މި ދުވަސްވަރު އޮއިވަރު ވަރަށް ބާރު ކަމަށާއި ނުރައްކާތެރި ހާދިސާތައް ހިނގާފާނެތީވެ ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސްއިން ބުނީ އިރުވައި މޫސުމުގެ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުގައި، ވަކިން ހާއްސަކޮށް މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ އޮއިވަރު ގަދަ ދުވަސްވަރެއް ކަމަށާއި މޫދާއި ކަނޑުމަތީގެ އެކިއެކި ހަރަކާތްތައް ހިންގާއިރު ހާއްސަ ސަމާލުކަމެއް ދޭން އެދޭ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކާއި، ޑައިވަރުންނާއި ސްނޯކެލިންއަށްދާ ފަރާތްތައް އޮޔާގޮސް ނުފެންނަކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށެވެ.
"ހާއްސަ ގޮތެއްގައި މޫދު ކުޅިވަރުތައް އިންތިޒާމް ކުރައްވާ ފަރާތްތަކުންނާއި ޑައިވް ކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ،"އެމްއެންޑީއެފުގެ ބަޔާނުގައިވެ އެވެ.
މޫދު ކުޅިވަރު ކުޅޭ ފަރާތްތަކުން ލައިފް ޖެކެޓް އަޅައިގެން ތިބުވުމަށާއި، ލައިފް ގާޑުން އަދި ލައިފްބޯޓުން މީހުންނަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސެވުމަށް ބުނެފައިވެ އެވެ.

މީޓިއޮރޮލޮޖީން އެންމެ ފަހުން ނެރެފައިވާ "ހުދު ސަމާލު"ގައި ބުނެފައިވާ ގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.













