ކޭޝް ކާޑެއް ކްލޯންކޮށްގެން 31،000 އަށް ވުރެ ގިނަ ޑޮލަރު ދެއްކި މީހަކު އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ވިސާ ކާޑެއް ކްލޯންކޮށްގެން ހަދާފައިވާ "ފޭކް" ކާޑަކުން 31،800 އެމެރިކާ ޑޮލަރު(490،356.ރ) ދެއްކި ކަމުގެ ކުށް ސާބިތުވީ ސްރެންދުރަ ކުމާރު ޖައިސްވަލް ނަމަކަށް ކިޔާ އިންޑިއާ މީހަކަށެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން ސުރެންދުރަ ކުމާރުގެ މައްޗަށް ކުށް ސާބިތުވީ ކާޑް ކްލޯންކޮށްގެން ސައްހަނޫން ޕޭމަންޓެއް ހެދި ކަމަށް ޝަރީއަތުގައި އޭނާ އިއުތިރާފްވުމުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން ސްރެންދުރަ ކުމާރު ކްލޯން ކުރީ ޔުނައިޓެޑް ބޭންކް އޮފް އެފްރިކާ އިން އެހެން މީހަކަށް ދޫކޮށްފައިވާ ކާޑެކެވެ. އެ ކާޑުން އޭނާ ފައިސާ ދެއްކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މަސްލަހަތު އޮންނަ ޓޫރިސްްޓް ސަމްބެރިން މޯލްޑިވްސް ލިމިޓެޑަށް، ސީޕްރިއާ ހޮޓެލްސް އެންޑް ޓްރެވެލްސް އިން ދޫކޮށްފައިވާ ޕީއޯއެސް މެޝިނަކުންނެވެ. އެއީ ޓޫރިސްޓް ސަބްމެރިން މޯލްޑިވްސްގެ އިންވޮއިސްއަކަށް ފައިސާ ދައްކަން ކުރި ކަމެއް ކަން ވެސް އެ ހުކުމުން އެނގެ އެވެ.
ސުރެންދުރަ ކުމާރާ ދެކޮޅަށް ދައުލަތުން ދައުވާކުރީ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަމްބަރާއި (2) ވަނަ ނަމްބަރާއި އެ މާއްދާގެ (ށ)ގެ (2) ވަނަ ނަމްބަރާ ހަވާލާދީ އެވެ. ގާނޫނުގެ އެ ބައިގައިވާ ގޮތުން، އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމަކީ ކުށެކެވެ. އަދި އެ ގޮތަށް ކަންތައް ކުރަން މަކަރާއި ހީލަތް ހެދުމަކީ ވެސް ކުށެކެވެ.
ކްރިމިނަލް ކޯޓުން ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓްގައިވާ ގޮތުން ސުރެންދުރަ ކުމާރާ ދެކޮޅަށް އެ މައްސަލައިގައި ދައުލަތުން ކުރި ދައުވާއަށް އޭނާ ފުރަތަމަ އިންކާރުކުރި އެވެ. އެކަމަކު މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ނިމުނު ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފް ވެފަ އެވެ. އޭގެ ކުރިން ދައުލަތުން އޭނާއާ ދެކޮޅަށް ހަ ޝަފަހީ ހެއްކާއި ހަތް ކިތާބީ ހެކި ހުށަހެޅި އެވެ.

އޭނާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކޮށް، އެ މައްސަލަ ނިންމެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ.












