މީގެ ފަސް އަހަރު ކުރިން ވަރަށް އަނިޔާވެރިކޮށް ވަޅިން ހަމަލާދީ ބްލޮގަރު ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވި ދެ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
އަދަބު ކަނޑައަޅަން ވާރިސުން ބަސް ނެގުމަށް ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި، ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަފީގާ ވަނީ ގިސޯސް ހިފަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
"އިންސާނަކަށްވީތީ ދިރިހުރުމަކީ އަސާސީ ހައްގެއްކަމަށް ދަރިފުޅު ދެކޭ. އެ ހައްގު އަޅުގަނޑުގެ ދަރިފުޅުގެ ކިބައިން ވަނީ ނިގުޅައި ގަނެފައި. ވީމާ ގިސޯސްހިފާކަށް ބޭނުމެއް ނޫން،" ޔާމީންގެ މަންމަ
ގިސޯސް ހިފަން ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ބޭނުންވި ނަމަވެސް، ވާރިސުންގެ ތެރެއިން އެންމެ މީހަކު ގިސޯސް ހިފަން ބޭނުން ނުވިޔަސް، މަރުގެ އަދަބެއް ނުދެވޭނެ އެވެ.

އެއާއެކު، ކޯޓުން މިރޭ ވަނީ ހައިޝަމްގެ އިތުރުން ޒިހާންގެ މައްޗަށް ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމާއެކު އުމުރަށް ޖަލަށްލުމުގެ ހުކުމެއް އިއްވައި، އެ ދެ މީހުން މިހާރު ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު، 20 އަހަރާއި ތިން މަހާއި 19 ދުވަހަށް ޖަލަށް ލުމަށް އަމުރުކޮށްފަ އެވެ.
ގިސޯސްހިފުމުގެ ބަދަލުގައި ދިޔަ ނަގައިދިނުމަށް ޔާމީންގެ މަންމަ އެދިފައިވާތީ، ކޯޓުން މިރޭ ވަނީ މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދިނުމަށްވެސް ހުކުމްކޮށްފަ އެވެ.
ދެން ތިބި މީހުން ސަލާމަތްވި
އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.
އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.
މީގެ ތެރެއިން ޝިފާޒާއި ދިފްރާންގެ މައްޗަށް ކުރީ ޔާމީން ރަޝީދަށް ފާރަލުމާއި އެ ކުށުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ޝިފާޒް ސަލާމަތްވީ ޔާމީނަށް ފާރަލީ އޭނާ މަރާލަންކަން ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އެވެ. ދިފްރާންގެ މައްޗަށް ކުށް ސާބިތުކުރަން ޔާމީނަށް ފާރަލާކަމުގެ ފޮޓޯގެ އިތުރުން ސިއްރު ހެކިވެރިއެއްގެ ހެކިބަސް ދައުލަތުން ހުށަހެޅި ނަމަވެސް، ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅީ ގަތުލުގެ ނިޔަތްއޮތް ކަމަށް ސާބިތުކޮށްދެވިފައިނުވާތީ އެވެ.
ދެން މި މައްސަލައިގައި ތުހުމަތުކުރާ އިސްމާއިލް ރަޝީދުގެ މައްޗަށް އުފުލީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުކުރަން ދައުލަތުން ޙުށަހެޅި ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގެ އިތުރުން ފޮރެންސިކް ރިޕޯޓުގައި އެހެން މީހެއްގެ ނަން ބޭނުންކޮށްފައިވާތީ އެ ދެ ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.
ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮަސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.












