ރިޕޯޓުކަނޑުމަހުގެ ސިޔާސީ ކޯޅުމުން ރާއްޖެއަށް ބޮޑު މޮޅެއް

ކަނޑުމަހުގެ ސިޔާސީ ކޯޅުމުން ރާއްޖެއަށް ބޮޑު މޮޅެއް

އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ބޭނޭނެ ކޯޓާ ކަނޑައެޅި އިރު އެންމެ ގިނައިން މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައި އޮތީ ރާއްޖެއަށް. އިންޑިއާ ކަނޑުގެ މަސް ބޯއިކޮޓް ކުރަން ގޮވަމުންދިޔަ ދަނޑިވަޅެއްގައި، ކަނޑުމަހުގެ ސިޔާސީ ކޯޅުމުން މިއީ ރާއްޖެއަށް ލިބުނު ވަރުގަދަ މޮޅެއް.

ދިވެހި މަސް އޮޑިއެއްގައި، މަސްވެރިން ދޮށިން މަސް ބާނަނީ: ރީނދޫ އުރަހަ ކަންނެލި ބާނަން ޓޫނޭ ފެޑެރޭޝަނުން އެންމެ ބޮޑު ކޯޓާއެއް ދިނީ ރާއްޖެއަށް -- ފޮޓޯ: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
ދިވެހި މަސް އޮޑިއެއްގައި، މަސްވެރިން ދޮށިން މަސް ބާނަނީ: ރީނދޫ އުރަހަ ކަންނެލި ބާނަން ޓޫނޭ ފެޑެރޭޝަނުން އެންމެ ބޮޑު ކޯޓާއެއް ދިނީ ރާއްޖެއަށް -- ފޮޓޯ: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ

ދޮށީގައި ނުވަތަ ނަނުގައި ފަހަރަކު މަހެއް، ފަހަރަކު މަހެއް ބާނަމުން ގޮސް، މިދިޔަ ޖެނުއަރީ މަހު ދިވެހި މަސްވެރިން ބޭނި 10 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ރާއްޖެއިން ބޭރު ކުރި އެވެ. އެއާ ޖެހިގެން އައި ފެބްރުއަރީ މަހު ހަތް މެޓްރިކް ޓަނުގެ ކަންނެލި ރާއްޖެއިން ބޭރު ކުރި އެވެ.

މިގޮތަށް އެކްސްޕޯޓް ކުރަމުން ގޮސް، 47،000 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ރާއްޖެއިން މިއަހަރު ބޭރު ކުރެވިދާނެ އެވެ. އެކަމަކު ކޯޓާއަކީ އެއީ އެވެ. އޭގެ އިތުރަށް ދެން ރީނދޫ އުރަހަ ކަންނެލި ބޭރު ކުރާ ނަމަ ޖެހޭނީ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ އަމުރާ ހިލާފުވާށެވެ.

އެކަމަކު، އެ ކޯޓާއަކީ، ލިމިޓެއް ނޫނެވެ. ހަގީގަތުގައި އެއީ ދިވެހިރާއްޖެއަށް ލިބުނު ލައިފްލައިނެކެވެ. ޓޫނާ ކޮމިޝަނުން މިދިޔަ ޖެނުއަރީ މަހު ކަނޑައެޅި ކޯޓާތަކުގެ ދަށުން، އިންޑިއާ ކަނޑުން އެންމެ ގިނައިން ރީނދޫ އުރަހަ ކަންނެލި ބޭނުމުގެ ހުއްދަ ލިބިފައި އޮތީ ރާއްޖެއަށެވެ.

"އަޅުގަނޑުމެންނަށް މިވަގުތު އެންމެ ބޮޑު ފައިދާއަކީ ހުރަހެއް ނެތި މަސް ވިއްކަން ލިބުން. އެއީ އެކަން ނުކުރި ނަމަ މިއަދު ހަމަ މަސްވިއްކަން އަޅުގަނޑުމެންނަށް އުނދަގޫ ވީސް. މި މަސްވިއްކާ މާކެޓަށް، ޔޫރަޕަށް، ޔޫކޭއަށް، އެމެރިކާއަށް، މަސްވިއްކަން އުނދަގޫވީސް،" މިނިސްޓްރީ އޮފް ފިޝަރީޒްގެ އެންޑް އެގްރިކަލްޗާގެ ފިޝަރީޒް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދް، "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި 38 ގައުމު އޮވެ އެވެ. އޭޝިޔާގެ 22 ގައުމެއް އޮންނަނީ އިންޑިއާ ކަނޑުގަ އެވެ. އެފްރިކާގެ 13 ގައުމުގެ އެ ކަނޑުގައި އޮވެ އެވެ. އިންޑިއާ ކަނޑު ގޮސް އިނގިރޭސިވިލާތާ ވެސް ގުޅެ އެވެ. މިއީ ދުނިޔޭގެ މައި ފަސް ކަނޑުގެ ތެރެއިން ތިން ވަނައަށް އެންމެ ބޮޑު ކަނޑެވެ. މިހާރު ޖެހިގެން އުޅޭ މައްސަލައަކީ މިކަނޑުގެ ގައުމުތަކުން މާ ގިނައިން މަސް ބޭނުމެވެ. ހައްދެއް ނެތި މަސް ބޭނުމުގެ ސަބަބުން މަހުގެ ސްޓޮކް ދައްވުމެވެ. ތިމާވެއްޓަށް ގޮން ޖެހުމަށްފަހު ކުރާ މަސްވެރިކަމަށް ޔޫރަޕުން އެއްބާރުލުން ދޭން ބޭނުން ނުވުމެވެ. ނަތީޖާއަކީ ޔޫރަޕުން އިންޑިއާ ކަނޑުގެ މަސް ބޯއިކޮޓް ކުރުމެވެ.

އިންޑިއާ ކަނޑުން މަސް މަދުވާ ސަބަބަކީ ކޮބާ؟

އިންޑިއާ ކަނޑުގައި ރޮނގު ދަމައިގެން، ރާއްޖެއަށް ބައެއް، ބަންގާޅަށް ބައެއް، ސިލޯނަށް ބައެއް ބަހައިގެން އަހަރުމެން އުޅުނު ނަމަވެސް، މިކަނޑުގެ އެންމެ ޒަމާންވީ ވަޒަންވެރިން އެކަމެއް ނުދަނެވެ. ނުވަތަ އެކަމަށް ފަރުވާލެއް ނުބަހައްޓަ އެވެ.

ކަޅުބިލަމަސް ދަތުރުކުރަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ބަލައިގެނެއް ނޫނެވެ. އިންޑޮނީޝިއާ އަދި ތައިލެންޑު ކަނޑަކީ ވެސް ރީނދޫއުރަހަ ކަންނެއްޔަށް ގެ އެވެ. މަޑަގަސްކަރަ އަދި ސިޝެލްސްގެ ކަނޑުގައި ފަތާ ލައްޓި އާއި ރާގޮނޑި ދިވެހިރާއްޖެއަށް ވެސް އާދެ އެވެ.

އިންޑިއާ އާއި ޗައިނާއިން، އެ ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުން މަހަށް ނިކުމެ ބާނަނީ، އެ ގައުމުތަކަށް ހާއްސަ މަހެއް ނޫނެވެ. މިއީ ބޮޑު އެއް ވަށިގަނޑުގައި ހުރި މަހެވެ. ކޮންމެ ހިސާބަކުން ނަމަވެސް މި ވަށިގަނޑުން މަސް ނަގާ ވަރަކަށް، އެންމެނަށް އޭގެ އަސަރު ކުރެ އެވެ.

"އެންމެ އާދައިގެކޮށް ބުނާ ނަމަ، އަޅުގަނޑުމެން އެންމެ އާންމުކޮށް މި ބާނާ ކަނޑުމަހާ، ކަޅުބިލަމަހާ، ރީނދޫއުރަހަ ކަންނެއްޔަކީ ހަމަ މުޅި ކަނޑުގެ އެކި ތަންތަނަށް ސްޕޯންކުރަމުން، މާނައަކީ ބިސް އަޅަމުން ދާ މަސް. ވަކި ކަހަލަ ޕެޓާންއެއް ވެސް ނެތި، މި މަސް ދަތުރު ކުރަނީ," ފިޝަރީޒް ޑިޕާޓްމަންޓުގެ ވެރިޔާ ޒިޔާދު، ވިދާޅުވި އެވެ.

އިންޑިއާ ކަނޑުން ހައްދެއް ނެތި، އެތައް އަހަރުތަކެއް ވަންދެން މަސް ބޭނުމުގެ ނަތީޖާއަކީ، ކުރިން ހުރި މިންވަރަށް މި ކަނޑުގައި މިހާރު މަސް ނެތުމެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި އަހަރުމެން ދިވެހިން އެންމެ ބޮޑު ނަފައެއް ހޯދާ ކަނޑުމަހުގެ ބައެއް ބާވަތްތަކުގެ ސްޓޮކް މިހާރު އޮތީ ވަރަށް ދަށުގަ އެވެ. ރީނދޫއުރަހަ ކަންނެލީގެ ސްޓޮކް އޮތީ ވަރަށް ނުރައްކާތެރި ދަރަޖައަކަށް ހީނަރުވެފަ އެވެ. ލޯބޮޑު ކަންނެލީގެ ސްޓޮކު އެއަށްވުރެ ވެސް ދަށެވެ.

"އިންޑިއާ ކަނޑުން މިހާރު ބާނާ ރީނދޫ އުރަހަ ކަންނެލީގެ 37 ޕަސެންޓަކީ ޅަ، ބިސް ދޫކުރާ އުމުރަށް ނުދާ މަސް. ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މިއޮތީ ވަރަށް ބޮޑަށް ހީނަރުވެފަ. ސްޓޮކް އިއާދަ ކުރުމަށް މަސް ބޭނުން ވަރަށް ބޮޑުތަނުން މަދު ކުރަންޖެހޭ،" ދެމެހެއްޓެނިވި މަސްވެރިކަމާ ގުޅޭ ތަޖުރިބާކާރު ޑރ. ޓޮމް ޕިކެރެލް، ގްލޯބަލް ޓޫނާ އެލަޔަންސަށް ލިޔުއްވި އާޓިކަލެއްގައި ވިދާޅުވެފައިވެ އެވެ.

ޔޫރަޕުން ބޮއިކޮޓް ކުރުން އަދި ކަނޑުމަހުގެ ޕޮލިޓިކްސް

އިންޑިއާ ކަނޑުން ބާނާ ކަނޑުމަހުގެ ބައެއް ވައްތަރުތައް މިހާރު އޮތީ ރަތް ލިސްޓަށް އަރުވާފަ އެވެ. ރަތް ލިސްޓަށް އަރުވަނީ އެ ބާވަތެއްގެ މަހުގެ އާބާދީ ބޮޑުތަނުން ހީނަރުވެފައިވާކަން ފާހަގަވުމުންނެވެ. ރީނދޫ އުރަހަ ކަންނެލި އެ ލިސްޓުގައި އޮންނަތާ މިހާރު ހަތް އަހަރު ވަނީ އެވެ.

އިންޑިއާ ކަނޑުން ބާނާ މަހުގެ ކިތަންމެ އަގު ހުރި ނަމަވެސް، ހުޅަނގުގެ ގައުމުތަކުން އެ މަސް ގަންނާކަށް ބޭނުމެއް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ބާނާ މަސް ގަތުމަކީ، އެ ޖަރީމާގައި ބައިވެރިވުމެވެ. އެހެންވެ، އޭގެ އެންމެ ރަނގަޅު ހައްލަކީ އިންޑިއާ ކަނޑުން ބާނާ މަސް ބޮއިކޮޓް ކުރުން ކަމަށް ޔޫރަޕުންން ދެކުނެވެ.

"މަސް ގަންނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ޒިންމާއެއް އޮވޭ ސަސްޓައިނަބަލީ ސޯސްކުރާ މަސް ގަތުމަށް. އެމީހުން ނުބަލާ މަސް ވިއްކަނީ ރާއްޖޭގެ މީހެއްތޯ ނުވަތަ ލަންކާ މީހެއްތޯ. އެމީހުން ނުބަލާ ރާއްޖޭ މީހުން މަސް ބާނާ ގޮތެއް. މަހުގެ ސްޓޮކް ހަލާކުވެފަ އޮތިއްޔާމު އެ ސްޓޮކުން ކިތަންމެ ރީތިކޮށް ފަހަރަކު އެއްޗެއް ބޭނި ނަމަވެސް ގޯސްވާނީ ގޯހަށްތާ،" ހުޅަނގުގެ ގައުމުތަކުގެ ވިސްނުން، ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި ޒިޔާދު، އޮޅުންފިލުވައިދެއްވި އެވެ.

ޔޫރަޕުގެ ވިސްނުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެއަށެވެ. ރާއްޖެ ގޮތަށް މަސްވެރިކަމަށް މިހާ ބޮޑަށް ބަރޯސާވަނީ އިންޑިއާ ކަނޑުގެ މަދު ގައުމެކެވެ. ހާއްސަކޮށް، ހައްދެއް ނެތި މި ކަނޑުން މަސް ބާނާ ގައުމުތަކަށް ޔޫރަޕު މާކެޓު މުހިންމެއް ނޫނެވެ. ބާނާ މަސް ގައުމު ތެރޭގައި ވިއްކާލައިގެން ވެސް އެމީހުންނަށް އުޅެވިދާނެ އެވެ. އެކަމަކު ޔޫރަޕު މާކެޓު ރާއްޖޭގެ މަސްވެރިކަމަށް އިންތިހާށް މުހިންމެވެ.

އެ ވިސްނުމާ ހަނގުރާމަ ކުރުމަށް ދިވެހިން ވަރަށް ރަނގަޅަށް ތައްޔާރުވި އެވެ. އަދި ވަރުގަދަ ރޭވުންތަކާއެކު ނިކުމެ، ނެގޯޝިއޭޓް ކުރުމުގެ މަސައްކަތް ފެށި އެވެ. މައިގަނޑު ގޮތެއްގައި ރާއްޖެއިން ބުނި ވާހަކައަކީ، ހައްދެއް ނެތި އިންޑިއާ ކަނޑުން މަސް ބާނާ ބަޔަކީ ދިވެހިންކަމުގައިނުވާއިރު، އަހަރުމެން ވެސް ހިމަނައިގެން ބޯއިކޮޓްގެ ވާހަކަތައް ނުދެއްކުމެވެ.

"[އަޅުގަނޑުމެން ބުނި ވާހަކައަކީ، ކަނޑުމަހުގެ]ސްޓޮކް މިހާ ހިސާބަށް ދިޔައީ އަޅުގަނޑުމެންނާ ހެދީއެއް ނޫނޭ، ދާޖަހާ މީހުންނާ ހެދިއޭ. އެހެންވީމަ އެމީހުން ކުރި ކަމެއްގަ ދިވެހިރާއްޖެއަށް އަދަބު ނުދޭށޭ. އެހެންވެ އަސްލު ރީޓެއިލަރުން ކައިރީގަ މާކެޓް ކުރަން ލިބޭ ހުރިހާ ފަހަރަކު ވެސް އަޅުގަނޑު ދޭ މެސެޖަކީ އެއީ. އަޅުގަނޑުމެން ކުރި ކަމެއް ނޫނޭ މިއީ. އެކަމަކު މިކަން ހައްލު ކުރުމަށް ވެސް ހުރިހާ މަސައްކަތެއް ވެސް މި ކުރަނީ އަޅުގަނޑުމެންނޭ،" ޒިޔާދު ވިދާޅުވި އެވެ.

އެހެންކަމުން ބޯއިކޮޓް ކުރުމުގެ ވިސްނުން، ހަގީގަތަކަށް ނުހެދުމަށް ދިވެހިން ވަރަށް ބުރަ މަސައްކަތެއް ކުރަންޖެހުނެވެ. އެންމެ ބާރުގަދަ ކޮންޓިނެންޓުގެ އެންމެ ބާރުގަދަ ގައުމުތަށް ކައިރިއަށް ގޮސް، ނެގޯޝިއޭޓް ކުރަންޖެހުނެވެ. ބައެއް ފަހަރު މިފަދަ ވާހަކަދެއްކުންތައް ހޫނުވެ، ބައެއް ކަހަލަ އިންޒާރުތައް، ބާރުގަދަ ގައުމުތަކުގެ ދައުލަތްތައް ނިސްބަތްކުރާ ފަރާތްތަކުން ދިވެހިންނަށް ލިބިފައި އެބަހުއްޓެވެ.

"ބިހައިންޑް ދަ ސީންސް ވަރަށް ބައިވަރު ކަންތައްތަކެއް ހިނގައިގެން އަޅުގަނޑުމެންނަށް މަސްވިއްކާ މި ހުރިހާ ކަމެއް މި ކުރެވެނީ. ހަމަ އެކަނި ބޭނުމެއް ނޫން މިއޮތީ. މާކެޓުވެސް ގަބޫލުކުރަން ޖެހޭ. ޔޫރަޕިއަން ޔޫނިއަން ވެސް އަޅުގަނޑުމެންނާ ރަހުމަތްތެރިއެއް ނޫން. އަޅުގަޑުމެންނާ ދިމާލަށް ވެސް ބުނެފަ އެބަ ހުރި ޔޫރަޕަށް އެރިޔަވެސް ނުދޭނަމޭ ތިގޮތަށް ޔޫރަޕަށް ޖެއްސުން ކުރަންޏާ،" ފަރުދާގެ ފުރަގަހުގައި ހިނގާ ބައެއް ކަންކަން ޒިޔާދު ހިއްސާކޮށްލެއްވި އެވެ.

މިވަގުތަށް ރާއްޖެއަށް ހިތްހަމަޖެހޭ ވަރަށް މަސް ބޭނުމުގެ ހުއްދަ އޮތް ނަމަވެސް، އިންޑިއާ ކަނޑު މަހުގެ ސްޓޮކު ހަލާކުވެއްޖެ ނަމަ ކޯޓާއެއްގެ ބޭނުމެއް ނެތެވެ. މިކަމަށް އެންމެ ބޮޑަށް ވިސްނަންޖެހޭނެ އެއް ބަޔަކީ ދިވެހިންނެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭ ނާރު ނޫންތޯ އެވެ؟

"ލޯންގް ޓާމްގަ ސަސްޓައިނަބަލްނޫން ސްޓޮކެއް އޮވެ، ސްޓޮކް ހަލާކުވެ، މަސްތައް ހުސްވެ، މި ހުރިހާ ކަމެއް ވުން އެއީ ދިވެހި ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ވާނީ. އަޅުގަނޑުމެން ކަހަލަ ވަރަށް ބޮޑަށް ސްޓޮކަށް ބަރޯސާވާ ބަޔަކަށް ވީމަ ސްޓޮކް ރަނގަޅު ހާލަތަކަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމަށް އަޅުގަނޑުމެން ދެކެނީ. މި އަޅުގަނޑުމެންގެ ދަރިންގެ ދަރިން ވެސް ވިސްނުމުގައި ހުންނަން ޖެހޭނެ ދެއްތޯ؟،" ނިންމާލައްވަމުން ޒިޔާދު ވިދާޅުވި އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox