ހައި ކޯޓުގެ ތާރީހުގައި އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ އަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހައި ކޯޓުން އިއްޔެ އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ކުރިން އެ ކޯޓަށް ހުށަހެޅުނު މައްސަލަތައް ހިމެނޭ ގޮތަށް 672 މައްސަލައެއް ނިންމި އެވެ. މިއީ ކުރިން އެ ކޯޓުން އެންމެ ގިނަ މައްސަލަ ނިންމި 2017 ވަނަ އަހަރަށް ވުރެ 120 މައްސަލަ އިތުރު އަދަދެކެވެ.
ހައި ކޯޓުން ނިންމި މައްސަލަތައް
- 2021 - 672 މައްސަލަ
- 2020 - 443 މައްސަލަ
- 2019 - 478 މައްސަލަ
- 2018 - 311 މައްސަލަ
- 2017 - 552 މައްސަލަ
ރެކޯޑް އަދަދަކަށް މައްސަލަތައް ނިންމި ނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް ހައި ކޯޓުގައި ނުނިމި 679 މައްސަލައެއް އެބައޮތެވެ. އެކަމަކު މިހާރު ނުނިމި ހުރި ގިނަ މައްސަލަތަކަކީ ފާއިތުވި ތިން އަހަރުގެ މައްސަލަތަކެވެ. އެޔަށް ވުރެ ގިނަ ދުވަސްވީ މައްސަލަތަކުގެ އަދަދު ވަނީ 23 އަށް މަދުކޮށްފަ އެވެ.
ހައި ކޯޓުގައި ނުނިމި ހުރި މައްސަލަތައް
- 2021 - 329 މައްސަލަ
- 2020 - 141 މައްސަލަ
- 2019 - 186 މައްސަލަ
- 2018 - 21 މައްސަލަ
- 2017 - 2 މައްސަލަ
މިދިޔަ އަހަރު ހައި ކޯޓަށް ޖުމްލަ 835 މައްސަލައެއް ހިމެނެ އެވެ. އޭގެ ތެރެއިން ރަޖިސްޓްރީ ކުރީ 625 މައްސަލައެކެވެ.
އެންމެ ގިނަ މައްސަލަތައް ކޯޓުގައި ރަޖިސްޓްރީ ކުރީ ސެޕްޓެމްބަރު މަހު އެވެ. އެ މަހު 85 މައްސަލައެއް ރަޖިސްޓްރީ ކުރި އެވެ. އެންމެ ގިނަ މައްސަލަ ނިންމީ މާޗު މަހު އެވެ. އެ މަހު 100 މައްސަލައެއް ނިންމި އެވެ.

ނިންމި މައްސަލަތަކާއި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ބާވަތައް ބަލާއިރު ގިނައީ މަދަނީ މައްސަލަތަކެވެ. އެ ބާވަތުގެ 242 މައްސަލަ ރަޖިސްޓްރީ ކުރި އެވެ. އަދި 325 މައްސަލަ ނިންމި އެވެ. ދެން އެންމެ ގިނައިން ނިންމީ ޖިނާއި މައްސަލަ އެވެ. ޖިނާއި 192 މައްސަލަ ރަޖިސްޓްރީ ކުރި އެވެ. އަދި 214 މައްސަލަ ނިންމި އެވެ.












