 61.6 މިލިޔަން ރުފިޔާ އެވެ.
ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް 423 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، ޓެކުހަށް ކެނޑުމަށް ފަހު ފައިދާއަކީ 63 މިލިޔަން ރުފިޔާ އެވެ. ތިން ވަނަ ކުއާޓާގައި 484 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ޓެކުހަށް ކެނޑުމަށް ފަހު އާމްދަނީ އަކީ 55.6 މިލިޔަން ރުފިޔާ އެވެ. އެއާ އެކު މިދިޔަ އަހަރު އެކުންފުނީގެ ޖުމްލަ ފައިދާއަކީ 224 މިލިޔަން ރުފިޔާ އެވެ.
އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ޖުމްލަ ފައިދާ އެހެން ނަމަވެސް 2020 ވަނަ އަހަރާ އަޅައި ބަލާއިރު އިތުރެވެ. އެ އަހަރު އެކުންފުންޏަށް ލިބުނު ޖުމްލަ ފައިދާއަކީ 172 މިލިޔަން ރުފިޔާ އެވެ.
އެމްޓީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޓެކުހަށް ކެނޑުމަށް ފަހު އެކުންފުންޏަށް ލިބުނު ފައިދާ، 2020 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިދާއަށް ވުރެ ދަށް ނަމަވެސް މިދިޔަ އަހަރުގެ ޖުމްލަ ފައިދާއަކީ އެކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި ރެކޯޑެއް ކަމަށެވެ.
އެމްޓީސީސީގެ ބަޔާނުގައި ބުނިގޮތުގައި އެކި މަރުހަލާގައިވާ 103 ޕްރޮޖެކްޓެއްގެ މަސައްކަތް އެކުންފުނިން މިހާރުވެސް އަންނަނީ ކުރަމުންނެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުނިން ނިންމީ ޖުމްލަ 10 ޕްރޮޖެކްޓެކެވެ. އަދި އިތުރު އަށް ޕްރޮޖެކްޓެއްގެ މަސައްކަތް ހަމަ އެކުއާޓާފައި ފަށާފައިވާ ކަމަށާއި 18 މަޝްރޫއަކާ ހަވާލުވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.










