މީގެ ފަސް އަހަރު ކުރިން ވަރަށް އަނިޔާވެރިކޮށް ވަޅިން ހަމަލާދީ ބްލޮގަރު ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވި ދެ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމް ކުރި ނަމަވެސް، އެ މައްސަލާގައި ފުރިހަމަ އިންސާފު ލިބުނުކަމަށް ގަބޫލުނުކުރާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ހަތަރު އަހަރަށް ފަހު ކްރިމިނަލް ކޯޓުން މިރޭ ނިންމި އެ މައްސަލައާއި ގުޅިގެން "އަދަދު"އާ ވާހަކަ ދައްކަމުން ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ބުނީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވި ދެމީހުންގެ އިތުރުން ދައުވާއިން ސަލާމަތްވި ހަތަރު މީހުންގެ ފަހަތުގައި ބަޔަކު ވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އަދި އެމީހުން ނުހޯދި އިންސާފު ލިބުނު ކަމުގެ އިހްސާސް ނުކުރެވޭނެކަން އޭނާ ފާހަގަކުރި އެެވެ.
ޝަފީގާ ބުނި ގޮތުގައި ޔާމީންއާއި އެމީހުންނާމެދު އެއްވެސް އަދާވާތްތެރިކަމެއް ނެތެވެ. ދައުލަތުން ދައުވާ އުފުލި ހަ މީހުންނަކީ ޔާމީންއާ އެއްވެސް ދާއިރާއަކުން "ޗެލެންޖް" އަންނަން ޖެހޭ ވަރުގެ ބަޔަކު ނޫން ކަމަށްވެސް އޭނާ ދެކެ އެވެ. އެހެންވެ އޭނާ ގަބޫލުކުރަނީ ޔާމީންގެ މަރުގެ ފަހަތުގައި އަދިވެސް ގޮތް ނޭނގޭ އެތައް ކަމެއް ހުރި ކަމަށެވެ.

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ މިކުދިންނަކީ މީ އެކަން ކުރި ކުދިން ކަމަކަށް. އެކުދިން ލައްވާ ބަޔަކު ކުރި ކަމެއް ކަމަށް އަދިވެސް ގަބޫލު ކުރެވެނީ" ޔާމީންގެ މަންމަ ބުންޏެވެ.
ޝަފީގާ ބުނީ އެ މައްސަލަ ރިޔާސީ ކޮމިޝަނުން އިތުރަށް ތަހުގީގު ކުރުމަށް އެދޭ ކަމަށެވެ. އަދި އެ މައްސަލައިގެ ފުނާ ހިސާބަށް ވާސިލް ނުވެވި، ފުރިހަމަ އިންސާފު ލިބުނު ކަމަށް ގަބޫލުނުކުރެވޭނެ ކަމަށާއި، އާއިލާއަށް ބިރުވެރިކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ.
"ފަންޑު ކުރި ބަޔަކު ތިބިކަން އެންމެ ބޮޑަށް ފާހަގަވީ އެ މީހުންގެ ލޯޔަރުން ފެނިފައި، ހައި ޕެއިޑް ލޯޔަރުން އެމީހުންގެ ވަކީލުންނަށް ތިބީ. އޭގެންވެސް އެނގެނީ ބޮޑެތި ބަޔަކު ފަހަތުގައި ތިބިކަން. އެމީހުން ހޯދުނީމަ ހިތްހަމަ ޖެހުމެއް ލިބޭނީ" ޔާމީންގެ މަންމަ ބުންޏެވެ.
ދެ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް
ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
އަދަބު ކަނޑައަޅަން ވާރިސުން ބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި، ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަފީގާ ވަނީ ގިސޯސް ހިފަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
ގިސޯސް ހިފަން ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ބޭނުންވި ނަމަވެސް، ވާރިސުންގެ ތެރެއިން އެންމެ މީހަކު ގިސޯސް ހިފަން ބޭނުން ނުވިޔަސް، މަރުގެ އަދަބެއް ނުދެވޭނެ އެވެ.
އެއާއެކު، ކޯޓުން މިރޭ ވަނީ ހައިޝަމްގެ އިތުރުން ޒިހާންގެ މައްޗަށް ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމާއެކު އުމުރަށް ޖަލަށްލުމުގެ ހުކުމެއް އިއްވައި، އެ ދެ މީހުން މިހާރު ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު، 20 އަހަރާއި ތިން މަހާއި 19 ދުވަހަށް ޖަލަށް ލުމަށް އަމުރުކޮށްފަ އެވެ.
ގިސޯސްހިފުމުގެ ބަދަލުގައި ދިޔަ ނަގައިދިނުމަށް ޔާމީންގެ މަންމަ އެދިފައިވާތީ، ކޯޓުން މިރޭ ވަނީ މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދިނުމަށްވެސް ހުކުމްކޮށްފަ އެވެ.
ދެން ތިބި މީހުން ސަލާމަތްވި
އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.
އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.
ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮަސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.













