މާފުދިނުމާއި އަދަބު ލުއިކޮށްދޭން އެދި ރައީސަށް އިސްތިމާސްކުރުމުން އެ އިލްތިމާސް ދިރާސާކޮށް، ލަފާދޭ ކްލިމެންސީ ބޯޑުން މިދިޔަ އަހަރު 600 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށާއި އެެއީ ރެކޯޑެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ކްލިމެންސީ ބޯޑަކީ އޭޖީ އޮފީހުގެ ދަށުުން މަސައްކަތް ކުރާ ބޯޑެކެވެ.
އޭޖީ އޮފީހުން މިއަދު ބުނި ގޮތުގައި މިދިޔަ އަހަރަކީ މިދިޔަ 11 އަހަރުގެ ތެރޭގައި ކްލިމެންސީ ބޯޑުން އެންމެ ގިނަ މައްސަަލަ ނިންމި އަހަރެވެ. މިދިޔަ އަހަރު އެބޯޑުން 609 މައްސަލަ ނިންމި އިރު އެެއީ މިދިޔަ 11 އަހަރު ދުވަހު، އެވްރެޖްކޮށް އަހަރަކު ނިންމި މައްސަލަތަކުގެ އަދަދާއި އަޅައި ބަލާއިރު 356 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ކްލިމެންސީ ބޯޑުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބާއްވަން އެޖެންޑާކުރި އެއްވެސް ބައްދަލުވުމެއް، ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފައި ނުވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން މިހެން ބުނި ނަމަވެސް މާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސަަށް ކުރާ އިލްތިމާސްތައް ކްލެމެންސީ ބޯޑުން ނުބެލި ލަސްވާ ކަމަށް ބުނެ ގައިދީން އަބަދުވެސް ޝަކުވާ ކުރެ އެވެ. އެ ބޯޑުން ގޮތް ނިންމުން ލަސްވުމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ގިނަ އަދަދަކަށް ލިބިގެން 2020 ވަނަ އަހަރުގެ ފަހުކޮޅު ބޯޑުގެ މެމްބަރުން އެކޮމިޓީއަށް ވެސް ހާޒިރު ކުރި އެވެ.

އެ އަހަރުގެ ނޮވެމްބަރު މަހު ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މައްސަލަތައް ލަސްވުމުގެ 40 އަށް ވުރެ ގިނަ ޝަކުވާ އެހާތަނަށް ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ ހަތް މައްސަލައެއްގެ ޝަކުވާ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައިދީންތަކެއް ސޮއިކޮށް ރައީސަށް ހުށަހަޅަން އެންމެ ފަހުން ތައްޔާރުކުރި ޕެޓިޝަނުގައި އޮތް އެއް ޝަކުވާއަކީ ވެސް ކްލެމެންސީ ބޯޑުން މައްސަލަތައް ނިންމުން ލަސްވާ ކަމުގެ ޝަކުވާ އެވެ.











